ކުޅިވަރު

ޕޯޗްގަލުން ބަރޯސާ ވާނީ ރޮނާލްޑޯއަކަށް ނޫން

މަޝްހޫރު އެޓޭކިން ފޯސްއަކާއެކު ވޯލްޑްކަޕުގައި ވާދަ ކުރާ ޕޯޗުގަލްގެ ފުރަތަމަ މަރުހަލާގެ ސްކޮޑް އިއުލާން ކޮށްފި އެވެ.

ޕޯޗުގަލްގެ އެޓޭކިން ފޯސްގައި އެންމެ ވަރުގަދަ ނަމަކީ ރޮނާލްޑޯ އެވެ. ނަމަވެސް ޕޯޗްގަލްގައި ކުރިން އޮތް ރޮނާލްޑޯއަށް ބަރާސާވުމުގެ ގޭމްޕްލޭން ބަދަލުކޮށް، ކޯޗް ފެނާންޑޯ ސަންޓޯސް ވަނީ ޓީމުގައި އެހެން ކުޅުންތެރިންގެ ދައުރު ބޮޑު ކޮށްފަ އެވެ.

ރޮނާލްޑޯ އާއެކު އެޓޭކިން ކުޅުންތެރިންގެ ގޮތުގައި ހިމަނާފައި ވަނީ އޭސީ މިލާންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެންޑްރޭ ސިލްވާ އާއި މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އެވެ. އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗްގަލްއަށް ކާމިޔާބު ކޮށްދިނުމަށް ފައިނަލު މެޗުގައި ފްރާންސް ކޮޅަށް ލަނޑު ޖެހި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯގެ ފޯވަޑް އެޑާ ވަނީ ވޯލްޑްކަޕު ސްކޮޑްގައި ހިމަނާފަ އެވެ.

ޕޯޗްގަލް ސްކޮޑްުގައި ނުހިމެނޭ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ޔޫރޯގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި ރެނާޓޯ ސަންޗޭސް އެވެ. ޔޫރޯގެ ކުރިން ބެންފީކާ ދޫކޮށް ބަޔާން މިޔުނިކަށް އޭނަ ބަދަލުވި ނަމަވެސް ބަޔާން މިޔުނިކުގެ ޓީމުން ޖާގަ ހޯދުމަށް ދަތިވުމުން އެ ޓީމުން އޭނާ ލޯން އުސޫލުން ސްވަންސީ އަށް ދޫކޮށްލި އެވެ. ސްވަންސީގައި ވެސް އެކަށީގެންވާ ކުރި އެރުމެއް ނުލިބުނެވެ.

ޕޯޗްގަލްގައި ޒުވާން ކުޅުންތެރިންނާއެކު، އުމުރުން ދޮށީ ކުޅުންތެރިންވެސް ހިމެނެ އެވެ. މިހާރު އުމުރުން 34 އަހަރުގެ ރިކާޑޯ ކްއެރެޝްމާ ވަނީ ވޯލްޑްކަޕު ސްކޮޑްުގައި ހިމަނާފަ އެވެ. އޭނާ ވަނީ މި ސީޒަންގައި ތުރުކީގެ ބެސިކްޓަސްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ބްރެޒިލަށް އުފަން ކުރިން ރެއާލް މެޑްރިޑަށް ކުޅުނު މިހާރު ބެސިކްޓަސްގެ ޕެޕޭ އަކީ ވޯލްޑްކަޕުގައިވެސް ޓީމުގެ ޑިފެންސްގެ މައި ތަނބެވެ. އޭނާ ވެސް ވަނީ މި ސީޒަންގައި ބެސިކްޓަސްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާގެ އެންމެ ބޮޑު ބަދަލަކީ މި ސިޒަންގައި އޭނާ ދައްކަމުން އަންނަ ޑިސިޕްލިން އެވެ. ކުރިން ކާޑާ ރަށްޓެހި ކުޅުންތެރިޔާ މި ސީޒަންގައި ފާހަގަ ކުރެވިފައި ވަނީ ކާޑާ ދުރު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.