ކާނާ

މިފަހަރު އެންމެ ފޯރިގަދައީ "މަމްސް"ގެ މާހެފުން

"މަމްސް އެމްވީ" އޭ ބުނީމަ އެންމެނަށް ނޭނގިދާނެ އެވެ. އެކަމަކު ފޭސްބުކްގައި އުޅޭ، މަންމައިންނަށް މީ ކޮން ބައެއްކަން ރަނގަޅަށްވެސް އިނގޭނެ އެވެ. ދިވެހި މަންމައިންއަށް ހާއްސަކޮށްގެން 2016 ވަނަ އަހަރު ފޭސްބުކްގައި ހިންގަށް ފެށި މި ގްރޫޕަކުން މި ވަނީ މާހެފުމުގެ ފޯރި ވަރުގަދަ ކޮށްލައިފަ އެވެ. ރާއްޖެ އާއި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހި މަންމައިން އެ ގްރޫޕްގައި ބައިވެރިވާ އިރު މި އެންމެން އެކުވެގެން އެ ބަޔަކު ތިބި ސަރަހައްދެއްގައި މި އަންނަނީ "މަމްސް" ގެ މާހެފުންތައް ބާއްވަމުން އެވެ. މުލަ ރޯދައަށް އެންމެ ދުވަހެއް ބާކީ އޮތް އިރު، މަންމްސް އެމްވީ ގްރޫޕްގެ ތެރެއިން ވައިގައި ހިފި މަންމްސްގެ މާހެފުންތަކަށް އަދިވެސް ނިމުމެއް ނެތެވެ.

މި ގްރޫޕްގެ ހިމެނޭ ހުރިހާ މަންމައިން އިސްނަގައިގެން އިއްޔެ ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މާހެފުމެއް ބާއްވާފަ އެވެ. އެ ގްރޫޕުން ބުނީ މި ހަރަކާތް ކުރިއަށް ގެންދިޔައީ މަންމައިގެން މެދުގައި އެކުވެރިކަން އާލާކޮށް، އެކަކު އަނެއްކަކާ ބައްދަލުކޮށް އުފާކޮށްލުމުގެ މަގުސަދުގައި ކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔަ ރަށްތަކުގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލެ، ލ.ގަން، ސ.މީދޫ، ހދ.ކުޅުދުއްފުށި، ހދ.މަކުނުދޫ، ވ.ފެލިދޫ، ސ.ފޭދޫ، ޅ.ނައިފަރު، ރ.ދުވާފަރު، ތ.ދިޔާމިގިލި، ޏ.ފުވައްމުލަކު، ކ.މާފުށި، އއ.ތޮއްޑޫ، ނ.ކެދިކޮޅުދޫ، ލ.ފޮނަދޫ އަދި މީގެ އިތުރުން އަވަށްޓެރި ސްރީލަންކާ ހިމެނެ އެވެ.

މާހެފުންތަކުގައި ޝަރަފުވެރި މެހެމާނުންނާއި ބޮޑުބެރު ގުރޫޕްތަކުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ތަފާތު ކުޅިވަރުތައްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިހަރަކާތް އެހާ ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށް އެހީތެރިވި ފަރާތްތަކަށް އެ ގްރޫޕުންވަނީ ފަށްފަށުން ޝުކުރު އަދާކުރެ އެވެ.

ހުސް އަންހެނުން ބައިވެރިވާ މި ގްރޫޕަކީ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި މަންމައިންނަށް ބޭނުންވާނެ ތަފާތު މައުލޫމާތުތައް ގެނެސްދޭ ގްރޫޕެކެވެ. އަދި މަންމައިންއަށް ދިމާވާ އެކި މައްސަލަތަކުގައި މަޝްވަރާކޮށް ކަންކަމަށް ހައްލު ހޯދުމުގައި ވެސް މި ގްރޫޕްގެ އެހީތެރިކަން މަންމައިން އަންނަނީ ހޯދަމުން އެވެ. އަދި ދަރިން ބެލުމުގެ ތަޖުރިބާތަކާއި ޓިޕްސްތައް ވެސް މި ގްރޫޕްގެ ތެރެއިން މަންމައިންއަށް ބުނެދެ އެވެ.

މައުލޫމާތު ހިއްސާކުރުމާއި، އެހީއަށް އެދޭ ފަރާތްތަކަށް މި ގްރޫޕްގެ މެމްބަރުން އެހީ ފޯރުކޮށްދިނުމުގެ އިތުރުން ކުޑަކުދިންގެ ހިޔާއަށް މި ގްރޫޕް މެމްބަރުން ވަނީ ތަފާތު ތަކެތި ހަދިޔާކޮށްފަ އެވެ. ކޮންމެ އަހަރަކުވެސް މިފަދަ އެހީތައް އެ ގްރޫޕުން އިސްނަގައިގެން ކުޑަކުދިންގެ ހިޔާއަށްވެޔެ އެވެ. މިއީ ފޭސްބުކްގެ ތެރެއިން އުފެދިގެން އައި ދިވެހި މައިންގެ ނަމޫނާ ގްރޫޕެކެވެ.