ރިޕޯޓް

ފަހު ވަގުތާ ޖެހެންދެން ނަޝީދު!

އޭޕްރިލް 30، 2005 ވަނަ އަހަރު ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އޭރު އޮންނަ މިނިވަން މަޖައްލާއެއް ކަމަށްވާ، "އައްޑުވަސް" ގައި ލިޔުއްވަމުން ވިދާޅުވީ މިހެންނެވެ؛ "އަޅުގަނޑު ޕާޓީގެ ލީޑަރުކަމެއް، ރާއްޖޭގެ ވެރިކަމެއް ބޭނުމެއް ނޫން. ވޭތުވެދިޔަ 15 އަހަރު ތެރޭގައި ވެސް އަޅުގަނޑު މަސައްކަތް ކުރީ ރާއްޖެއަށް މާނަވީ ޑިމޮކްރަސީއެއް ގެނެވޭތޯ. އަޅުގަނޑު ވެރިކަން ބޭނުންވެގެން އުޅެގެންފިއްޔާ އަޅުގަނޑު ކުރާ މިދެންނެވި މަސައްކަތަށް ހުރަސް އެޅޭނެ ކަމަށް އަޅުގަނޑު ދެކެނީ."

އޭގެ 13 އަހަރު ފަހެވެ. މިއަދު، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަށް ފާޑު ކިޔުން އެންމެ ބޮޑަށް އަމާޒުވާ ކަމަކީ ޑިމޮކްރަސިގެ ނަމޫނާ ދައްކަން ޖެހޭ ޕާޓީ އިން އެންމެ މީހެއް ވަށައި އެނބުރޭ މައްސަލައެވެ. އެއީ ރައީސް މައުމޫންގެ ދައުރުގައި ރާއްޖެއިން ފޮހެލަން ނަޝީދު އެންމެ ބޭނުންފުޅުވީ އެ އާދައެވެ. އޭރު އެމަނިކުފާނުވެސް އެކަން ސިފަ ކުރައްވަނީ ޑިމޮކްރަސީއާ އެންމެ ބީރައްޓެހި ސިފައެއް ގޮތުގަ އެވެ. ނަމަވެސް އެންމެ ފަހުން ކަން ހިނގައިދިޔައީ ނަޝީދު ލަފާ ކުރެއްވި ގޮތަށް، ޕާޓީ ތެރޭ އަމިއްލަ އެދުން އިސް ކުރުމާ ގުޅިގެން ޑިމޮކްރަސީ ގެނައުމުގެ ހުރަހަކަށް ހުދު އެމަނިކުފާނުވީ އެވެ.

އޭގެ ވަރުގަދަ މިސާލެއް މިހާރު އެމްޑީޕީގެ އެތެރޭގައި ކުރިޔަށްދާ ގޮތަށް ބަލާލުމުން ވެސް ފެނިގެން ދާނެ އެވެ. ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް އެތެރޭގެ އިންތިހާބެއް ބާއްވާނެ ކަމާއި ޕްރައިމަރީ ބާއްވާ ދުވަހާއި ހުރިހާ ކަމެއް ނިންމެވީ، ކެންޑިޑޭޓަކަށް ވާން މާ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރަކުންނެވެ. އެއަށް ފަހު ގަރާރު ފާސްވުމާއެކު ކެމްޕެއިން މެނޭޖަރު އިއުލާން ކުރައްވާ ވަގުތުން އެ މަސައްކަތް ފެއްޓެވި އެވެ.

"ފުރަތަމައިނުން ވެސް ހެދީ ގޯސް، ރިޔާސީ ކެންޑިޑޭޓަކަށް ވާން ރައީސް ނަޝީދު ބޭނުންވޭ، އެެހެންވެ އަމިއްލައަށް ގަރާރެއް ހުށަހަޅައިގެން ފާސްކޮށްގެން ވަގުތުން ކެމްޕެއިން ފެށީމަ އެކަމަށް ޝައުގުވެރިވެދާނެ އެހެން މީހަކަށް އަނގަ ހުޅުވާލަން ކެރޭނެތަ، އެކަން ކުރަން އުޅުން އެހެން މީހުންނަށް ވެސް ވީގޮތް ރަނގަޅެއް ނޫން، އަނެއްކާވެސް މުޅި ޕާޓީ ދަނީ ރައީސް ނަޝީދު ބޭނުންވާ ގޮތެއް ހަދަމުން،" ސިޔާސީ އިސް މަގާމެއްގައި ކުރި އަދާ ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

އެމްޑީޕީގެ ހާލަތު އޮތް ގޮތުން މި ފެންނަނީ ދިވެހިންގެ ވިސްނުން ޑިމޮކްރަސީ ދުރު މިންވަރު،
ސިޔާސީ ތަޖުރިބާކާރެއް

