ކުޅިވަރު

ބެންގަލޫރުގެ ކޯޗްކަން ދޫކޮށްލަން ރޮކާ ނިންމައިފި

ބެންގަލޫރު އެފްސީއާއެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން، އެޓީމުގެ ކޯޗް ސްޕެއިންގެ އަލްބަޓް ރޮކާ ނިންމައިފި އެވެ.

ބާސެލޯނާގައި އެޓީމުގެ ކުރީގެ ކޯޗް ފްރޭންކް ރައިކާޑްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ރޮކާ، ބެންގަލޫރު ޓީމާ ހަވާލުވީ 2016/2017 ސީޒަން ފެށެން ކައިރިވެފައި ވަނިކޮށެވެ. ބެންގަލޫރު އެފްސީއާއެކު އޭނާ ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމުއްގަ އެވެ.

ރޮކާއަށް އާ އެއްބަސްވުމެއް ހުށަހަޅާފައި ވަނިކޮށް، އެއްބަސްވުން އާ ނުކުރަން އޭނާ ނިންމާފައި ވަނީ ބައެއް އަމިއްލަ ސަބަބުތަކާ ހެދި އެނބުރި ސްޕެއިން އަށް ބަދަލުވާން ޖެހުމުން ކަމަށް ބެންގްލޫރު އެފްސީން ބުނެފައި ވެއެވެ.

ބެންގަލޫރުގައި ރޮކާ ހޭދަ ކުރި ދެ އަހަރަކީވެސް އެ ކުލަބަށް ކާމިޔާބު ދެ އަހަރެވެ. ފުރަތަމަ އަހަރު އޭއެފްސީ ކަޕްގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނެވެ. ގަތަރުގައި ކުޅުނު ފައިނަލު މެޗުގައި އިރާގްގެ އެއާފޯސް ކުލަބު އަތުން ބެންގަލޫރު ބަލިވީ 1-0 ންނެވެ.

ރޮކާ ބުނީ ބެންގަލުރު އެފްސީ ދޫކޮށްލަން ޖެހުމަކީ އޭނާ އަށް އުނދަގޫ ނިންމުމެއް ކަމަށާއި އެކުލަބުގެ ސަޕޯޓަރުންނާ ކުޅުންތެރިންގެ މަތިން އޭނާ އަބަދުވެސް ހަދާން ހުންނާނެ ކަމަށެވެ.

ބެންގަލޫރު އެފްސީން ބުނީ، އޭޝިއާގެ ވަރުގަދަ ނަމަކަށް އެ ޓީމު ހަދައިދިނީ ރޮކާ ކަމަށެވެ. އަދި އޭނާ އިންޑިއާގެ ފުޓްބޯޅަ އަށް ގެނައި ބަދަލުތައް އަބަދުވެސް އިންޑިއާގެ ފުޓްބޯޅައިގައި ދެމިހުންނާނެ ކަމަށް ބެންގަލޫރުން ބުނެފައި ވެއެވެ.