ހޮލީވުޑް

ރީސް ވިދަސްޕޫން އަކީ ޓިންކަބެލް

ޑިޒްނީގެ އެންމެ މަޝްހޫރު ޕަރީ ކަމުގައިވާ ޓިންކަ ބެލްގެ ލައިވް އެކްޝަން ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު މި ފިލްމުގައި ޓިންކްގެ ރޯލު ކުޅޭނީ އެމެރިކާގެ ބަތަލާ ރީސް ވިދަސްޕޫން ކަމަށް އިއުލާނުކޮށްފި އެވެ.

ވިދަސްޕޫނަށް މިހާރު 39 އަހަރެވެ. "ފައިންޑިން ނީމޯ" ގެ ސީކުއެލް "ފައިންޑިން ޑޯރީ" ގެ ސްކްރިޕްޓް ލިޔުމަށް ހަމަޖެހިފައިވާ ވިކްޓޯރިއާ ސްޓްރައުސް މި ފިލްމަށް ސްކްރީންޕްލޭ ލިޔެ ދޭއިރު މި ފިލްމު ޕްރޮޑިއުސްކުރަނީ ވެސް ވިދަސްޕޫނެވެ.

ޓިންކަ ބެލް އަކީ އާންމުކޮށް ޕީޓަ ޕޭންގެ ވާހަކަތަކާއި ފިލްމުތަކާއި ސްޓޭޖު ޕްލޭތަކުން ބެލުންތެރިންނާއި ކިޔުންތެރިންނާ ހަމަ އަށް އަންނަ ކެރެކްޓާއެކެވެ.

މި ކެރެކްޓާ ކުޅެން ވިދަސްޕޫން ޔަގީންވެފައިވާއިރު އޭނާ ދަނީ އޭނާގެ އާ ފިލްމު "ހޮޓް ޕާސުއުޓް" ގެ ޕްރޮމޯޝަންތަކުގައި ބައިވެރިވަމުންނެވެ.

"ދަ މޭން އިން ދަ މޫން" އިން 1991 ވަނަ އަހަރު ހޮލީވުޑަށް ތައާރަފްވި ވިދަސްޕޫން އަކީ އެކަޑެމީ އެވޯޑާއި ބަފްޓާގެ އިތުރުން ގޯލްޑެން ގްލޯބް ވެސް ހާސިލުކޮށްފައިވާ ބަތަލާއެކެވެ. މިހުރިހާ އެވޯޑެއް އޭނާ ގެންދިޔައީ "ވޯލްކް ދަ ލައިން" އިންނެވެ.