ކުޅިވަރު

އެސޯސިއޭޝަންކަޕް އަންހެން ޗެމްޕިއަންކަން މާފަންނު

ފައިނަލުގައި ކުލަބު ވެމްކޯގެ މައްޗަށް ކާމިޔާބު ހޯދައި ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މާފަންނު ޔޫތު ޑިވްލަޕްމެންޓް އެސޯސިއޭޝަން ހޯދައިފި އެވެ.

މާފަންނު ފައިނަލު މެޗު ކާމިޔާބު ކުރީ ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ހުރިހާ ސެޓެއް ދިޔައީ ވަރަށް ވާދަ ވެރިކޮށެވެ. ފުރަތަމަ ދެ ސެޓް މާފަންނު ޓީމު ކާމިޔާބު ކުރީވެސް 52-22 ސްކޯ އަކުންނެވެ.

މެޗު ކާމިޔާބު ކުރެވެން އޮތް ތިން ވަނަ ސެޓް އެ ޓީމު އަތުން ގެއްލުނީ ދެ ޕޮއިންޓްގެ ތަފާތަކުންނެވެ. ވެމްކޯއިން ސެޓް ކާމިޔާބު ކުރީ 25-23 ންނެވެ. ތިން ވަނަ ސެޓް ވެމްކޯއިން ކާމިޔާބު ކުރުމުން އިތުރު ސެޓެއް ކުޅެން ޖެހުނެވެ.

ހަތަރު ވަނަ ސެޓް ވެމްކޯ ކާމިޔާބު ކުރީ ބޮޑު ތަފާތަކުންނެވެ. އެ ޓީމުން ސެޓް ކާމިޔާބު ކުރީ 25-15 ންނެވެ. ނަމަވެސް ފަހު ސެޓް ގެންގޮސް މާފަންނު ޔޫތު ޑިވްލަޕްމެންޓުން މެޗު ކާމިޔާބު ކުރި އެވެ. އެ ޓީމުން ސެޓް ކާމިޔާބު ކުރީ ހަ ޕޮއިންޓްގެ ތަފާތަކުންނެވެ. އެއީ 15-9 ންނެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާފަންނު ޔޫތު ޑިވްލަޕްމެންޓްގެ އައިޝަތު މާޖިދާ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް އޭނާ އެވެ.