މި ޒަމާނުގައި ރޯދަ މަސް ވެފައި ވަނީ ހަމަ އެކަނި އަޅުކަމުގެ މަހަކަށް ނޫނެވެ. އަޅުކަން ވެސް ކުރުމާއެކު މިމަހަކީ މުސްލިމުން ވަރަށް އުފާވެރިކޮށް ވެސް އުޅޭ އަދި އުޅެން ބޭނުންވާ މައްސަރަކަށް ވަނީ ވެފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް ކަން އޮތީ މިހެންނެވެ. މިއީ އެންމެ ރަނގަޅު ގޮތްކަން ނޫން ކަމާ މެދު ބަހުސް ކުރައްވާނީ ދީނުގެ އިލްމުވެރިންނެވެ.
ރޯދަ މަހުގެ ދުވަސްތަކަކީ އުފާވެރި ދުވަސްތަކަކަށް ހެދުމަށް ބައެއް ގައުމުތަކުން މިއަހަރު ކޮށްފައިވާ ބައެއް ކަންތައްތައް މިހިރީ އެވެ.
ޔޫއޭއީގައި ބައެއް ހިދުމަތްތައް ދެނީ ހިލޭ
ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވެސް ގަލްފުގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ރޯދަ މަސް ފެށުނީ މިއަދު އެވެ. އެ ގައުމުގައި އެހެން އަހަރުތަކެކޭ އެެއްގޮތަށް މިއަހަރުވެސް މަސައްކަތުގެ ގަޑި ވަނީ ކުރުކޮށްފަ އެވެ. އެގޮތުން ސަރުކާރު މުވައްޒަފުންގެ އިތުރުން އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް މަސައްކަތް ކުރަން ޖެހޭނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ ޔޫއޭއީގައި އަގު ނަގައިގެންދޭ ބައެއް ހިދުމަތްތައް މި ރޯދަމަހު ހިލޭ ލިބޭ ކަމެވެ. އެގޮތުން އަގު ދީފައި ޕާކް ކުރުމަށް ގާއިމްކޮށްފައިވާ ބައެއް ޕާކިން އޭރިއާތައް ރޯދަ މަހާ ގުޅިގެން ވަކި ގަޑި ތަކެއްގައި ހިލޭ ދޭން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
ސައުދީގައި ވެހިކަލް އަގު ހެޔޮ
ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ސައުދީ އަރަބިއްޔާގައި ވެސް ރޯދަ މަހު މަސައްކަތް ކުރަން ޖެހޭ ވަގުތު މަދެވެ. އަދި އެކަމުގައި ސަރުކާރު މުވައްޒަފުންނާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނާ ދެމެދުގައި ތަފާތެއް ވެސް ނެތެވެ. އެ ގައުމުގައި ވެސް ރޯދަ މަހު މަސައްކަތްކުރަން ޖެހޭނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށެވެ.
ސައުދީގެ ގިނަ ވިޔަފާރި ތަކަކުން ރޯދަ މަހަށް ޕްރޮމޯޝަންތައް ހިންގާ އިރު މިއަހަރު އެންމެ ފާހަގަކޮށްލެވޭ ފަދަ ލުޔެއް ދޭ އެއް ކުންފުންޏަކީ ޖީއެމްސީ ކިޑުލް އީސްޓް އެވެ. އެކުންފުނިން ވަނީ ބައެއް ބާވަތްތަކުގެ ވެހިކަލްތަަކުގެ އަގު ހެޔޮ ކުރަން ނިންމާފަ އެވެ. އެގޮތުން އެކުންފުނިން ވިއްކާ ވެހިކަލްތަކުގެ ތެރެއިން ތިން ބާވަތެއްގެ އަގުން ވަނީ ރަނގަޅު އެއްޗެއް ކަނޑާލާފަ އެވެ.
އެހެންވެ ބައެއް ވެހިކަލްތަކުން 5000 ސައުދީ ރިޔާލަ ކެނޑޭ އިރު އަނެއްބައި ވެހިކަލްތަކުން 15000 އަދި 21000 ރިޔާލަ ކަނޑައިދޭން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
ޕާކިސްތާނުގައި ރޭލު ދަތުރު އަގުހެޔޮ
ޕާކިސްތާނުގައި ރޭލު ދަތުރުގެ ހިދުމަތްދޭ ކުންފުނި ޕާކިސްތާން ރެއިލްވޭސް (ޕީއާރް) އިން އިއުލާނު ކޮށްފައިވާ ގޮތުގައި މި ރޯދަ މަހު އެ ކުންފުނީގެ ރޭލުތަކުން ދަތުރު ކުރުމަށް ދުރާލާ ބުކިން ހަދާ މީހުންނަށް ދަތުރުގެ އަގުގެ 20 ޕަސެންޓް ޑިސްކައުންޓް ދޭނެއެވެ. އެގޮތަށް ހިދުމަތް ދޭނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމަައަށެވެ.