ކޮންމެ ބޮޑު މަސައްކަތެއް ފަށަނީ، މޮޅު ސްލޯގަން ނުވަތަ ޝިއާރެއް، އިބާރާތް ކުރުމަށް ފަހު މޮޅު ޓެގްލައިން އަޅުވައިގެންނެވެ. އެހެން ގެންނަ ސްލޯގަންގައި އަތުރާލެވިފައިވާ ބަހުގައި ހިމެނޭ ކަންކަން ސާބިތު ކޮށްދެވެނީ ކިހާވަރަކަށް ހެއްޔެވެ؟ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ތަޖުރިބާކާރު ކޯޗް އަލީ ސުޒޭން ގަބޫލު ކުރާ ގޮތުގައި މޮޅު ސްލޯގަންއަކަށްވުރެ މުހިންމީވެސް އަދި މޮޅުވާނީ ވެސް އެކަމުން ނެރެވޭ ނަތީޖާ އެވެ.
އޭނާ މި ވާހަކަ ދެއްކީ ރާއްޖޭގެ ފުޓްބޯޅައިގެ ތެރޭގައި ހުރި ކަންކަމަށް އިޝާރާތް ކޮށެވެ. އޭނާ ބުނި ގޮތުގައި މޭޒު ކައިރީގައި ބޮޑު ގޮނޑީގައި ތިބެގެން ސަޅި ސްްލޯގަން ހަދަ އެވެ. އެކަމަކު ކަމެއް ސާބިތުކޮށް ނުދެވެ އެވެ.
"ކަންތައްތަކެއް ކުރަން އޫޅޭ ކަމަށްވަންޏާ އެކަން ސާބިތު ކުރޭ! ހަމައެކަނި މޮޅަށް ބޮޑުކޮށް ސްލޯގަންއެއް ހަދައިގެން އުޅުމުގެ ބަދަލުގައި ކަންކަން ސާބިތު ކުރުން ކަންނޭނގެ އޮތީ," ސުޒޭން ބުންޏެވެ. "ފުޓްބޯޅައިގައި ބާރާއި ނުފޫޒާ ހޯދަން މިއުޅެނީ ފުޓްބޯޅައިގައި ކާމިޔާބު ހޯދަން ކަމަށްވަންޏާ އެކަމަށް ފޯކަސް ކުރަންވީ،"
އެފްއޭއެމުން ވަނީ މިދިޔަ އަހަރު އައްޑޫގައި "ޓްވޯޑްސް ފިއުޗާ" ގެނަމުގައި ޒުވާން ކުޅުންތެރިން ރެކްރޫޓް ކުރުމަށް ޕްރޮގްރާމެއް ފަށާފަ އެވެ.
ފުޓްބޯޅައިން އަދި ކުޅިވަރުން ބޭރަށް ނިކުތް ކަމުގައިވިޔަސް، އެކި ދާއިރަތަކުން މޮޅު ޝިއާރުތައް އިބާރާތްކޮށް ތަރުތީބު ކޮށްލައިގެން ހަރަކާތްތައް ހިންގަ އެވެ. އަހަރުތަކެއް ކުރިންނަމަ "މިނިވަން ދިވެހިރާއްޖެ، ސާފު ދިވެހިރާއްޖެ" ގެ ނަމުގައި ސްލޯގަން އަޅުވައިގެން ހަރަކާތްތައް ފެށި އެވެ. އޭގެ ފަހުން އެތަކެއް ޒަމާންވީ އެވެ. އެ ސްލޯގަންއިން ހާސިލުވި މަގްސަދެއް ނެތެވެ. ސާފުކަން ގެއްލި، ނުތާހިރުކަންވީ އިތުރެވެ.
ދިވެހިންގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ ކޮންމެ ކަމެއް ކުރަނީ ފޮޓޯ އެއް ނަގާލުމުގެ ބޭނުމުގަ އެވެ. ސްލޯގަންގެ ދަށުން ކަމެއް ލޯންޗު ކުރާއިރު އެ ރަސްމިއްޔާތު ވަރަށް ކުލަގަދަ ކޮށްލަ އެވެ. އެއަށްފަހު އެކަން އެ ނިމުނީ އެވެ. އެކަމާ ބެހޭގޮތުން ހޭލުންތެރިންކަން އުފެއްދުމަށް ހިންގޭ ޕްރޮގްރާމްތައް އެންމެ އެދެވޭ ގޮތުގައި ކުރިއަކަށް ނުދެއެވެ. ހޭލުންތެރި ކަމެއްނެތި ހާސިލު ކުރަން ބޭނުންވާ ކަމެއް ހާސިލު ކުރެވިފައި އެބައޮތް ހެއްޔެވެ؟
ޓްވޯޑްސް ފިއުޗާގެ ހަގީގީ މަގުސަދު ހާސިލު ކުރެވޭނެތަ؟
ޓްވޯޑްސް ފިއުޗާ އައްޑޫގައި ފެށިފަހުން، އެހެން ސަރަހައްދެއްގައި އެކަން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. "ޓްވޯޑްސް ފިއުޗާ" އަކީ ހަަމައެކަނި އައްޑޫގައި ނުވަތަ މާލޭގައި ހިންގާ ޕްރޮގްރާމަކަށް ވެގެން ރާއްޖޭގެ ފުޓްބޯޅައިން ހާސިލު ކުރަން ބޭނުންވާ މަގްސަދެއް ހާސިލެއް ނުކުރެވޭނެ އެވެ. މުޅި ރާއްޖެއަށް ޓްވޯޑްސް ފިއުޗާގެ ހަރަތާކްތް ފުޅާ ކުރަން ޖެހެ އެވެ. ނަމަވެސް ހަމައެކަނި ޓެކްނިކަލް ޑިވެލޮޕްމެންޓަށް އެކަނި ވިސްނައިގެން ޓްވޯޑްސް ފިއުޗާގެ މަގުސަދު ހާސިލެއް ނުކުރެވޭނެ އެވެ.
