ހޮލީވުޑް

ކްރިސްޓެން ސްޓޫވާޓް ކާންސްގައި ހުސްފަޔާ!

ކާންސް ފިލްމު ފެސްޓިވަލުގެ ރެޑް ކާޕެޓުގައި އަންހެން ތަރިން ހައި ހީލްސް ނުވަތަ އުސް ފައިވާނަށް އެރުމަކީ މަޖުބޫރު ކަމެކެވެ. ގިނަ އަހަރުތަކެއް ވަންދެން މި އުސޫލުގެ މަތިން ރެޑް ކާޕެޓުކުރިއަށް ގެންދަނިކޮށް މިއަހަރުގެ ރެޑް ކާޕެޓުގައި ބައިވެރިވި ހޮލީވުޑްގެ ތަރި ކްރިސްޓެން ސްޓޫވާޓް މި ވަނީ އުސޫލު މުގުރާލާފަ އެވެ.

"ޓުވިލައިޓް" ފިލްމުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކްރިސްޓެންއަކީ މިއަހަރު ކާންސް ފިލްމު ފެސްޓިވަލުގެ ޖޫރީގައި ހިމެނޭ މެމްބަރެކެވެ.

ރެޑް ކާޕެޓަށް ދިޔައިރު ފުރަތަމަ ކްރިސްޓެން ހުރީ އުސް ފައިވާނަކަށް އަަރައިގެންނެވެ. ކަޅު ކުލައިގެ ލުބޮޓިން ހީލްއަކަށެވެ. ރެޑް ކާޕެޓް ނިމޭ ހިސާބަށް ގޮއްސަ ސްކްރީނިން ހޯލަށް ދާން އޮންނަ ސިޑިއާއި އަރާ ހަމަވުން އޭނާ ފައިވާން ބޭލި އެވެ. ސްކްރީނިން ހޯލަށް ދިޔައީ ހުސް ފަޔާ އެވެ. އޭނާ ދިޔައީ ފައިވާ އަތުން ހިފައިގެންނެވެ.

ފައިވާން ބޭލުމުން ކްރިސްޓެންއާމެދު ވަކި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

މިދިޔަ އަހަރުވެސް ކްރިސްޓެން ވަނީ ބޫޓަކަށް އަރައިގެން ކާންސްގެ ރެޑް ކާޕެޓަށް އައިސްފަ އެވެ. އެފަހަރު އޭނާ ބޫޓަށް އަރައިގެން ދިޔައީ ކީއްވެގެންތޯ ހޮލީވުޑް ރިޕޯޓާއިން ސުވާލު ކުރުމުން ބުނީ ހެދުން އަޅާނެ ގޮތް އެނގޭނީ އަމިއްލައަށް ކަމަށާއި ވަކި ހެދުމެއް ނުވަތަ އެއްޗެއް ލުމަށް ބަޔަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަންހެނުންނަށް ހީލްއަށް އެރުން މަޖުބޫރުނަމަ ފިރިހެނުނަށް ވެސް ހީލްއަށް އެރުމަށާއި ހެދުން ލުމަށް މަޖުބޫރު ކުރަން އޭނާ ބުނެފައިވެ އެވެ.

އުސް ފައިވާނަށް ނާރާ އައުމުން 2015 ވަނަ އަހަރު ގިނަ ތަރިންތަކަށް ރެޑް ކާޕެޓުގައި ބައިވެރިވިޔަ ނުދީފައިވެ އެވެ. މި އުސޫލާއި ގުޅިގެން ގިނަ ތަރިންތަކެެއް މީގެ ކުރިންވެސް އަދި މިހާރުވެސް ކަންބޮޑުވުންތައް ފާޅުކުރަމުން އާދެ އެވެ.