ރާއްޖެ

ދެރަވާނެ ކަމެއްނެތް، މުހައްމަދު ރަސުލުﷲ ޕްރޮގްރާމް ގެނެސްދޭނެ!

ކޮންމެ އަހަރަކު ރަމަޟާން މަހު ޓީވީއެމް އިން ގެނެސްދެމުން އަންނަ "މުހައްމަދު ރަސޫލުﷲ" ސީރީޒް މި ރަމަޟާން މަހުވެސް ގެނެސްދޭނެ ކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ވިދާޅުވެއްޖެ އެވެ.

އަވަސްއަށް މައުލޫމާތުދެމުން އިކްރާމް ވިދާޅުވީ، މުހައްމަދު ރަސޫލުﷲ ސީރީޒް މިއަހަރު ނުގެނެސްދޭ ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށެވެ. ޝޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މިއަހަރު މި ސީރީޒް ޓީވީއެމް ނުގެނެސްދެން ނިންމާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ގިނަ ބަޔަކު ވަނީ ސީރީޒް ދެއްކުމަށްވެސް އެދިފަ އެވެ.

އިކްރާމް މިހެން ވިދާޅުވިއިރު، މީގެ ކުރިން ޕީއެސްއެމް އިން ހިންގަމުން އަންނަ މުންނާރު ޗެނަލްގެ ކޮންޓެންޓް މުއްސަނދި ކުރުމުގެ ގޮތުން މެލޭޝިއާގެ ގްލޯބަލް މީޑިއާއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ހަފްލާއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރު ވަނީ މި ސީރީޒް މި ރަމަޟާން މަހު ނުގެނެސްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ މުހައްމަދު ރަސޫލުﷲގެ ބަދަލުގައި މި އަހަރު ގެނެސްދޭނީ ސޮލާހުއްދާން އައްޔޫބީގެ ހަޔާތްޕުޅާ ގުޅޭގޮތުން ކުޅެފައިވާ ސީރީޒެއް ކަމަށެވެ. ސޮލާހުއްދީން އައްޔޫބީއަކީ 1174 އަހަރު އޮތް ވެރިކަންކުރި މުސްލިމު ރަސްކަލެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ ސޮލީބީންނާއި ދެކޮޅަށް ހަނގުރާމަކޮށް ގުދުސް ފަތަހަކުރި ބަތޮލެއްގެ ގޮތުގަ އެވެ.

މި ސީރީޒްވެސް ގެނެސްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކްރާމް ވިދާޅުވި އެވެ. ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި މި ސީރީޒް ދައްކަން ފަށާނެ އެވެ.

މުހައްމަދު ރަސޫލުﷲ އަކީ ރަސޫލުންގެ ހަޔާތްޕުޅާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ މިސްރުގެ ސީރީޒްއެކެވެ. މި ސީރީޒްއަކީ ޓީވީއެމުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކޮންމެ ރޯދަމަހަކު ދައްކަމުން އަންނަ ޕްރޮގްރާމެކެވެ. މި ސީރީސް ގެނެސްދެނީ ދިވެހި ބަހުން އަޑުއަޅައިގެންނެވެ.