ވިޔަފާރި

ދިރާގުގެ ތަފާތު ކުލަތަކުން، އާ މަންޒަރެއް

އަބަދު ވެސް އެންމެ މޮޅަށް، އެންމެ ސަޅިކޮށް މަސައްކަތް ކުރާ އެއް ކުންފުންޏަކަށް ދިރާގު ވާނެ އެވެ. މިއީ އެހެން ކުންފުނި ތަކަށް އެއްގޮތަކަށްވެސް ބުނެވޭ "ބުރަ" ބަހެއް ނޫނެވެ. ދިރާގަށް 30 އަހަރު ފުރެންދާއިރު އެ ކުންފުނީގެ މާޒީ އިން ދައްކުވައިދެނީ އެ މަންޒަރެވެ. ދިރާގުން ދަނީ ތަފާތުތަކާއެކު، އާ ކުލަ ތަކުން ރީތި މަންޒަރުތައް ދައްކަމުންނެވެ. މުޅިރާއްޖެއަށް ކުރިއެރުން ގެނެސްދެމުންނެވެ.

ދިރާގުގެ 30 ވަނަ އަހަރީ ދުވަހުގެ ހަރަކާތް ފެށުމުގެ ގޮތުން ސުނާމީ ބިނާ ސަރަހައްދުގައި ރޭ ބޭއްވި ހަރަކާތުގައި އެ ކުންފުނީގެ މައި އިމާރާތް ވެސް މިވަނީ ތަފާތު ގޮތަކަށް، ރީތިކުލަ ތަކުން ދިއްލާލާފަ އެވެ. މިއީ ރާއްޖޭގައި އާއްމުކަމެއް ނޫނެވެ. އެހެންވެ މި މަންޒަރު ބަލަން އެތަށް ބަޔަކު ޖަމާވި އެވެ. މިކަންވީ ގިނަ ބަޔަކު ޝައުގުވެރިވި ކަމަށެވެ.

ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި ކުލަގަދަ ހަފުލާގައި، ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ އެ ކުންފުންޏަކީ މުޖުތަމައާއި ވިޔަފާރިތަކުގެ ކުރިއެރުމުގައި ރާއްޖޭގައި މުހިންމު ރޯލެއް އަދާކުރާ ފަހުރުވެރި ކުންފުންޏެއް ކަމަށެވެ.

"ދިރާގުގައި ޕްރައުޑް މާޒީއެއް އެބައޮތް. ދިރާގުން މިދަނީ ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން،" ދިރާގަށް 30 އަހަރުގެ ލޯގޯ އިފުތިތާހުކޮށްދެއްވަމުން، އިސްމާއިލް ވިދާޅުވި އެވެ.

މި ހަފުލާގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަޝްމަލީ ވިދާޅުވީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ ތަރައްގީގައި ދިރާގުގެ ހިއްސާ ބޮޑު ކަމަށެވެ.

ދިރާގަށް 30 އަހަރު ފުރޭއިރު، އެ ކުންފުނީގެ ވިޔަފާރިވެސް ވަނީ ބޮޑުތަކުން މަތިކޮށް، ހިދުމަތްތަކުގެ ފެންވަރު އެންމެ މައްޗަށް ޖައްސާލާފައެވެ. މިދިޔަ އަހަރީ އެ ކުންފުންޏަށް މާލީ ގޮތުންވެސް ފައިދާ ބޮޑު އަހަރެކެވެ.