ހަބަރު

މިސަރުކާރުގެ ކޮރަޕްޝަން މައްސަލައެއް ނުބަލަން: ރިކަވަރީ ކޮމިޝަން

ކޮރަޕްޝަނުގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް އުފައްދަވާފައިވާ ސްޓޭޓް އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި މިސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލައެއް ނެތް ކަމަށް އެކޮމިޝަނުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނުގެ ރައީސް އަދި ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވީ އެއްވެސް ސަރުކާރަކަށް ނިސްބަތްވާ ކޮރަޕްޝަން މައްސަލައެއް ނެތް ކަމަށެވެ. ކޮރަޕްޝަންގެ މައްސަލައެއް ނިސްބަތްވާނީ އެފަދަ އަމަލުތައް ހިންގާ މީހުންނަށް ކަމަށެވެ. އަދި މި ސަރުކާރަކީ އެފަދަ އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އަދަބު ދޭ ސަރުކާރެއް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

" މިސަރުކާރަށް ނިސްބަތްވާ ކަރަޕްޝަން މައްސަލައެއް އަޅުގަނޑުމެންނަކަށް ނާދޭ އިނގޭތޯ. އެއްވެސް ސަރުކާރަކަށް ނިސްބަތްވާ ކަރަޕްޝަނެއް ނުހުރޭ. ކަރަޕްޝަން ހިންގާ މީހުންނަށް ދެއްތޯ މައްސަލަތައް ނިސްބަތް ވާނީ. މިހާރު އެނގިވަޑައިގަންނަވާނެ މިސަރުކާރު ތެރޭގައި އުޅުއްވި ބައެއް ބޭބޭފުޅުން އެވަނީ ދައުލަތުގެ ކަމާ ގުޅުން ހުރި ދިމަދިމާލުން މައްސަލަތައް ބެލިފައި. ތަހުގީގު ކުރެވި ކޯޓުތަކުން ހުކުމްކޮށް ހުކުމާ އެއްކޮށް ހުކުމް ތަންފީޒުކުރަމުން ނޫންތޯ އެފަރާތްތަކުން އެދަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮމިޝަނުން ބަލަމުން އަންނަނީ ވަކި ސަރުކާރަރަކަށް ނިސްބަތްވާ މައްސަލަތައް ނޫން ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބި ވަޑައި ގަންނަވާ ބާރުގެ ދަށުން މިދިޔަ އަހަރުގެ ޖުލައިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހަށެވެ. އެގޮތުން އެކޮމިޝަނުގެ މުއްދަތު ހަމަވާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު އަޒްލީން ވިދާޅުވީ ކޮމިޝަނުގެ މުއްދަތު އަންނަ ނޮވެމްބަރާ ހަމަައަށް ރައީސް އިތުރުކޮށްދެއްވާފައިވާ ކަމަށެވެ.

"މިއަދު އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މިވަނީ ނިންމަވާފައި ކޮމިޝަނުގެ މަސައްކަތް ނޮވެމްބަރުގެ ނިޔަލަށް ކުރިއަށް ގެެންދަން. މަސައްކަތްތައް ވަރަށް ގިނަ މަސައްކަތްތައް މިހިރީ މެދުތެރޭގައި އަދި" އޭނާ ވިދާޅުވި އެވެ.