ޓްވަޑޯސް ފިއުޗާ ޕްރޮގްރާމްގެ ދަށުން، ކުޑަކުދިންނާއި ސްކޫލަތަކުގެ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން އަދި ހިންގުމުގެ ދާއިރާގެ މީހުންވެސް ހޭލުންތެރިކަން ކުރަން ޖެހެ އެވެ. ބައެއް ބެލެނިވެރިންނާއި އަދި ބައެއް ޓީޗަރުންގެ ވިސްނުން ހުންނަ ގޮތުން ފުޓްބޯޅައަކި އޭގެ މައްޗަށް ދިރިއުޅުން ބިނާ ކުރެވޭނެ ކަމެއް ކަމުގައި އެ ފަރާތްތަކުން ނުދެކެއެވެ. ރައްޖޭގައި އެފަދަ އެތައް މިސާލުތަކެއް މިހާރުވެސް އެބަހުއްޓެވެ.
ފުޓްބޯޅަކެރިއާއެއް ގޮތަށް ނަގަން ބޭނުންވާ ބައެއް ކުދިންވެސް ވިސްނުން ބަދަލުވެފައި އެބަހުއްޓެވެ. ބެލެނިވެރިންނާއި މުދައްރިސަުންގެ ހޭލުންތެރިންކަން ފުޓްބޯޅައަށް ނެތުމުން ބެލެނިވެރިންނާއި މުދައްރިސުން ދޭ ފީޑްބެކްގެ ސަބަބުންނެވެ.
އިންޑިއާއިންވެސް ވަނީ "މިޝަން XI މިލިއަން" ގެ ސްލޯގަންގެ ދަށުން ޕްރޮގްރާމެއް ފަށާފަ އެވެ. ނަމަވެސް މިއީ ހަމައެކަނި ފުޓްބޯޅައިގެ ޓެކްނިކަލް ޑިވެލޮޕްމެންޓާ ގުޅުން ހުރި ޕްރޮގްރާމެއް ނޫނެވެ. "މިޝަން XI މިލިއަން" އަކީ އިންޑިއާގެ 36 ސިޓީގެ 14000 ސޫކޫލަށް އަމާޒު ކޮށްގެން ފުޓްބޯޅައަށް އެންމެގެ ޝާމިލުވުން އިތުރު ކުރުމަށް އިފްތިތާހް ކުރި މަޝްރޫއެކެވެ. އަދި ފުޓްބޯޅައަށް ކުޑަކުދިންނާއި ޓީޗަރުން އަދި ބެލެނިވެރިން ހޭލުންތެރި ކުރުންވެސް ހިމެނެ އެވެ.
ކުދިންތަކެއް ގޮވައިގެން ހަމައެކަނި ދަނޑަށް އަރައި ޕްރެކްޓިސް ކުރުމުގެ ބަދަލުގައި "މިޝަން XI މިލިއަން" އަމާޒުކޮށްފައި ވަނީ، ސްކޫލުތަކަށާއި ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނި، ޖަމާއަތްތަކަށެވެ.
"އެންމެ މުހިންމު ކަމަކީ އިންޑިއާއަށް ފުޓްބޯޅައިގެ އިންގްލާބެއް ގެނައުން، 'މިޝަން XI މިލިއަން' އަކީ ފުޓްބޯޅައަށް ކުޑަކުދިންނާއި ދަރިވަރުން އަދި ޓީޗަރުން އަދި ބެލެނިވެރިން އަދި ހިންގުމުގެ ދާއިރާގެ ހުރިހާ އެންމެނަށްވެސް ފުޓްބޮޅައިގައި ބައިވެރި ވެވޭނެކަން ހާމަ ކޮށްދޭނެ ހަރަކާތެއް،" އިންޑިއާގެ ފުޓްބޮޅައިގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.