ހަބަރު

އެސެޓް ރިކަވަރީ ކޮމިޝަންގެ މުއްދަތު އަންނަ ނޮވެމްބަރަށް އިތުރުކޮށްފި

ކޮރަޕްޝަނުގެ ތެރެއިން ދައުލަަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ސްޓޭޓް އެސެޓް ރިކަވަރި ކޮމިޝަނުގެ މުއްދަތު އަންނަ ނޮވެމްބަަރު މަހާ ހަމަައަށް އިތުރުކުރައްވައިފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައި ގަންނަވާ ބާރުގެ ދަށުން އެއް އަހަރު ދުވަހަށެވެ. އެގޮތުން އެކޮމިޝަނުގެ މުއްދަތު ހަމަވާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު އަޒްލީން ވިދާޅުވީ ކޮމިޝަނުގެ މުއްދަތު އަންނަ ނޮވެމްބަރާ ހަމަައަށް ރައީސް އިތުރުކޮށްދެއްވާފައިވާ ކަމަށެވެ.

" މިއަދު އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މިވަނީ ނިންމަވާފައި ކޮމިޝަނުގެ މަސައްކަތް ނޮވެމްބަރުގެ ނިޔަލަށް ކުރިއަށް ގެެންދަން. މަސައްކަތްތައް ވަރަށް ގިނަ މަސައްކަތްތައް މިހިރީ މެދުތެރޭގައި އަދި" އޭނާ ވިދާޅުވިއެވެ

މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވެސް މިނިސްޓަރު ވިދާޅުވީ 29.7 ބިލިޔަން ރުފިޔާ އަކީ ބަލާ ނިންމާފައިވާ މައްސަލަތަކާއި ބަލަމުން އަންނަ މައްސަލަތަކުން ލިބެން ޖެހޭކަން އެނގިފައިވާ ފައިސާ ކަމަށެވެ.

"މިހާތަނަށް މިކުރެވުނު މަސައްކަތުގެ ތެރެއިން ނަވާވީސް ބިލިޔަން ހަތްސަތޭކަ ތިރީސް ފަސް މިލިޔަން ދުއިސައްތަ އެއްތިރީސް ހާސް ހަތް ސަތޭކަ ތިރީސް ހަތް ރުފިޔާ ހަ ލާރި، އަޅުގަނޑުމެން ބަލަމުން މިދާ މައްސަލަތަކާ ބަލާ ނިމިފައިވާ މައްސަލަތަކުން ދައުލަތަށް ލިބެން ޖެހޭ ކަމަށް މި މައްސަލަތަކުން އެބަ ފާހަގަ ކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ފައިސާގެ ތެެރެއިން 3.8 ބިލިޔަން ރުފިޔާގެ މައްސަލަ މިހާރު ބަލައި ނިިމިފައިވާ ކަަމަށެވެ. އަދި ވިދާޅުވީ 25.8 ބިލިޔަން ރުފިޔާގެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބަލައި ނިމުނު މައްސަލަތަކުގެ ތެރެއިން އެޓާނީ ޖެނެރަލްގެ އޮފީހަށް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހޭ މައްސަލަތައް އެއޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

" މިހިސާބުން އަދި މިކަން ނިމުނީކީ ނޫން. މީގެ ބައެއް މައްސަލަތައް މިނިސްޓްރީ އޮފް ފިނޭންސާ ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ބައެއް ފައިސާތައް ވަނީ ލިބިފައި. އަނެއްބައި ފައިސާތައް ދެއްކުމުގެ މަރުހަލާގައި ކަންތައްތައް އެބަ ކުރިއަށްދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 29.7 ބިލިޔަން ރުފިޔާ ދައުލަތަށް ލިބެން ޖެހޭކަން އެނގުނަސް އެފައިސާ ލިބުން ބިނާވެފައި އޮތީ ރާއްޖޭގެ ކޯޓުތަކުން ކުރާ ހުކުމްތަކުގެ މައްޗަށް ކަމަށެވެ.