ކުރިއަށް އޮތް ވޯލްޑްކަޕަށް މިސްރުގެ ސްކޮޑު އެކުލަވާލައިފި އެވެ. އެ ޓީމުގައި އެންމެ ނަން ހިނގާ ކުޅުންތެރިޔަކަށް ވާނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ސަލާހް އެވެ. ނަމަވެސް އެ ޓީމުގައި ތަރި އަކީ އޭނާ އެކަންޏެއް ނޫނެވެ.
އާސެނަލްގެ މިޑްފީލްޑާ މުހައްމަދު އެލްނިނީ އާއި ސްޓޯކް ސިޓީގެ ރަމަދާން ސޮބީހީގެ އާއި ވެސްޓް ބްރޯމްގެ ދެ ޑިފެންޑަރުން ކަމަށްވާ އަހްމަދު ހެގާޒީ އާއި އަލީ ޖަބަރު އަކީ މިސްރުގެ ޓީމުން ފާހަގަ ކުރެވޭ ކުޅުންތެރިންނެވެ. އެލްނިނީ ސްކޮޑުގައި ހިމެނި އިރު އޭނާ މިހާރުވެސް ދަނީ އޭނާގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއަކުން ރިކަވާ ވަމުންނެވެ.
އެ ޓީމުގެ ތަޖުރިބާކާރު ގޯލްކީޕަރު އީސަމް އަލް ހާދަރީ އަކީ މުޅި މިސްރު ޓީމުގައިވެސް ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އުމުރުން 45 އަހަރުގެ ކުޅުންތެރިޔާގެ އަމާޒަކީ ވޯލްޑްކަޕު ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށް ވުމެވެ.
އެސްޓަން ވިލާގެ އަހްމަދު އެލް މުހައްމަދީ އާއި ވިގަންގެ މިޑްފީލްޑާ ސޭމް މޯސީ އަކީވެސް ޓީމުގައި ހިމެނޭ މަޝްހޫރު ކުޅުންތެރިންނެވެ.
މިސްރުގެ ކޯޗް ހެކްޓާ ކޫޕާ ވަނީ މިފަހަރުގެ ސްކޮޑުން މުޅިން އާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އޭނާ އަށް އެންމެ ބޮޑަށް ފަޑު ކިޔުން އަމާޒުވީ އަރަބި އެމިރޭޓްސްގެ އަލް އައިން އަށް ކުޅެމުން އަންނަ ހުސައިން އަލް ޝާހަތު ސްކޮޑުގައި ނުހިމެނުމުންނެވެ. ފާޑު ކިޔުން އެހާބޮޑަށް އަމާޒުވީ ލީގްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުންވެސް މިސްރުގެ ސްކޮޑުން އޭނާ އަށް ފުރުސަތު ނުދިނުމުންނެވެ. ކޫޕާ ވަނީ އޭނާގެ ސްކޮޑުން ޝަހަތު އަށް ފުރުސަތު ނުދިން ސަބަބުން ހާމަ ކޮށްފަ އެވެ.
"އޭނާ އާއި މި ޓީމުގައި ހިމެނޭ އެހެން ކުޅުންތެރިންނާ އަހަަރެމެން އަޅާ ކީން، އަދި އަހަރެމެން ނިންމީ އޭނާ ސްކޮޑުގައި ނުހިމަނަން،" ކޫޕާ ބުންޏެވެ. "އޭނާ އަހަރެމްނާއެކު ހުރީ އެންމެ ފަހު ކޭމްޕްގައި، އޭނާ އަކަށް މާބޮޑަކަށް ނޭންގެ އަހަރެމެން ކުޅޭ ގޮތެށް."
އަހަރެން އޭނާ [ހުސައިން އަލް ޝާހަތު] ނަގައިފިނަމަ އަހަރެން ޖެހޭނެ މުހައްމަދު ސަލާހް އާއި ރަމަދާން ސޮބީހީ މުހައްމަދު [ޓްރެޒިގޭޓް] ހަސަން ދޫކޮށްލަން."
މިސްރު ހިމެނެނީ މުބާރާތް ބާއްވާ ގައުމު ރަޝިއާ އާއި ސައުދީ އަރަބިއްޔާ އަދި އުރުގުއޭ އާއެކު ގޫރޫޕް "އޭ" ގައެވެ.