މިދިޔަ އަހަރުގެ ފަހު ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ނޫން އެހެން ގާބިލު ބޭފުޅަކު އެމްޑީޕީގެ ތެރޭގައި ނެތްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފް ވިދާޅުވީ "އާދެ" އެވެ. މިވަގުތަށް އެއީ "ސިޔާސީ ހަގީގަތް" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންމެ މަގުބޫލު ކެންޑިޑޭޓަކީ ރައީސް ނަޝީދުކަން ނިންމާކަށް ވޯޓެއްލާކަށް ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުޅި ރާއްޖޭގައި އެންމެނަށް ވެސް އެނގޭނެ އެމްޑީޕީގެ އެންމެ މަގުބޫލު ކެނޑީޑޭޓަކީ ރައީސް ނަޝީދު ކަން، އެއީ ވޯޓެއް ލައިގެން ނިންމަން ޖެހޭ ކަމެއް ނޫން، އެހެން ނަމަވެސް މި ދަންނަވަނީ ޕްރައިމެރީއެއް ބާއްވަން ނުޖެހެއެކޭ ވެސް ނޫން،" ހަސަން ލަތިފް ވިދާޅުވި އެވެ.

ހަގީގަތަކީ ފެށުނީއްސުރެ މިއަދާ ހަމަޔަށް އެމްޑީޕީގެ ސަޕޯޓަރުން ކުރިމަތީ އެ ޕާޓީގެ "ބަތަލަކީ" ރައީސް ނަޝީދެވެ. 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސި އިންތިހާބުގައި ވެސް އެމްޑީޕީ އިން ނެރެނީ ރައީސް ނަޝީދު އެވެ. އަދި މި އަހަރުގެ އިންތިހާބުގައި ވެސް ވާދަ ކުރުމަށް އެ ޕާޓީގެ މެންބަރުން ފަހު ވަގުތާ ޖެހެންދެއް އުންމީދު ދޫކޮށް ނުލައި ފަހު ވަގުތާ ޖެހެންދެއް އެތިބެނީ ރައީސް ނަޝީދަށް ވާދަ ކުރެވޭނެ ކަމަށް ނިންމައިގެނެވެ.

ނަމަވެސް ސުވާލު އުފެދި، އަދިވެސް އެކަށީގެންވާ ވަރުގެ ޖަވާބެއް ލިބިފައި ނުވަނީ ގާނޫނީ ހުރިހާ ދޮރުތަކެއް ބަންދުވެފައިވާ ރައީސް ނަޝީދަށް ހަގީގަތުގައި ވެސް ވާދަ ކުރެވިދާނެ ހެއްޔެވެ؟ ސްކައިޕްގެ ވީޑިއޯ ކޯލްތަކުން ނުކުމެ ރާއްޖޭގެ އަސްދަނޑިން އެތެރެއަށް ޖަލަށް ދާން ނޫން ގޮތަކަށް ރައީސް ނަޝީދަށް ފިޔަވަޅެއް އެޅިދާނެ ހެއްޔެވެ.

ނަޝީދަށް ވާދަ ކުރިިޔަ ދޭނެތަ؟

ސްރީލަންކާގެ ދަ ކެޕިޓަލް މަހާރާޖާ އޯގަނައިޒޭޝަން (ޓީސީއެމްއޯއެލް) ގެ އަހަރީ ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަމުން އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތުން ސިފަ ކުރެއްވީ "އާދައިގެ މަަތިންވާ ކަމެއް" ކަމުގަ އެވެ. ނަމަވެސް ފަހު ވަގުތު ޖެހުމުން އެމަނިކުފާނަށް ވާދަ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ސެޕްޓެމްބަރުގައި އެބަ އޮތް އިންްތިހާބު. އާދައިގެ މަތިން އަޅުގަނޑަށް އަދި އޮތީ އަޅުގަަނޑަށް ވާދަ ނުކުރެވޭ ގޮތަށް. މިކަން ދެމިގެން ދާނެ 11 ވަނަ ގަޑިއިރާ ހަމައަށް. ދެން އެންމެ ފަހުން އެމީހުން ބުނާނެ އަޅުގަނޑަށް ވާދަ ކުރެވޭނެއޭ. އަދި އަޅުގަނޑު އުއްމީދު ކުރަނީ އަނެއްކާވެސް އިންތިހާބު ކާމިޔާބު ކުރަން،" ޓީސީއެމްއޯއެލްގެ އަހަރީ ޖަލްސާގެ ހޯސްޓް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ރައިސް ނަޝީދު އެ ވިދާޅުވަނީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގައި ވެސް އެމަނިކުފާނު ކުރިމަތިލުމަށް ބަލާއިރު ހުރި ހުރަސްތަކުގެ ވާހަކައެވެ. އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަންނަން ޝައުގުވެރިކަން ފާޅު ކުރައްވާ މަސައްކަތް ފެއްޓެވި އިރު ދިމާވި ހުރަހަކީ 1999 ވަނަ އަހަރު ވެލާނާގެ ދައުލަތަށް ނަގައި ދައުލަތުގެ ބެލުމުގެ ދަށުގައި އޮއްވާ އެތަނުގެ ތެރޭގައި ހުރި އެެއްޗެއް ވަަގަށް ނެގި ކަމުގެ މައްސަލަ ސާބިތުވެފައިވާތީ، އެވެ.

