ކުޅިވަރު

އިނގިރޭސި އެފްއޭކަޕުގެ ޗެމްޕިއަން ޗެލްސީއަށް

މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޗެލްސީން އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަން ކަޕު (އެފްއޭ ކަޕު) ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ވެރިރަށް ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ޗެލްސީގެ ލަނޑު މެޗުގެ 22 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެޑެން ހަޒާޑް އެވެ. މި މެޗަކީ ޗެލްސީގެ ޖޯޒީގައި ހަޒާޑް ކުޅުނު 300 ވަނަ މެޗެވެ.

ބެލްޖިއަމްގެ ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ޗެލްސީއަށް ސޮއި ކުރީ 2012 ވަނަ އަހަރު އެވެ. ޗެލްސީގެ ޖޯޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗަކީ އެ އަހަރުގެ ޖުލައި 12 ވަނަ ދުވަހު ޕްރީ ސީޒަން މެޗެއްގައި ސީޓަލް ސައުުންޑާސްއާ ދެކޮޅަށް ކުޅުނު މެޗެވެ. އޭނަގެ ފުރަތަމަ ރަސްމީ މެޗަކީ 2012/2013 ސީޒަން ފެށުމުގެ ގޮތުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗެވެ.

ޗެލްސީއަށް ލިބުނު ޕެނަލްޓީ އަކީ، މެން ޔުނައިޓަޑްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ފިލް ޖޯންސް، ހަޒާޑް އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

މިއީ ޗެލްސީން އެފްއޭ ކަޕު ކާމިޔާބު ކުރި އަށް ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުގައިވެސް ޗެލްސީ ވަނީ ކުޅެފަ އެވެ. ފައިނަލުގައި އެ ޓީމު ބަލިވީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އާސެނަލް އަތުންނެވެ. އެ ޓީމުން ވަނީ މުބާރާތް 13 ފަހަރު ކާމިޔަބު ކޮށްފަ އެވެ. މިއަދު ފައިނަލުގައި ބަލިވި މެންޗެސްޓާ ޔުނައިޓަޑް ވަނީ މުބާރާތް 12 ފަހަަރު ކާމިޔާބު ކޮށްފަ އެވެ.

އެފްއޭ ކަޕު ކާމިޔާބު ކޮށްދިނަސް، ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭއަށް، އޭނާގެ ވަޒީފާގައި ދެމި ހުރެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގް ޗެލްސީއަށް ހޯދައި ދިން ނަމަވެސް، މިސީޒަންގައި ގަދަ ހަތަރެއްގެ ތެރެއަށްވެސް ޗެލްސީއަށް ނުވަދެވުނެވެ. ފަސް ވަނައިގައި ލީގް ނިންމާލަން ޖެހުމުން އަންނަ ސީޒަންގައި ޗެލްސީ ވާދަ ކުރާނީ ޔޫރޮޕާ ލީގްގަ އެވެ.