އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވުމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ފަލަސްތީނުގެ މީހުންގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑިޖަހައި 100 އެއްހާ މީހުން މަރާލުމަކީ އެއްގޮތަކަަށް ވެސް ބަލައި ގަނެވޭނެ އަމަލެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިޒްރޭލުގެ އަމަލުތައް ކުށްވެރި ކުރައްވައިިފި އެވެ.
މިދިޔަ އަންގާރަ ދުވަހު އިޒްރޭލުން ވަނީ، ގައްޒާ ބޯޑަރު ފެންސް ކައިރީގައި މުޒާހަރާ ކުރި އެތައްހާސް ފަލަސްތީނު މީހުންގެ ތެރެއަށް ބަޑި ޖަހައި 100 އެއްހާ މީހުން މަރާލައިފަ އެވެ. އަދި އެތައް ހާސްބަޔަކު ޒަހަމްވެސްވި އެވެ.
މިއީ ގަތުލު އާންމެއް ކަމަށް ބުނެ، ދުނިޔޭގެ ގިނަ ގައުމުތައް އަދި އިސްލާމީ ގައުމުތަކުން އަންނަނީ އިޒްރޭލުގެ މި އަމަލުތައް ކުށްވެރި ކުރަމުން އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ އިހުތިޖާޖަށް އިޝާރާތް ކުރައްވައި ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ގައުމެއްގެ ދިފާއުގައި މަސައްކަތް ކުރުމަކީ ހައްގަކީ ވަކި ގައުމެއްގެ އެއްޗެއް ނޫން ކަމަށާއި އެއީ ހުރިހާ ގައުމަކަށް ވެސް އޮންނާނެ އެއްޗެއް ކަމަށެވެ. އަދި އެ ހައްގު ބޭނުން ކުރުމުގެ ރައްދެއްގެ ގޮތުން، އިޒްރޭލުން ފަލަސްތީނުގެ އެތައް ބަޔަކު ގަތުލުކޮށްލުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވެން ނެތް ބޮޑު ޖަރީމާއެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މިއީ [ފަލަސްތީނުގެ އެތައް ބަޔަކު ގަތުލުކުރުމަކީ] އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފަށް ހިންގި ގަތުލުއާންމެއް. ސުލްހަ ގާއިމް ކުރުމަށް އޮތް މަގަކީ މިނިވަން ދެ ދައުލަތް ގާއިމްކުރުން،" ނަޝީދު ވިދާޅުވި އެވެ.
އިޒްރޭލުން ގައްޒާ ބޯޑަރުގައި ހިންގި ގަތުލު އާންމު ރާއްޖެއިން އަދިވެސް ކުށްވެރި ކޮށްފައި ނުވާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. މީގެ ކުރިން ސަރުކާރަކީ ފަލަސްތީނުގެ މައްސަލައިގައި އެންމެ އަވަހަށް އެކަން ކުށްވެރި ކުރާ ގައުމެވެ.