ކުޅިވަރު

އާތިފްގެ ދުވުން ތަފާތުވެ، ޗައްޕަލުގައި!

ދުވަން ދާން ހިތު އަޅައިގެން ތިބި ނަމަވެސް މޮޅު ބޫޓެއް ނެތިގެން ދުވަން ނުފެށިފައި ތިބީ ކިތައް މީހުން ހެއްޔެވެ؟ ދުވަން ނުކުންނަން ތައްޔާރުވާ ވާހަކަ ދައްކާނަމަ އެންމެ ފުރަތަމަ ދައްކާނީ އަގު ބޮޑު ބޫޓެއް ގަންނަ ވާހަކަ އެވެ.

އެ ޝަކުވާ ބޮލުގައި އަޅައިގެން ތިބުމުގެ ބޭނުމެއް ނެތެވެ. ހުސްފައިގައި ހަފުތާއަކު އެއްފަހަރު ނިކުމެވެސް ދުވާ މީހުންގެ ހިތްވަރަށް ތައުރީފް ކުރަން ޖެހެއެވެ. ހުސްފައިގައި ދުވެގެން އަނިޔާވުމުގެ ފުރުސަތު ބޮޑު ކަމަށް ހީވާނަމަ، އެހެން ހައްލެއް އެބައޮތެވެ. ދުވުންތެރިޔާ އާތިފް އަހްމަދު އެކަމަށް ހޯދީ އެހެން ހައްލެކެވެ. އެއީ އޭނާގެ "ޗައްޕަލް ރަން" އެވެ. ނުވަތަ ފައިވާނުގައި ނިކުމެ ދުވުމެވެ.

ދުވުމުގައި އާތިފް އިސްނަގައިގެން ހިންގާ އިވެންޓްތަކަށް އަބަދުވެސް ސަމާލުކަން ހުއްޓެނީ، އެ ހަރަކާތްތަކުން މީހުން ދުވަން ނިކުތުމަށް ހިތްވަރު ލިބޭތީ އެވެ. ޑިސެމްބަރު، 31، 2015 ގައި އޭނާ ނިކުމެ މެދުކެނޑުމެއް ނެތި 24 ގަޑިއރު މާލެ ވަށައި ދުވި އިވެންޓަކީވެސް އާންމުންގެ ސަމާލުކަން ލިބުނު އިވެންޓެކެވެ. މާލެ ވަށައި 24 ގަޑިއރު ދުވުމަށް އޭނާ ނިކުތް ރޭސް 24 ގަޑިއިރު ފަހުން ނިންމާލިއިރު މާލެ ވަށައި 27 ބުރު އޭނާ ޖެހި އެވެ. ސައުވިސް ގަޑިއިރުގެ ރޭހުގައި ބްރޭކް ނެގީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށެވެ. ނަމާދު ކުރުމާއި ފާހަނާ ކުރުމަށެވެ.

އާތިފް އެންމެ ފުރަތަމަ ދުވަން ފެށީ މަޖަލަކަށެވެ. ހަމަ މިކަހަލަ ރޯދަ މަހެއްގެ ހަވީރު އެވެ. ދެހާސް ފަނަރައިގެ ރޯދަ މަހުގައި މަޖަލަށް ދުވަން ނިކުތް އާތިފް، މެރަތޮން ރޭސްތަކާ ހަމަޔަށް ގެންގޮސްލި އެވެ. އެ އަހަރު ޑިސެމްބަރު މަހު އޭނާ ވަނީ ސިންގަޕޫރުގެ މެރޮތޮންގައި ވާދަ ކޮށްފަ އެވެ. މިދިޔަ އަހަރު އަޔަން މޭންގެ އުނދަގޫ ރޭސް ފުރިހަމަ ކުރި އެވެ.

