ކުޅިވަރު

ޔޫރޮޕާ ލީގް ޗެމްޕިއަންކަން އެތުލެޓިކޯއަށް

އޮލިމްޕިކް މާސޭގެ މައްޗަށް 3-0 ގެ ނަތިޖާއަކުން ކާމިިޔާބު ހޯދައި ޔޫރޮޕާ ލީގްގެ ޗެމްޕިއަންކަން އެތުލެޓިކޯ މެޑްރިޑް ހޯދައިފި އެވެ.

ފައިނަލުގައި އެތުލެޓިކޯ މެޑްރިޑްގެ ތަރިއަކަށްވީ، ފޯވަޑް އެންޓްއާން ގްރީޒްމަން އެވެ. އެތުލެޓިކޯގެ ފުރަތަމަ ދެ ލަނޑުވެސް ކާމިޔާބު ކުރީ އޭނާ އެވެ. ޔޫއެފްއާއިން ކުރިމަތި ކުރި ހަތަރު މެޗުގެ ސަސްޕެންޝަނާ ގުޅިގެން އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނޭ މެޗު ބެލީ ސްޓޭޑިއަމްގެ ބެލްކަނީގައި އިދެގެންނެވެ.

މެޗު ފަށައިގެން ރަނގަޅަށ ކުޅުމުން ދިޔައީ މާސޭއިންނެވެ. އެ ޓީމުގެ ކެޕްޓަން ޑިމްޓްރީ ޕެޔަޓް ވަނީ މެޗުގެ ކުރީ ކޮޅު އެތުލެޓިކޯގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލެކް ބޯޅަ އަށް ކުރިއަށް ނިކުމެ ހުއްޓައި ޕަޔެޓް މަސައްކަތް ކުރީ އޮބްލެކްގެ ބޯމަތިން ގޯލްތެރެއަށް ބޯޅަ އޮއްސާލުމަށެވެ. ނަމަވެސް އެބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ.

އެތުލެޓިކޯގެ ފުރަތަމަ ލަނޑަކީ، މާސޭގެ ކުޅުންތެރިންނަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި، ގްރީޒްމަން ކާމިޔާބު ކުރި ލަނޑެކެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 21 ވަނަ މިނެޓްގަ އެވެ. އެތުލެޓިކޯގެ ދެވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 49 ވަނަ މިނެޓްގަ އެވެ.

ތިން ވަނަ ލަނޑު 89 ވަނަ މިނެޓްގައި ކޯކެ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ، ގާބީ އެވެ. މެޗުގެ 90 ވަނަ މިނެޓްގައި، ގްރީޒްމަންގެ ބަދަލުގައި ފެނާންޑޯ ޓޯރޭޒްވަނީ ކުޅެން ނިކުމެފަ އެވެ. މިއީ އތުލެޓިކޯ މެޑްރިޑްގައި ޔޫރަޕްގެ މެޗެއްގައި އޭނާ ކުޅެން ނިކުތް ފަހު މެޗެވެ.

ޔޫރޮޕާ ލީގްގެ ތަށި އުފުލަން، އެތުލެޓިކޯގެ ކުޅުންތެރިން ފުރުސަތު ދިނީވެސް ޓޯރޭޒް އަށެވެ.