އަންނަ ސީޒަންގައި ފްރާންސްގެ ޕީއެސްޖީގެ ކޯޗަކަށް ބުރޫޝިއާ ޑޯޓަމުންޑްގެ ކުރީ ކޯޗް ތޯމަސް ޓްޗެލް ހަމަޖައްސައިފި އެވެ.
މި ސިޒަންގައި ޕީއެސްޖީއަށް ފާރާންސް ލީގާއި ފްރާންސް ކަޕް ހޯދައިދިން ސްޕެއިންގެ ކޯޗް އުނައި އެމްރީ ވަނީ، ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމާފަ އެވެ. ޕީއޭސްޖީގެ ކޯޗް ކަމާ އޭނާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޕީއެސްޖީން އޭނާ އާ އެކު ސޮއި ކުރީ ތިން ވަނަ އަހަރަކަށްވެސް އޭނާ ބެހެއްޓުމުގެ އިހްތިޔާރު ޕީއެސްޖީއަށް އޮންނަ ގޮތަށެވެ. ނަމަވެސް ޕީއެސްޖީ ދޫކޮށްލަން އެމްރީ ނިންމީ އަމިއްލަ އަށެވެ.
ފްރާންސް ލީގާއި ކަޕް ކާމިޔާބު ކުރެވުނަސް، ވަރުގަދަ ޓީމަކާއެކު ޗެމްޕިއަންސް ލީގްގެ ރަނގަޅު ހިސާބަކަށް ނުދެވުމުން، އެމްރީއަށް ފާޑު ކިޔުން އަމާޒުވި އެވެ. ގުރޫޕް ސްޓޭޖުގައި ވަރުގަދަ ބަޔާން މިޔުނިކް ބަލިކޮށް ދެ ވަނަ ބުރަށް ދެވުނު ނަމަވެސް، އެއަށްވުރެ ދުރަށް އެ ޓީމަކަށް ނުދެވުނެވެ. ވަރުގަދަ ރެއާލް މެޑްރިޑް އަތުން ދެ ލެގްގައިވެސް ޕީއެސްޖީ ބަލި ވީ އެވެ.
ޓްޗެލް އާއެކު ޕީއެސްޖީން އެއްބަސްވުން އެކުލަވާލީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. މެނިޒް އާއި ޑޯޓަމުންޑަށް ކޯޗް ކޮށްދިން ޓްޗެލް އެންމެ ފަހުން ކޯޗް ކޮށްދިނީ ޑޮޓަމުންޑަށެވެ. ޑޯޓަމުންޑްގައި މިދިޔަ ސީޒަންްގައި ޓްރާންސްފާގެ ކަންކަން ދިޔަ ގޮތުން އެކަމާ ހިތްހަމަ ނުޖެހި އޭނާ ޑޯޓަމުންޑް ދޫކޮށްލީ އެވެ.
ޑޯޓަމުންޑްގައި އޭނާ ކުރި މަސައްކަތައް ތައުރީފް އޮހުނެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ޑޯޓަމުންޑުން ރީތި ފުޓްބޯޅައެއް ކުޅުނެވެ. ޑޮޓަމުންޑް ކުޅުނީ ރަނގަޅު ސިސްޓަމަކަށެވެ. އޭނަގެ ގޭމް ސިސްޓަމުގައި ޒަމާނީ ފުޓްބޯޅައިގެ ހުރިހާ އެލެމެންޓްތަކެއް ހުއްޓެވެ.