ދުނިޔެ

ރޯދައަށް ގާޒާ ބޯޑަރު ހުޅުވަން މިސްރުން ނިންމައިފި

May 18, 2018

ރޯދަ މަހު އެއްކޮށް މިސްރާއި ފަލަސްތީނުގެ ގާޒާއާ ދެމެދު އޮންނަ ރަފަހް ބޯޑަރު ހުޅުވާފައި ބާއްވަން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އަމުރު ކުރައްވައިފި އެވެ.

ރައީސް ސީސީ މި ނިންމެވުން ނިންމެވިކަން ހާމަ ކުރައްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ނިންމެވުމުގެ ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ބުރަޔަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

ރަފަހް ބޯޑަރަކީ އިޒްރޭލްގެ ކޮންޓްރޯލް ނޯންނަ، ގާޒާ ރައްޔިތުންނަށް ވަދެ ނުކުމެވޭ ހަމައެކަނި ބޯޑަރެވެ. ނަމަވެސް އެ ބޯޑަރު މިސްރުން ވަނީ 2014 ވަނަ އަހަރުން ފެށިގެން ސެކިއުރިޓީ ވަރު ދަގަ ކުރުމުގެ ގޮތުން ވަރަށް ބޮޑަށް ބަންދުކޮށްފަ އެވެ. ބޯޑަރު ހުޅުވާލަނީ ހަމައެކަނި އިންސާނީ އެހީ ފޯރު ކޮށްދިނުމަށެވެ.

ހަމައެކަނި މި ހަފުތާގެ ތެެރޭގައި ވެސް ގާޒާ ބޯޑަރު ސަރަހައްދުގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ 60 ރައްޔިތުން މަރާލާފަ އެވެ.

މިސްރުގެ ފޮރިން މިނިސްޓްރީން އެމީހުން ސިފަކޮށްފައިވަނީ ޝަހީދުންގެ ގޮތުގަ އެވެ. އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކުރާ މައްސަލާގައި މާޗް 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުން ކުރާ މުޒާހަރާގައި 114 މީހުން މަރާލާފައިވެ އެވެ.