މަޝްހޫރު ތަރިން ނުހިމަނައި ކާމިޔާބު ފިލްމުތައް އުފައްދަން މަޝްހޫރު ޑައިރެކްޓަރު ލަވް ރަންޖަން އެންމެފަހުން އުފެއްދި ފިލްމު "ސޯނޫ ކީ ޓީޓޫ ކީ ސްވީޓީ" އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފަ އެވެ. އެ ފިލްމުގެ ކާމިޔާބާ އެކު ރަންޖަން މިވަނީ ބޮލީވުޑްގައި ތިބި އެންމެ މަޝްހޫރު އެއް ދެ ބަތަލުން ކަމަށްވާ އަޖޭ ދޭވްގަން އާއި ރަންބީރު ކަޕޫރު ލީޑްރޯލުގައި ހިމަނައިގެން ފިލްމެއް އުފައްދަން ނިންމާފަ އެވެ.
މިއީ އަޖޭ އާއި ރަންބީރު އެކުގައި ކުޅޭ ދެވަނަ ފިލްމެެވެ. މީގެކުރިން ވަނީ 2010 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު ޕްރަކާޝް ޖާގެ "ރާޖްނީތީ" ކުޅެފަ އެވެ.
މި ދެތަރިން އަލުން އެކުގައި ފެނިގެންދާ ރަންޖަންގެ ފިލްމުގެ ނަމެއް އަދި ހާމަކޮށްފައެއްނުވެ އެވެ. ރަންޖަން އާއެކު ރަންބީރު އާއި އަޖޭ މި ފިލްމުގެ މަޝްވަރާތައް ކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް އާންމުކުރަމުން ފޮޓޯގްރާފަރު މާނަވް މަންގްލާނީ ވަނީ މި ފިލްމުގެ ޝޫޓިން ފެށޭނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް ބުނެފަ އެވެ.
އަޖޭ އާއި ރަންބީރު ފަދަ މޮޅު ދެ އެކްޓަރަކާ އެކު ފިލްމެއް އުފައްދަން އެ ދެތަރިންގެ ސޮއި ލިބުމުން އެކަމުގެ އުފަލުގައި ރަންޖަން ބުނެފައިވަނީ އެ ދެތަރިންނާ އެކު މަސައްކަތްކޮށްލަން ލިބުމުން އުފާވާ ކަމަށެވެ. އަދި ބެލުންތެރިން އުންމީދުކުރާ ވަރުގެ ރީތީ ފިލްމެއް ގެނެސްދޭނެ ކަމަށެވެ.
އެކުގައި ދެވަނަ ފަހަރަށް މަސައްކަތް ކުރާތީ ރަންބީރާއި އަޖޭ ވެސް ތިބީ ލިބުނު ފުރުސަތާ މެދު ނުހަނު އުފާވެފަ އެވެ. އެގޮތުން އަޖޭ ވަނީ ރަންބީރު ކަހަލަ މޮޅު އެކްޓަރަކާ އެކު މަސައްކަތް ކޮށްލަން އަނެއްކާ ވެސް ފުރުސަތު ލިބުމުން ފިލްމުގެ ޝޫޓިން ފަށަން ކެތްމަދުވެފައިވާ ކަމަށެވެ.
އަދި ރަންބީރު ވެސް ވަނީ އަޖޭ އަކީ އޭނާ އަބަދުވެސް ވަރަށް އިހްތިރާމްކުރާ މޮޅު އެކްޓަރެއް ކަމަށެވެ. އަދި އަޖޭ އާއި ލަވް އާއެކު ފިލްމެއްގައި މަސައްކަތްކުރަން ފުރުސަތު ލިބުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.
އަޖޭ އާއި ތައްބޫ މިހާރު ކުޅެމުން އަންނަ ފިލްމަކީ ވެސް ލަވް ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި އަހަރަކީ ރަންބީރަށް ވަރަށް ބުރަ އަހަރެކެވެ. މި މަހު އޭނާ ސަންޖޭ ދަތުގެ ހަޔާތަށް ކުޅެފައިވާ ފިލްމު "ސަންޖޭ" ރިލީޒްކުރާނެ އެވެ. އަދި މިހާރު އަންނަނީ ޒުވާން ބަތަލާ އާލިއާ ބަޓް އާއެކު ކުޅޭ "ބްރަހަމަޝްތަރަ" ޝޫޓްކުރަމުންނެވެ. އަދި ވަރަށް އަވަހަށް ޔާޝް ރާޖް ފިލްމްސްއިން އުފައްދާ "ޝަމްޝޭރާ" ގެ ޝޫޓިން ސަންޖޭ ދަތާއި ވާނީ ކަޕޫރާ އެކު ފަށާނެ އެވެ.