ކުޅިވަރު

17 އަހަރަށްފަހު ބުފޮން ޔުވެންޓަސް ދޫކޮށްލަން ނިންމައިފި

ޔުވެންޓަސްގައި 17 އަހަރު ހޭދަ ކުރި އެޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން މި ސީޒަނަށްފަހު ޔުވެންޓަސް ދޫކޮށްލަން ނިންމައިފި އެވެ.

ޔުވެންޓަސްގައި ބުފޮން ކުޅޭ ފަހު މެޗުގައި، މިއަންނަ ހޮނިހިރު ދުވަހު އޭނާ ނިކުންނާނީ، ހެލަސް ވެރޯނާއާ ދެކޮޅަށެވެ.

ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއްގޯލްކީޕަރު ކަމަށް ގިނަ ބަޔަކު ސިފަ ކުރާ ބުފޮން އަކީ، އިޓާލިއަން ލީގްގައި އެންމެ ގިނަ މެޗު ކުޅުނު ކީޕަރެވެ. އޭނާ ވަނި ލީގްގައި 639 މެޗު ކުޅެފަ އެވެ. އެއީ ލީގްގައިވެސް ދެ ވަނަ އަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ.

ބުފޮން ވަނީ ޔުވެންޓަސް 875 މެޗު ކުޅެފަ އެވެ. އޭނާގެ ގޯލަށް ވަދެފައި ވަނީ 729 ގޯލެވެ. އޭނާ ވަނީ 389 މެޗު ލަނޑެއް ވަނަ ނުދީ ފުރިހަމަ ކޯށްފަ އެވެ.

ޕާމާ ދޫކޮށް، ޔުވެންޓަސްއަށް ބުފޮން ބަދަލުވީ 2001 ވަނަ އަހަރު އެވެ. އިޓަލީގެ ފުޓްބޯޅަގައި މެޗު ފިކްސިންގެ މައްސަލަ ފެންމަތިވުމުން، ޔުވެންޓަސްއަށް އަދަބު ދިނުމުގެ ގޮތުން 2006 ވަނަ އަހަރު ޔުވެންޓަސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމުންވެސް އޭނާ އެ ޓީމުގައި މަޑު ކުރި އެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުނު، ބުފޮން ވަނީ 2003 ވަނަ އަހަރު ޔޫއެފްއާ ކުލަބު ފުޓްބޯޅަ އެވޯޑްވެސް ހޯދާފަ އެވެ.

ކުލަބު ދޫކޮށްލާނެ ކަމަށް އިއުލާން ކުރި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، ބުފޮން ބުނީ ޔުވެންޓަސްއަށް ސޮއި ކުރި ދުވަހަކީ އޭނާގެ ކެރިއަރުގައި އެންމެ ހާއްސަ އެއް ދުވަސް ކަމަށެވެ.

"ހޮނިހިރު ދުވަހަކީ ޔުވެންޓަސްގައި އަހަރެންގެ އެންމެ ފަހު މެޗު، އަހަންނަށް ހީވަނީ މިއީ އެންމެ ރަނގަޅު ވަގުތުހެން އަހަރެންގެ މި ކާމިޔާބު ދަތުރު ނިންމާލުމަށް،" ބުފޮން ބުންޏެވެ. "އަހަރެން އަބަދުވެސް ޖެހިލުންވާ ކަމަކީ ކޮންމެވެސް ދުވަހަކުން ޔުވެންޓަސް ދޫކޮށްލަން ޖެހޭނެތީ މިއޮތީ އެ ވަގުތު އައިސްފައި."