ދުނިޔެ

އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހައި 10 މީހުން މަރާލައިފި

އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ މައިރަށެއް ކަމަށްވާ ހިއުސްޓަންގެ ކައިރި ސަރަހައްދެއްގައވާ ހައި ސްކޫލެއްގެ ދަރިވަރަކު އެތަނުގައި ދިން ބަޑީގެ ހަމަލާތަކެއްގައި 10 މީހުން މަރުވެއްޖެ އެވެ.

ޓެކްސަސްގެ ގަވާނާ ކްރެފް އެބޮޓް ނޫސްތަކަށް ވިދާޅުވީ ހިއުސްޓަންގެ ދެކުނުން 40 މޭލު ދުރުގައިވާ ސަންޓާ އެފްއީ ހައި ސްކޫލަށް ބަޑިން ދިން ހަމަލާގައި މަރުވި 10 މީހުންގެ އިތުރުން 10 މީހަކު ޒަހަމްވި ކަމަށެވެ. އަދި އޭނާ އަދި ވިދާޅުވީ ހަމަލާ ދިނީ ޑިމިޓްރިއޯސް ޕެގޯޒިސް ނަމަކަށް ކިޔާ އުމުރުން 17 އަހަަރުގެ ދަރިވަރެއް ކަަމަށެވެ.

ހަމަލާގައި މަރުުވި މީހުންގެ ތެރޭގައި ގިނައީ ސްކޫލުގެ ދަރިވަރުންނެވެ. ހަމަލާއާ ގުޅިގެން ޕެގޯޒިސް ހައްޔަރުކޮށް މީހުން މެރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

ޓެކްސަސްގެ ގަވާނާ އެބޮޓް ވިދާޅުވީ ބަޑިން ހަަމަލާދިން ދަރިވަރު ވަނީ ދުރާލާ އެކަން ރާވާފައި ކަމަށާއި އޭނާ ސްކޫލަށް ގެންދިޔައީ އޭނާގެ ބައްޕަ ގެންގުޅުނު ބަޑިއެއް ކަމަށެވެ. އަދި ވިދާޅުވީ ބަޑީގެ އިތުރުން ބައެއް ގޮވާތަކެތި ވެސް އޭނާ ސްކޫލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ރާވާފައި އޮތީ ހަމަލާ ދިނުމަށް ފަހު އަމިއްލައަށް މަރުވުމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ސަލާމަތީ ބާރުތަކާ އޭނާ ހަވާލުވީ އަމިއްލައަށް މަރުވުމުގެ ހިތްވަރު ނެތިގެން ކަމަށް ގަވާނާ އެބޮޓް ވިދާޅުވެފައި ވެެއެވެ.