ހަބަރު

ރޯދަ މަހު އެންމެންނާމެދު އިންސާފުން އަމަލުކުރަން ބާރުއަޅަން ޖެހޭ: މައުމޫން އޮފީސް

ރޯދަ މަހަކީ ބަރަކާތްތެރި މައްސަރެއް ކަމަށާއި އެންމެންނާމެދު ހަމަޔާއި އިންސާފުން އަމަލުކުރުމަށް ބާރުއެޅުމަކީ އެންމެންވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ކުރީިގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ފެކްޝަނުން ބުނެފި އެވެ.

ރޯދަ މަހުގެ މުނާސަބަތުގައި ރައީސް މައުމޫން އޮފީހުން ނެރުނު ބަޔާނުގައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް މަރުހަބާ ދަންނަވާފަ އެވެ.

ބަޔާނުގައި ވަނީ، ރޯދަ މަހަކީ އިސްލާމީ އުންމަތުގެ ވަހުދަތާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ މަތިވެރި މުނާސަބަތެއް ކަމަށާއި ރޯދަ މަހުގެ ރޯދަހިފުމުގައި އެއް ގައުމެއްގެ މީހުން ކޮންމެ ދުވަހަކުވެސް ރޯދަ ފަށާ ވަގުތާއި ރޯދަ ވީއްލާ ވަގުތަކީ އެއްވަގުތެއް ކަމަށެވެ. އަދި ކެއިންބުއިމުގެ ވަގުތަށް އަންނަ ބަދަލުގެ ސަބަބުން އެއް ގައުމެއްގެ އެންމެން އެއްވަގުތެއްގައި ކައިބޮއިހެދުމާއި އެއްވަގުތެއްގައި އެކަންކަމުން ދުރުހެލިވެތިބުމުން މުސްލިމުންގެ ހިތްތަކުގައި އޮންނަ އެއްބައިވަންތަކަމާއި ވަހުދަތުގެ ޝުއޫރު އެތައް ގުނައެއް އިތުރުވެގެންދާ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށާއި ރޯދަ މަހު އެކުވެރިކަމާއި އަހުވަންތަކަން ވަރަށް ބޮޑަށް ވަރުގަދަވާން ޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަށް އަމާންކަމާއި ހަމަޖެހުމާއި ތަރައްގީ ހޯދުމަށާއި އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެންގެ ހަމަހަމަކަމާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ޖެހޭނެ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ އެންމެންނާމެދު ހަމަޔާއި އިންސާފުން އަމަލުކުރުމަށް ބާރުއެޅުމަކީ އެންމެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ރޯދަ މަހަކީ އެކަކު އަނެކެއްގެ ހާލުބެލުމާއި އެކަކު އަނެކަކަށް އެހީތެރިވުމާއި އެކަކު އަނެކަކަށް ރަހުމް ކުރުމަށް ވަރަށް ހާއްސަ ގޮތެއްގައި އިސްލާމް ދީނުގައި ބާރުއަޅާ ކަމަށްވެސް ބަޔާނުގައި ވެއެވެ.