ކާނާ

ރަތް ކުލަ އެހާ ގަދައީ ކީއްވެ؟

މިއީ އަބަދުވެސް ހިތުގައި އުފެދޭ ސުވާލެކެވެ. މަޝްހޫރު ގިނަ ކުންފުނިތަކުން އެމީހުންގެ ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމަށް ވެސް ގިނަ ފަހަރަށް ބޭނުންކުރާނީ ރަތް ކުލަ އެވެ. ނުނީ ރަތާއި ގާތްކުރާ ކުލައެކެވެ. ބައެއް ފަހަރު އަލިގަދަ ކުލަތަކެވެ. އެކަމަކު އެންމެ އާންމު ކުލައަކީ ރަތް ކުލަ އެވެ.

ރާއްޖޭ މަޝްހޫރު ކުންފުނިތަކަށް ބަލައިލިޔަސް މި މަންޒަރު ފެންނާނެ އެވެ. އުރީދޫ އާއި ބޭންކް އޮފް މޯލްޑިވްސް އަދި ފަހާކާއި ޖެހެންދެން ދިރާގުން ވެސް ބޭނުންކުރީ ރަތް ކުލަ އެވެ. އެހެން ގިނަ ވިޔަފާރީކުރާ ފަރާތްތަކުން ވެސް ރަތް ކުލަ ބޭނުންކުރެ އެވެ. ރާއްޖެއަށް އެންމެ ފަހުން ގެނައި ގިނަ ފްރެންޗައިޒް ރެސްޓޯރެންޓުތަކުގައި ވެސް ބޭނުން ކުރަނީ ރަތް ކުލަކަން ފާހަގަވާނެ އެވެ.

ރަތް ކުލައާއި ވިޔަފާރީއާއި އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކަށް ބަލާނަމަ، ހާއްސަކޮށް އެންމެ މަޝްހޫރު ފްރެންޗައިޒް ފާސްޓް ފުޑް ރެސްޓޯރެޓުތަކުގައި ވެސް އެމީހުންގެ ބްރޭންޑް އިޝްތިހާރު ކުރުމަށް ބޭނުން ކުރަނީ ރަތް ކުލަ އެވެ.

ރަތް ކުލައަށް ހާއްސަ ސަމާލު ކަމެއް މި ދެނީ ކީއްވެ ހެއްޔެވެ؟ ކޮންމެ އިންސާނަކަށް ވެސް އެމީހެއްގެ ލޮލުގެ ފެނުން ރަނގަޅުނަމަ 10 މިލިއަނަށްވުރެ ގިނަ ކުލަތައް ފެންނާނެ އެވެ. މި ކުލަތަކުގެ ތެރެއިން ރަތް ކުލައަކީ އިހު ޒަމާނުގައި މީހުން އެންމެ ފުރަތަމަ ނަމެއް ކިޔުމަށް އިސްކަންދިން ކުލަ އެވެ.

އަކުރު ބޭނުން ކޮށްގެން އިންސާނުން ލިޔަން ފެށުމުގެ ކުރިން ބޭނުންކުރި ކުރެހުންތަކުގައި އެއްވެސް ވަރަކަށް ކުލަތައް ބޭނުން ކޮށްފައެއް ނުވެ އެވެ. ކުލަތައް ކިޔައިދިނުމަށް ވެސް އެމީހުން ބޭނުންކުރީ ކުރެހުންތަކެވެ. އެންމެ ފުރަތަމަ ނަންދިން ކުލަތަކުގެ ތެރޭގައި ހިމެނެނީ ރަތް ކުލައިގެ އިތުރުން ކަޅާއި ހުދެވެ.

އޭރު ރަތް ކުލައަށް ހާއްސަ ސަމާލުކަމެއް ދެވުނެވެ. އޭގެ ފަހުން ގިނަ ބަޔަކު ރަތް ކުލަ ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔަ އެވެ. މަޝްހޫރު ގިނަ ފާސްޓް ފުޑް ރެސްޓޯރެންޓުތަކުން ވެސް މި ކުލަ ބޭނުން ކުރަނީ މިހެންވެ ކަމަށް ވެދާނެ އެވެ.

ފަހުގެ ދިރާސާތައް ދައްކާގޮތުން ރަތް ކުލައިގެ ސަބުބުން މީހުނަށް ކަންކަމަށް ހާއްސަ އިސް ކަމެއް ދެވެ އެވެ. ހާއްސަކޮށް ކާ އެއްޗެއްސަށް މީހުންގެ ހުންނަ ފޯރި މި ކުލައިން އިތުރު ކޮށްދެ އެވެ. އެހެންކަމުން ރަތް ކުލައިގެ ލޯގޯ ތަކުން މީހުންގެ ސަމާލުކަން ދަމައިގަތުމުގެ އިތުރަށް ކާއެއްޗެއްސަށް ދަހިވެސް ކުރުވަ އެވެ.

އެމަކު ރަތް ކުލައިގެ ސަބުބަން މިހެން ވާންވީ ކީއްވެ ކަމެއް ނޭނގެ އެވެ. މިހެންވާ މެދުވެރިވާ ސަބަބު އެންމެ ގާތީވެސް މި ކުލައަށް ނަންދެވުނު ހިސާބުން ފެށިގެންނެވެ. އެންމެ އިހުގައި މީހުން ވާހަކަ ދައްކާ އުޅުނު ބަސްތަކުގައި ރަތް ކުލައަށް ނަންދެވުނީ އެމީހުންގެ ލެޔަށް ބޭނުންކޮށް އުޅުނު ބަހުގެ ކުރިއަށް އިތުރު ބަހެއް ލައިގެންނެވެ.

މިސާލަކަށް ހިބްރޫ ބަހުގައި ރަތް ކުލައަށް ކިޔަނީ "އެޑް-ޑައުމް" އެވެ. ލެޔަށް އެ ބަހުން ކިޔަނީ "ޑައުމް" އެވެ.

ރަތް ކުލައިގެ ތާރީހަށް ބަލާނަމަ ސޮލީބީ ހަނގުރާމަ ނިމި ފިކުރީ ހަނގުރާމަ ފެށުނު ޒަމާނުގައި ވެސް މި ކުލައަކީ ހާއްސަ ސަމާލުކަމެއް ދެވޭ ކުލަ އެކެވެ. ފިކުރީ ހަނގުރާމަ ފެށުނު ހިސާބުގައި ރަސްރަސްކަލުންނާއި ޝާހީ އާއިލާތަކުން ރަތް ކުލަ އެމީހުންގެ ރަމްޒެއްގެ ގޮތުގައި ބޭނުންކޮށް އުޅުނެވެ.

މިހާރަށް ބަލާނަމަ އަވައްޓެރި އިންޑިއާގައި ކައިވެނިކުރާއިރު އަންހެން ކުދިން ވެސް ލައްވަނީ ރަތްކުލައިގެ ހެދުމެކެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ރަތަކީ ނަސީބާއި ގުޅިފައިވާ ކުލައެކެވެ. މިއަދު ދުނިޔޭގެ ގިނަ ސަގާފަތްތަކާއި ދީންތަކުގައި ވެސް އެންމެ ގިނަ ބަޔަކު އާންމުކޮށް ބަލައިގަންނަ ކުލައަކަށް ރަތް ކުލަ ވާނެ އެވެ.

ގިނަ ކުންފުނިތަކުން ރަތް ކުލަ ބޭނުންކުރަނީ މި ސަބަބަށްޓަކައި ކަމަށްވެސް ވެދާނެ އެވެ. އިންސާނާގެ ފަސް ހިއްސު ހުންނައިރު އޭގެ ތެރެއިން އިންސާނާގެ ސިކުނޑީގައި ހަރުލާ 80 ޕަސެންޓް މައުލޫމާތަކީ ފެނުމުގެ ހިއްސުން ލިބޭ މައުލޫމާތެވެ.

މަޝްހޫރު މާކެޓިން ކުންފުންޏެއް ކަމަށްވާ "ވެބްޕޭޖްއެފްއެކްސް" އިން ހެދި ދިރާސާއެއްގައި ބުނާގޮތުން 85 ޕަސެންޓް މީހުން ވިޔަފާރީ ކުރާއިރު މުދާ ގަތުމުގައި އެއްޗެއް ހުންނަ ކުލައަށް ބަލާފައި ގަނެ އެވެ. އެ ކުންފުނިން ހެދި އެހެން ދިރާސާއަކުން ދެއްކި ގޮތުގައި ކުންފުނިތަކާއި ބްރޭންޑުތަކަށް ސަމާލުކަން ލިބެނީ އެމީހުން ބޭނުންކުރާ ކުލައިގެ ސަބަބުންނެވެ.