ޑރ. ހުސައިން ހަލީމް

ކުޑަ ހުސެންގެ ބޮޑު ޗެލެންޖެއް!

އަޔަން މޭން އަކީ، ބަރު އަދި އުނދަގޫ ރޭހެކެވެ. ފެތުމާއި ބައިސްކަލް ދުއްވުމާއި، ދުވުން ހިމެނޭ މި އުނދަގޫ ރޭހުގައި 226 ކީލޯމީޓަރުގެ ސަރަހައްދެއް ރޭސް ޖަހައިގެން ކަޑަތު ކުރަން ޖެހެ އެވެ. ދެކުނު އެފްރިކާގައި މިދިޔަ އަހަރު ބޭއްވި "އަޔަން މޭން" ޓްއާގައި ވާދަކޮށް ފުރަތަމަ ދިވެހި އަޔަން މޭންގެ ޝަރަފު ހާސިލު ކުރީ އުމުރުން 50 ހާ ގާތް ކުރަމުން އަންނަ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސައިން ހަލީމް (ކުޑަ ހުސައިން) އެވެ.

އުނދަގޫ ރާސްތާތަކާއި ކުދި ފަރުބަދަ ހިމެނޭ ހިސާބުތަކުގައި ބައިސްކަލު ދުއްވައި ދުވެ، ވަރުގަދައަށް ރާޅު ނަގަނަގައި އޮތް ސަރަހައްދެއްގައި ފަތަން ޖެހުނު ރޭހަށް ކުޑަ ހުސައިން ނިކުތީ އޭނާއަށް އެކަން ވެދާނެތޯ ބުނެ ސުވާލު އުފައްދަމުންނެވެ. އޭނާވެސް ނެގީ އޭނާގެ ނަފުސާ ދެކޮޅަށް ޗެލެންޖެކެވެ. ޗެލެންޖެއް ނަގައިފިނަމަ އެކަން އަމިއްލަ ނަފުސާ ޗެލެންޖުކޮށްލާފައި ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ކުޑަ ހުސައިން ގަބޫލު ކުރެއެވެ.

މި ފަހަރުގެ ރޯދަ މަހަށް ކުޑަ ހުސައިން ނެގީ ބޮޑު ޗެލެންޖެކެވެ. އެއީ މި އަހަރުގެ ރޯދަމަހަށް އެކަނި އޭނާ ނަގާ ޗެލެންޖެއް ނޫނެވެ. މީ އެ ޗެލެންޖްގެ ހަތަރު ވަނަ އަހަރެވެ. މިދިޔަ ތިން އަހަރުވެސް އޭނާގެ އަމިއްލަ ނަފުސާ ކުރިމަތި ކުރި ވަރުގަދަ ޗެލެންޖެކެވެ.

ރޯދަ މަހުގައި އޭނާ ކުރިމަތިލާ ބޮޑު ޗެލެންޖަކީ އެހެން މީހުންނަށް އެކަމުން މޯޓިވޭޝަން ގެނެސްދޭނެ ކަމެކެވެ. ކުޑަ ހުސައިންގެ މި ބޮޑު ޗެލެންޖު އާންމުންނާ ހަމަޔަށް ތިލަކޮށްލުމުގެ ބޭނުމަކީވެސް އެއީ އެވެ. އާންމުންނަށް މޯޓިވޭޝަނެއް ދިނުމުގެ ބޭނުމުގައެވެ.

ދެން މިއޮތީ ކުޑަ ހުސައިންގެ ރޯދަ ޗެލެންޖެވެ. އެއީ ރޯދަމަހުގެ އަޅުކަމަށް ސަމާލުކަން ދިނުމުގެ ގޮތުން އޭނާގެ އަމިއްލަ ނަފުސަށް ކުރިމަތި ކުރާ ޗެލެންޖެކެވެ. ރޯދަ މަސް ނިމެންދެން، ޖަމާއަތުގައި ފަރުޟު ނަމާދުތައް އަދާ ކުރުމާއެކު، ފަތިސް ނަމާދު ފިޔަވައި އަނެއް ހަތަރު ނަމާދުގެ ޖަމާއަތަށް މިސްކިތުގެ އެންމެ ފުރަތަމަ ސަފުން ޖާގަ ހޯދުމެވެ.

