ދުނިޔެ

މިޝޭލް އޮބާމާ ވިއްކާލާނީ 40 ޑޮލަރަށް: އައިއެސް

އަޅު ވިޔަފާރި ޔޫރަޕާއި އެމެރިކާގެ ގައުމުތަކުގައި ހުއްދަކުރާނެ ކަމަށާއި އެމެރިކާގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާ ވިއްކާލާނީ 40 ޑޮލަރަށް ކަމަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ބުނެފި އެވެ.

ހައްދުފަހަނަޅައި ގޮސްފައިވާ ޓެރަރިސްޓް ޖަމާއަތުން މިފަދަ އިންޒާރެއް އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުނަށް ދީފައި މި ވަނީ އެމެރިކާ އިން ސީރިއާ އާއި އިރާގުގައި އައިއެސްއާ ދެކޮޅަށް ދެމުން ގެންދާ ވައިގެ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށެވެ. އައިއެސްގެ މި އިންޒާރު އާންމުކޮށްފައި ވަނީ އެމީހުންގެ މަޝްހޫރު ޕްރޮޕެގެންޑާ މަޖައްލާ، ދާބިގުގެ އާ އަދަދުގަ އެވެ.

އިނގިރޭސި ބަހުން ނެރޭ މި މަޖައްލާގައި "ސްލޭވް ގާލްސް އޯ ޕްރޮސްޓިޓިއުޓްސް" ގެ ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އަޅު ބާޒާރެއްގައި މިޝޭލް އޮބާމާގެ އަގު ދީނާރެއްގެ ތިން ބައިކުޅަ އެއް ބަޔަށް ވެސް ނާރާނެ ކަމަށެވެ.

އައިއެސްގެ ވެރިކަން ހިނގާ ހިސާބުތަކުގައި ގޯލްޑް ދީނާރަކަށް އެމެރިކާ ޑޮލަރުން 139 ޑޮލަރު ޖެހެ އެވެ.

މިޝޭލް އޮބާމާގެ މާ ބޮޑު އަގެއް ނެތް ކަމަށް ބުނެ މަލާމާތް ރައްދުކޮށްފައިވާ އައިއެސްގެ މި ލިޔުމުގައި ވަނީ ހަނގުރާމައިގެ މައިދާނުން އަތުލައިގަނެވޭ މީހުން އަޅުންގެ ގޮތުގައި ގެންގުޅުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް ބުނެ އެފަދަ ދުވަހެއް ނިކަން އަވަހަށް ހުޅަނގަށް އަންނާނެ ކަމަށް ވެސް ބުނެފަ އެވެ.

އައިއެސް އިން ދަނީ މިހާރު ވެސް އިރާގާއި ސީރިއާގައި ނިކަން ފުޅާކޮށް އަޅު ވިޔަފާރިކުރަމުންނެވެ. އެގޮތުން އައިއެސް އިން އެންމެ ގިނައިން އަޅުންގެ ގޮތުގައި ވިއްކަމުން ދަނީ ޔަޒީދީ ދަރިކޮޅުގެ އަންހެނުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.