މިއީ 2015 އާއި 2017 ގެ ވާހަކަ އެވެ. އާތިފްގެ ދުވުމުގެ ކަލަންޑަރުން 2016 އުނިކޮށްލީ ގަސްތުގަ އެވެ. އެއީ ޗައްޕަލު ދުވުމުގެ ވާހަކަ ތިލަ ކޮށްލުމަށެވެ. އިނގިރޭސި ވިލާތުގައި 2016 ވަނަ އަހަރު ބޭއްވި 100 މޭލް ދުވުމުގައި އާތިފް ވާދަ ކުރި އެވެ. އެ ދިގު ރޭސް އޭނާ ފުރިހަމަ ކުރީ 29 ގަޑި 44 މިނެޓުންނެވެ. ޗައްޕަލު ދުވުމުގެ ހިޔާލު އާތިފް އަށް އައީ 100 މޭލްގެ އެ ރޭހުންނެވެ.

"އެ ރޭހުގައި އަޅުގަނޑަށް ފެނުނީ ޔޫކޭގެ މީހަކު ޗައްޕަލުގައި ދުވާތަން، ޗައްޕަލުގައި ދުވެ އޭނާ 100 މޭލްގެ ރޭސް ފުރިހަމަ ކުރި." ޗައްޕަލް ދުވުމުގެ ހިޔާލު އޭނާ އަށް އައިގޮތް އާތިފް ކިޔައިދިނެވެ.

ޗައްޕަލް ރޭހަކީ ދުނިޔޭގެ މެރަތޮން އިވެންޓްގައި ވަރަށް ޓްރެންޑިން ދުވުމެކެވެ. އިހު ޒަމާންތަކުގައި ހިނގާފައި ކުރަން ޖެހޭ ދިގު ދަތުރުތަކަށް މީހުން ނިކުންނަނީ ފައްޔަށް އިލާސްޓިކް ރަނބަރުން ހަދާފައިވާ ފައިވާނެއް ލައްވައިގެންނެވެ. އޭގެ ސަބަބުން ފަޔަށްވެސް އަރާމުކަން ލިބި ވަދު ނެއްޓުމުގެ އުނދަގުލުން ސަލާމަތް ވެވޭނެ އެވެ.

އާތިފް ބޭނުން ކުރާ ޗައްޕަލަކީ އެކަމަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ފައިވާނެކެވެ. އާދައިގެ ފައިވާނެއްގައި ދުވަން ނިކުމެގެން ވަދު ކެނޑި ފައިވާން ފަސޭހައިން ގޭނި ހިނގައިދާނެ އެވެ. އާތިފްގެ މި ޗައްޕަލް އޭނާ ގަތީ 1000 ރުފިޔާ އަށެވެ.

"ރަނގަޅު ބޫޓެއް ވެސް މި ލިބެނީ 2000 ރުފިޔާއަށް، އެހެންވީމަ ދުވެލަން ނިކުންނަށް ޗައްޕަލްގެ އަގު ވޯތު،" އާތިފް ބުންޏެވެ. "މިއީ ކެޝްއަލް ރަން އެއްގައި ދުވެލަން ރަނގަޅު އެއްޗެއް މި ޗައްޕަލުގައި ދުވެލާއިރު އަޅުގަނޑަށްވެސް ވަރަށް އެންޖޯއި ކުރެވޭ."

މިދިޔަ މަހު 28 ވަނަ ދުވަހު އޭނާ ވަނީ ޗައްޕަލް ރަންގައި ދުވެ 11 ކިލޯ މީޓަރު ފުރިހަމަ ކޮށްފަ އެވެ. އޭނާ ބުނީ ޗައްޕަލް ރަން ގައި އޭނާ ފެށި ދުވުމުން 70 ނުވަތަ 80 ކިލޯމީޓަރު ފުރިހަމަ ކުރެވިއްޖެ ކަމަށެވެ.

އާތިފްގެ ކުރިމަތީގައި މިހާރު އޮތީ، މިމަހު 29 ވަނަ ދުވަހު އައްޑޫގައި ބާއްވާ އައްޑޫ ރަން އެވެ. އޭނާ ދަނީ މިހާރު އައްޑޫ މެރަތޮން އަށް ތައްޔާރު ވަމުންނެވެ.