އަމިއްލަ އެކެޑެމީއެއް ހިންގަމުން، ކުޅިވަރާއި ކަސްރަތުގެ އެހެން ހަރަކާތްތަކުގައި ބައިވެރިވަމުން، ކުޑަ ހުސައިންގެ ދިރިއުޅުންވެސް ބަރޯސާ ވެފައި ވަނީ ބިޒީ ލައިފަކަށެވެ. ނަމަވެސް ކިތަންމެ ބިޒީކޮށް އުޅެން ޖެހުނަސް، މިދިޔަ ތިން އަހަރު ވެސް ކުޑަ ހުސައިން ވަނީ އެ ޗެލެންޖް ފުރިހަމަ ކޮށްފަ އެވެ. އަނެއްކާވެސް މި އަހަރު އޭނާ ވަނީ ޗެލެންޖު އޭނާގެ ނަފުސަށް ކުރިމަތި ކޮށްފަ އެވެ.

އޭނާ ގަބޫލު ކުރާގޮތުގައި އަމިއްލަ ނަފުސާ ކުރިމަތި ކުރާ ޗެލެންޖު ފުރިހަމަ ނުކުރެވުމަކީ ނާކާމިޔާބެކެވެ. މިއީ ދުވުމުގެ ރޭސްތަކުގައިވެސް އޭނާ ސާބިތުކޮށްދީފައިވާ ހަގީގަތެވެ. ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެކަން ކުޑަ ހުސައިން ކުޅިވަރުގެ މައިދާނަށް ނެރެދިން، ދިވެހި ކުޅިވަރުގެ ބައްޕަ މަރުހޫމް ޒާހިރު ނަސީރު ވިދާޅުވެ ދެއްވާފައިވާ ކަމަށް ކުޑަ ހުސައިން ބުންޏެވެ.

މި ޗެލެންޖު އޭނާގެ އަމިއްލަ ނަފުސަށް ކުރިމަތި ކުރަނީ ކީއްވެ

"ހަށިގަނޑަށް ފިޒިކަލް އެބިލިޓީ ދަމަހައްޓަން ދުވުމާ ކަސްރަތު ވަރަށް މުހިންމު،" ދިގު ދުވުންތަކުގައި ރާއްޖޭގެ ގައުމީ ރެކޯޑްތައް ހަދާފައިވާ ހުސައިން ކިޔައިދިނެވެ. "ހަމަ އެއްގޮތަށް ސްޕްރިޗުއަލް އެބިލިޓީއަކީވެސް [ނަފުސަށް] ވަރަށް މުހިންމު ކަމެއް، ސްޕްރިޗްއަލް އެބިލިޓީ ހިފަހައްޓަން ނަގާ ޗެލެންޖެއް އެއީ."

މި އަހަރުގެ ރޯދަ މަހު އޭނާ ޗެލެންޖުގެ އެއްބައި ކުރިއަށް ގެންދާނީ މައްކާގަ އެވެ. ރޯދަ މަހުގެ ފަހު 10 ގައި އުމުރާއަށް ދިއުމަށް އޭނާ ވަނީ ނިންމާފަ އެވެ. ކުޑަ ހުސައިން ބުނީ، ކޮންމެ ތަނެއްގައި ހުއްޓަސް އޭނާގެ ޗެލެންޖް އަތުން ދޫވިޔަ ނުދޭނެ ކަމަށެވެ.

މި އަހަރު ޖަނަވަރީ މަހު ސްޕޯޓްސް ކޯޕަރޭޝަނުން ބޭއްވި ދުވުމުގައި ކުޑަ ހުސައިން ވަނީ 24 ގަޑިއިރުވަންދެން ދުވެފަ އެވެ. ދުވުމުގައި އޭނާގެ ވާހަކަ ދިވެހިންނަށް އިތުރަށް ކިޔައިދޭކަށް ނުޖެހޭނެ އެވެ. އޭނާ ހެދި ރެކޯޑުތައް މުގުރާލަން އެހެން ދުވުންތެރިންނަށް 25 އަހަރު ނެގި އެވެ.

ނަމަވެސް ޖެހެިޖެހިގެން ތިން އަހަރު ރޯދަ މަހަށް އޭނާ ނެގި ޗެލެންޖަކީ އަދި މާބޮޑު ރެކޯޑކެވެ.