ގާނޫން އަސާސީގެ 109 ވަނަ މާއްދާގެ އަކުރެއްގައި ބުނާ ގޮތުން އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެވޭނެ އެވެ. ނަމަވެސް އޭރު ސިޔާސީ މަސްރަހު އޮތް ގޮތުން ބޭރުގެ ޕްރެޝަރުތަކާ ހެދި ރައީސް ނަޝީދަށް ވާދަ ކުރެވޭނެ ކަމުގެ މަގު ކޮށައިދޭން ރައީސް މައުމޫންއަށް މަޖުބޫރުވެވަޑައިގަތެވެ.

2013 ވަނަ އަހަރު އެމަނިކުފާނަށް ވާދަ ކުރެވޭނެ ކަމާމެދު ސުވާލު އުފެދިގެން ދަޔައީ ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލާގައި އެމަނިކުފާނުގެ މައްޗައް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާ މައްސަލަ ކުރިޔަށް ދާތީ އެވެ. ނަމަވެސް އޭރުވެސް ރާއްޖޭގެ ހާލަތު އޮތް ގޮތުން ޕްރެޝަރު ބޮޑުވެ، ފަހުވަގުތު ޖެހިިވަޑައިގަތީ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ބައިވެރި ކުރާށެވެ.

މިއަދު އޮތް ގޮތުން ރައީސް ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފަ އެވެ. އެކަން މެދުކަނޑާލުމަށް ފަހު ރާއްޖެއިން ބޭރުގެ ހިމާޔަތުގައި އުޅުއްވި ނަމަވެސް މިހާތަނަށް ވެސް ބޭރުގެ ނުފޫޒަށް ގުޑާ ނުލައި އޮންނަ މި ސަރުކާާރުން އެކަމަށް ފުރުސަތު ދޭނެތޯ ސުވާލު އުފެދެ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ލީގަލް އެޑްވައިޒާ އާޒިމާ ޝަކޫރު ފާހަގަ ކުރެވީ ގާނޫން އަސާސީގެ 105 ވަނަ މާއްދާގައި ރައިސުލްޖުމްހޫރިއްޔާ ކަމަށް އަންނަ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ މައްސަލައެއްގައި އެއް އަހަރަށް ވުރެ ގިނަ ދުވަހަކަށް ހުކުމްކޮށްފައި ހުންނަ މީހަކު އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ފަހުން ނޫނީ އިންތިހާބަކަށް ކުރިމަތި ނުލެވޭނެ ކަމަށް ބުނާ މާއްދާ އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީގައި އޮންނަ އެއް ހަމައަކީ އިންތިހާބެއްގައި ވާދަ ކުރުމަށް ފަހު ބަލިވެއްޖެ ނަމަ އެ މީހަކު ދެވަނަ ފަހަރަށް ވާދަ ކުރުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް ފުރުސަތު ދިނުމެވެ. ނަމަވެސް ފެނިގެން ދަނީ ތިން އިންތިހާބުގައި ވެސް ރައީސް ނަޝީދު ވާދަ ކުރަން ޝައުގުވެރިކަން ފާޅުކޮށްގެން އުޅުއްވަ ތަނެވެ. ނަމަވެސް އެކަމަށް ރާއްޖޭގެ ގާނޫން އަސާސީއިން ތަން ނުދޭ ކަމަށާއި އެ ފުރުސަތެއް ރައީސް ނަޝީދަށް އިތުރަށް ލިބިވަޑައި ނުގަންނަވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"މިއީ ވަރަށް ސާފުކޮށް އޮތް ވާހަކައެއް މިކަމާ އަޅުގަނޑުމެން ކަންބޮޑުވެގެން ނުވަތަ އެއްވެސް މީހަކު ދައްކާނެ ވާހަކައެއް ނެތް، އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ ރާއްޖޭގެ ގާނޫން އަސާސީ ބަދަލު ކުރެވޭނީ މަޖިލީހުގެ މުޅި މެންބަރުންގެ ތިން ބައި ކުޅަ އެއްބައި އޮވެގެންކަން، އެހެންވެ މިކަންކަން ފުރިހަމަ ނުވާހާ ހިނދަކު ގާނޫނީ އޮނިގަނޑުގެ ދަށުން ރިޔާސީ އިންތިހާބަކަށް ކުރިމަތި ނުލެވޭނެ،" އާޒިމާ ވިދާޅުވި އެވެ.