ކުޅިވަރު

ވެޓަރަންސް ކަޕު ހުޅުވުން ނިއު އާއި ޑީއެސްސީއަށް

މިއަދު ފަށާ ރަމަޒާން ވެޓަރަންސް ކަޕު ހުޅުވައި ދޭނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އެވެ.

މި އަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަ ކުރެ އެވެ. ފުރަތަމަ ޑިވިޝަންގައި، ޓީސީ އާއި ޔުނައިޓަޑް ވިކްޓަރީ އަދި ގްރީން ސްޓްރީޓް ފިޔަވައި އަނެއް ފަސް ޓީމު މުބާރާތުގައި ވާދަ ކުރެ އެވެ. ދެން ވާދަ ކުރަނީ ސިފައިންގެ ކުލަބުގެ އިތުރުން ޕޮލިސް ކުލަބެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ބުރަށް ބާހަލައިގެންނެވެ. ކޮންމެ ބުރެއް ނިމުމަށް ފަހު ޕްލޭއޮފް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ފުރަތަމަ ބުރަކީ ގުރޫޕް ސްޓޭޖެވެ. ގުރޫޕް ސްޓޭޖު ވަނީ ދެ ގުރޫޕަކަށް ބަހާލާފަ އެވެ. ގުރޫޕް "އޭ" ގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަފު މާޒިޔާ އާއި ވެލެންސިއާ އަދި ކުލަބު އީގަލްސް އާއި ޕޮލިސް ކުލަބެވެ. ގުރޫޕް "ބީ" ގައި ހިމެނެނީ ނިއު އާއި ވިކްޓަރީގެ އިތުރުން ދިވެހި ސިފައިންގެ ކުލަބެވެ.

ދެ ވަނަ ބުރުގެ ސީދާ ޖާގަ ލިބެނީ ގުރޫޕްގެ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމަށެވެ. ގުރޫޕްގެ ތިން ވަނަ ހޯދާ ޓީމަށް އެހެން ފުރުސަތެއް އޮވެ އެވެ. އެއީ ޕްލޭއޮފް މެޗެވެ. ދެ ގުރޫޕުގެ ތިން ވަނަ ޓީމު ޕްލޭއޮފް ކުޅުމަށް ފަހު ދެ ވަނަ ބުރަށް ދާނީ ޕްލޭއޮފް މެޗުން މޮޅުވާ ޓީމެވެ.

ދެ ވަނަ ބުރަށް ދިޔަ ހަތަރު ޓީމުގެ މެދުގައި، އެ ބުރު ކުޅޭނީ ލީގް އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް، ފައިނަލުގެ ސީދާ ޖާގަ ލިބިގެންދާނެ އެވެ. ދެ ވަނަ ބުރަށް ފަހު އަނެއްކާވެސް ޕްލޭއޮފް މެޗެކެވެ. ނަމަވެސް މިއީ ސެމީފައިނަލު މެޗެކެވެ. އެ މެޗުގައި ވާދަ ކުރާނީ ދެ ވަނަ ބުރުން ދެ ވަނަ ހޯދި ޓީމާއި ތިން ވަނަ ހޯދި ޓީމެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

ފައިނަލު މެޗު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. އެއީ ރޯދަ މަހުގެ 29 ވަނަ ދުވަހެވެ.

މުބާރާތް އިންތިޒާމު ކުރާ މޯލްޑިވްސް ސޮކާ މޭޓްސްގެ ޖެނަރަލް ސެކެޓްރީ ކުލަބު ވެލެންސިއާގެ ކުރީގެ މިޑްފީލްޑާ އަބްދުﷲ އާމިރު ކުރިން އަވަސްއާ ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ މުބާރާތް އިންތިޒާމު ކުރާނީ ރޯދަ މަހަށް ފައްތައިގެން ވީހަވެސް ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބޭނެ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން މި ވިސްނަނީ ރޯދަ މަހަށް ފިޓްކޮށްގެން ވީހާވެސް ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބޭނެ ގޮތަކަށް އެކުލަވާލަން." އަބްދުﷲ އާމިރު ވިދާޅުވެފައި ވެއެވެ.

މިދިޔަ އަހަރު ވެޓަރަންސް ކަޕު ފެށުމުގެ ކުރިން ސޮކާ މޭޓްސްއިން ވަނީ ރާއްޖޭގެ އުފެދުނު ފުޓްބޯޅަ ލެޖެންޑުންގެ ހާއްސަ މެޗެއް ކުޅެފަ އެވެ. އަބްދުﷲ އާމިރު ވިދާޅުވީ މިއަހަރު މުބާރާތް ހުޅުވަން ވަކި ހާއްސަ ހަރަކާތެއް ނުބާއްވާނެ ކަމަށެވެ.

"މިއަހަރު ބޭރުގެ ޓީމެއް ގެނެސްގެން މާލޭގައި މެޗެއް ކުޅެވިއްޖެ، އޭދަފުށީ ވެޓަރެންސް ޓީމާ ދެކޮޅަށް ވެސް މެޗެއް ކުޅެވިއްޖެ، އެހެންވީމަ ވެޓަރަންސް ކަޕު ހުޅުވަން ހާއްސަ ހަރަކާތެއް ނުބައްވަން އަޅުގަނޑުމެން ވިސްނުން ގެންގުޅުނީ، އެހެން ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި ވެންޓަރަންސް ކަޕަށް ހާއްސަ ހަރަކާތްތައް ބާއްވާނަން."