ފައިނަލުގައި ބަޔާން މިޔުނިކު 3-1 ން ބަލިކޮށް އަންނަ ސީޒަންގައި އެ ޓީމުގެ ކޯޗު ކަމާ ހަވާލުވާ ނިކޯ ކޮވާޗް ފްރެންކްފާޓަށް ޖަރުމަން ކަޕުގެ ޗެމްޕިއަންކަން ހޯދައި ދީފި އެވެ.
ބަޔާންގެ ވަގުތީ ކޯޗު، ޔުޕް ހޭންކެސް އުންމީދު ކޮށްގެން ހުރީ އޭނާ އަލުން ރިޓަޔާމެންޓަށް ދާއިރު ޑޮމެސްޓިކް ދެ ތަށި ކާމިޔާބު ކޮށްގެން ދިއުމެވެ. ނަމަވެސް އޭނާ އަށް ހުރަސް އެޅީ ފްރެންކްފަޓުން އެންމެ ފަހު ވަގުތު ކާމިޔަބު ކުރި ދެ ލަނޑުންނެވެ.
މެޗު ފެށިގެން 11 ވަނަ މިނެޓްގައި އެންޓޭ ރެބިކް ވަނީ ފްރެންކްފާޓަށް ލީޑް ނަގައިދީފަ އެވެ. ބަޔާންއަށް ނަތީޖާ ހަމަހަމަ ކުރެވުނީ ދެ ވަނަ ހާފު ގައެވެ. ދެ ވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓްގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާން އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މެޗުގެ 82 ވަނަ މިނެޓްގައި ރެބިކް ޖެހި ދެ ވަނަ ލަނޑާމެދު ސުވާލު އުފެދުނެވެ. ބަޔާންއިން ބުނީ އެލަނޑު ޖެހުމުގެ ކުރިން ބޯޅަ އަތުގައި ޖެހުނު ކަމަށެވެ. ވީއޭއާރް ޓެކްނޮލަޖީން ބެލުމަށް ފަހު ރެފްރީ ނިންމީ ލަނޑެއް ކަމަށެވެ. އެހާހިސާބުންވެސް މެޗުގައި ސުވާލު އުފެދުނު މަންޒަރުތައް ނިމުނީކީ ނޫނެވެ.
މެޗުގެ އިތުރު ވަގުތުގައި، ފްރެންކްފާޓްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކެވިން ޕްރިންސް ބޯޓެން، ބަޔާންގެ ހާވީ މާޓީނޭޒްއަށް ޗާޖު ކުރިނަމަވެސް ރެފްރީ ނިންމީ ޕެނަލްޓީއެއް ދޭން ޖެހޭވަރުގެ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ފްރެންކްފަޓްގެ ދެ ވަނަ ލަނޑު މެޗުގެ 96 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިއަޓް ގަޗީނޮވިޗް އެވެ.
ފްރެންކްފާޓްގެ ކެރިއާ ކޮވާޗް ނިންމާލީ ކާމިޔާބު ކަމާއެކު، އަންނަ ޖުލައި މަހުން ފެށިގެން އޭނަ ހަވާލުވާ ކުލަބާ ދެކޮޅަށް ފްރެންކްފާޓަށް ހޯދައިދިން ތައްޓަކީ 30 އަހަރު ތެރޭ އެ ކުލަބަށް ލިބުނު ފުރަތަމަ ތައްޓެވެ.
އަންނަ ސީޒަނުން ފެށިގެން ކުރިއަށް އޮތް ތިން އަހަރަށް، ބަޔާން މިޔުނިކުގެ ކޯޗު ކަމާ ހަވާލުވާ ކޮވާޗް އަކީ އެޓީމުގެ ކުރީގެ މިޑްފީލްޑަރެވެ. ކޮރޭޝިއާއަށް އުފަން ކޮވާޗް އަކީ އަކީ ޖަރުމަންގެ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗެވެ.
