ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނަށް، ވޯލްޑްކަޕު ހޯދައިދޭން ފައިނަލު މެޗުގައި އާޖެންޓީނާ ކޮޅަށް ލަނޑު ޖަހައިދިން ކުޅުންތެރިޔާ މާރިއޯ ގޮޓްޒޭ، އަންނަ މަހު ފަށާ ވޯލްޑް ކަޕު ސްކޮޑުން ބާކީ ކުރުމަކީ ދުނިޔޭގެ ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން އެކަމުގެ ހައިރާންކަން ފާޅު ކުރި އެވެ.
ނަމަވެސް މި ސީޒަންގައި ބުރޫޝިއާ ޑޯޓަމުންޑްގައި އޭނާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ. ޗެމްޕިއަންސް ލީގް ގުރޫޕް ސްޓޭޖުން ވެސް ޑޯޓަމުންޑް ކެޓީ އެވެ. ގޮޓްޒޭގެ ބަދަލުގައި ފުރުސަތު ދީފައި ވަނީ، ގައުމީ ޓީމުން މުޅިން އަލަށް ފުރުސަތު ދިން ފްރައިބާގްގެ ނިލްސް ޕީޓާސެން އަށެވެ.
އޭނާ އަކީ މި ސީޒަންގައި ޖަރުމަން ލީގްގައި، ޖަރުމަން ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ލީގްގައި އެންމެ ގިނަ އިން ލަނޑު ޖެހި ބަޔާން މިޔުނިކްގެ ރޮބަޓް ލެވަންޑޮސްކީގެ ފަހަތުން، ލަނޑު ލިސްޓްގެ ދެ ވަނަ ޕީޓާސެން ވަނީ ހޯދާފަ އެވެ. އޭނާ ވަނީ ލީގްގައި 15 ލަނޑު ޖާހަފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އަނިޔާގައި ހުރި، ކީޕަރު މެނައުލް ނޯޔާއަށް ވަނީ ޓީމުން ފުރުސަތު ދީފަ އެވެ. ގައުމީ ޓީމަށް ނެގި އިރު، މި އަހަރު އެއްވެސް މެޗެއް އޭނާ ކުޅެފައެއް ނުވެ އެވެ. ޖަރުމަންގެ ކޯޗް ވަނީ ޕްރިލިމިނަރީ ސްކޮޑުން ހަތަރު ކީޕަރަކަށް ފުރުސަތު ދީފަ އެވެ. އެއީ ނޯޔާގެ އިތުރުން، ބާސެލޯނާގެ މާކް އެންޑްރޭ ޓާ ސްޓެގަން އާއި ބަޔާން ލެވަކޫސަންގެ ބާންޑް ލީނޯ އަދި ޕީއެސްޖީގެ ކެވިން ޓްރެޕް އެވެ. ލޯ ބުނީ، ވޯލްޑްކަޕަށް، ނޯޔާ މުޅިން ފިޓް ވާނެ ކަމަށެވެ.
"މި ހަފުތާގައި މެނައުލް [ނޯޔާ] ބަރާބަރަށް ފަރިތަކުރުންތަކަށް ނިކުންނަން ފަށާނެ، އެކަމުން އަހަރެމެންނަށް ޔަގީން ކުރެވޭނެ ޓީމުގެ ޕްރެކްޓިހުގައި އެންމެ ބުރަކޮށް އޭނާ އަށް ފަރިތަ ކުރެވޭނެ ތޯ،" ލޯ ބުންޏެވެ. "އަހަރެމެން ބޭނުން ވަނީ އޭނާ އަށް ވަގުތު ދިނުމަށް ފަހު އޭނާ އާ ވާހަކަ ދައްކަން އޭނާ ވޯލްޑްކަޕު ކުޅެން ތައްޔާރު ތޯ."
ގަތަރު ގައި 2022 ވަނަ އަހަރު ބައްވާ ވޯލްޑްކަޕުގެ ނިޔަލަށް، ޖަރުމަންގްގެ ކޯޗްގެ މަގާމުގައި ހުރުމަށް ލޯ ވަނީ އެއްބަސްވުން އާ ކޮށްފަ އެވެ. ކުރީގެ ކޯޗް ޔާގަން ކްލިންސްމަންގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހުރުމަށް ފަހު، ގައުމީ ޓީމުގެ ހެޑް ކޯޗް ކަމާ ލޯ ހަވާލުވީ 2006 ވަނަ އަހަރު އެވެ.