ކުޅިވަރު

ކްރިކެޓްގެ ފުރަތަމަ މެޗު ސްގާކޯންއަށް

ކޮންމެ އަހަރެއްގެވެސް ރޯދަ މަހު ކްރިކެޓް ބޯޑުން ބާއްވާ ރަމްޟާން ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕްބޯލް މުބާރާތުގެ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި ސްގާކޯން އިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗު ސްގާކޯން ކާމިޔާބު ކުރީ 72 ލަނޑުންނެވެ. ޓޮސް ދިމާވުމުން ސުގަރ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއް ކުޅުންތެރިޔަކު ނުބައިވެގެން 141 ލަނޑު ހެދި އެވެ.

ޕޮލިސް ކުލަބު ކުޅެން އަރައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 69 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ހަ ލަނޑު ހެދި އިސްމާއީލް އެވެ. އެ ޓީމުގެ ޝިރުހާންވެސް އެއް ވިކެޓް ނެގި އެވެ.

މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ، 33 ލަނޑު ހެދި ސްގާކޯންގެ އާދަމް ޒަމީލް އެވެ. އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ އާދަމް ނާސިފް (އާދަޅޭ) ވެސް 30 ލަނޑު ހެދި އެވެ.

މިއަދު ކުޅުނު ދެ ވަނަ މެޗުގައި، ބައްދަލު ކުރީ ކޭޑިއެމް އާއި މެރީ ގްލޯ އެވެ. ކޭޑީއެމް މެޗު ކާމިޔާބު ކުރީ އަށް ވިކެޓުންނެވެ.

ޓޮސް ދިމާވުުމުން، ކޭޑީއެމް އިހްތިޔާރު ކުރީ ހޮވުމަށެވެ. ކުޅެން އަރާ ތިބި މެރީގޯލް ކުޅުންތެރިންނަށް އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިޔަކު ނުބައިވެގެން ހެދުނީ 72 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ލަނޑު ހެދި އަރަފާތު އެވެ.

ކޭޑީއެމް ކުޅެން ޖެހުނު ފުރުސަތުގައި ފަސް އޯވަރުގެ ތެރޭގައި 74 ލަނޑު ހެދި އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި މުއާވިޔަތު އަބްދުލް ގަނީ އެވެ. އެ ޓީމުގެ ހަޒިގްވެސް 14 ލަނޑު ހެދި އެވެ.