ޖަރުމަނުގެ ފުޓްބޯޅައިގެ ތަޖުރިބާ
ކޮރޭޝިއާގެ ގައުމީ ޓީމު ކެޕްޓަންކަން ކުރިން ކުރި، ކޮވާޗް ކުޅުންތެރިޔެއްގެ ގޮތުގައި އޭނާގެ ކެރިއަރުގެ ބޮޑުބައެއް ހޭދަ ކުރީ ޖަރުމަންގެ ބުންޑެސް ލީގާގައެވެ. އޭނާ ކޯޗިން ކެރިއާ ފެށީ އޮސްޓްރިއާގެ ސަލްޒްބާގްގެ އެކެޑެމީ ކޯޗެއްގެ ގޮތުގައެވެ. އެކެޑެމީގައި އޭނާ ކުރި މަސައްކަތް ފާހަގަ ވުމުން ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗު ކަމަށް ޕްރަމޯޓް ކުރި އެވެ. ސަލްޒްބާގައި އޭނަ މަސައްކަތް ކުރީ ޓީމުގެ ހެޑް ކޯޗު ހޮލެންޑްގެ ރިކޯޑޯ މޯނިޒްގެ ދަށުންނެވެ. މޯނިޒް އެ ޓީމު ދޫކޮށްލުމުން ޓީމުގެ ހެޑްކޯޗުގެ މަގާމު ކޮވާޗްއަށް ދޭގޮތަށް ވާހަކަ ދެއްކިއެވެ. ނަަމަވެސް އެކުލަބުން ހެޑް ކޯޗުކަމަށް ހަމަޖެއްސީ ރޮޖާ ޝްކްމިޑް އެވެ. ކުލަބުގެ ބޯޑުންކަންތައް ކުރި ގޮތުން އެކަމާ ހިތްހަމަ ނުޖެހި ކޮވާޗް ސަލްޒްބާގް ދޫކޮށްލި އެވެ.
ފްރެންކްފާޓްގެ ސަޕޯޓަރުންގެ ލޯބި ހޯދި
ފްރެންކްފޯޓްގެ ކޯޗު ކަމާ، ކޮވާޗް ހަވާލުވީ 2016 ވަނަ އަހަރު މާޗް މަހު އެވެ. އޭނަ އެ ޓީމުގެ ކޯޗު ކަމާ ހަވާލުވިއިރު ޓީމު އޮތީ ރެލިގޭޓްވުމުގެ ބިރު ކުރިމަތި ވެފަ އެވެ. އެ ޓީމު ރެލިގޭޝަނުން ސަލާމަތް ކޮށްދިނެވެ. އަދި އެ އަހަރުގެ ޖަރުމަން ކަޕްގެ ފައިނަލަށް އެޓީމު ގެންގޮސްދިނެވެ.
ކޮވާޗްގެ އެންމެ ހާއްސަ ފިލޯސަފީއަކީ، ކުޑަ ބަޖެޓަކުން ކާމިޔާބާ ހަމަޔަށް ގެންގޮސް ދިނުމެވެ. އޭނާ ފްރެންކްފާޓާ ހަވާލުވެ އެ ޓީމަށް ގެނައި އެންމެ ބޮޑު ބަދަލަކީ ކުޅުންތެރިންގެ ވިސްނުން ބަދަލު ކުރުމެވެ. އެންމެ ފަހު ވަގުތާ ހަމަޔަށްވެސް މަސައްކަތް ކުރުމުގެ ރޫހް ކުޅުންތެރިންގެ މެދުގައި އުފެއްދި އެވެ. ފްރެންކްފާޓްގެ ގޭމް ސިސްޓަމް 3-5-2 އަށް ބަދަލުކޮށް އެޓޭކިން ސްޓައިލްގެ ފުޓްބޯޅައަކަށް ބަދަލު ކުރި އެވެ.