ކުޅިވަރު

ޒިދާންގެ ދަރިފުޅު ރެއާލްގައި ތަފާތު ދައްކައިފި

ޗެމްޕިއަންސް ލީގް ފައިނަލު މެޗު ކުރިމަތީގައި އޮތުމުން، ރެއާލް މެޑްރިޑްގެ ސީނިއާ ދެ ކީޕަރުން ކަމަށްވާ ކޭލޯ ނާވަސް އާއި ކިކޯ ކަސިއްޔާއަށް ރެސްޓް ދިނުމަށްފަހު، ރޭ ވިޔަރެއާލް އާ ދެކޮޅަށް ކުޅުނު ލީގް ފަހު މެޗުގައި ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ޓީމުގެ ގޯލް ބަލަހައްޓަން ފުރުސަތު ދިނީ އޭނާގެ ދެ ވަނަ ދަރިފުޅު ލުކަ ޒިދާން އަށެވެ.

މެޗު 2-2 ން އެއްވަރު ވެގެން ނިމުނު ނަމަވެސް، ލުކަ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ. ރެއާލުން ފުރަތަމަ ހާފުގައި ލިޑް ނެގީ ގެރެތު ބޭލް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔަބު ކުރި ލަނޑުތަކުންނެވެ. ވިޔަ ރެއާލްގެ ދެ ލަނޑު ޖެހީވެސް ރެއާލްގެ ޑިފެންސަށް ހެދުނު މިސްޓޭކަކުންނެވެ.

ލުކަ ވަނީ ވިޔަރެއާލުން ފޮނުވާލި ނުރައްކާތެރި ދެ ބޯޅައެއް ދިފާއު ކޮށްފަ އެވެ. ޒިދާންގެ ދަރިއަކަށް ވުމުން ގިނަ ބަޔަކު އޭނާގެ ފަރާތުން އެ ފެންވަރުގެ ހުނަރެއް ފެނިދާނެ ކަމަށް އުންމީދު ކޮށްފާނެ އެވެ. އެކަމާ ބެހޭގޮތުން އޭނާ ބުނީ މިހެންނެވެ.

"އަހަރެން ކުޅެންޏާ އަހަންނަކީ އަހަރެން. މިއީ ޒިދާނެއް ނޫން،" މި މަހު 20 އަހަރު ފުރުނު ކީޕަރު ބުންޏެވެ. ރޭ ގެ މެޗަކީ ރެއާލްގެ ސީނިއާ ޓީމުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ނަތީޖާ އެއްވަރު ވުމުން އޭނާ ހުރީ މުޅިން ހިތްހަމަ ޖެހިފަ އެއްނޫނެވެ. އޭނާ ބުނީ މެޗަށް ފަހު އޭނާގެ ގޯލަށް ވަން ދެ ލަނޑުގެ ވީޑިއޯ ބަލައި އެނަލައިސް ކުރާނެ ކަމަށެވެ.

"އަހަންނަށް ކުރެވުނީ ފޮނި އަދި ހިތި އިހްސާސްތަކެއް، އަހަރެން ވަރަށް ފަހުރުވެރިވޭ މި ޓީމުގައި އަހަރެންގެ ސީނިއާ ކެރިއަރު ފެށުނީތީ މިއީ ދުނިޔޭގެ އެންމެ މޮޅު ޓީމު، މެޗު އެއްވަރުވުމަކީ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން."

އޭނާ ބުނީ ރެއާލްގެ ސީނިއާ ކުޅުންތެރިންގެ ފަރާތުން އޭނާ އަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށާއި މެޗަށް ފަހުވެސް އޭނާ ކުރި ސޭވްތަކަށް ކުޅުންތެރިން މަރުހަބާ ކަމަށެވެ.

"މެޗުގެ ކުރީ ދުވަހު ބައްޕަ [ޒިދާން] އަހަރެންގެ ގާތު ބުނި މެޗުގައި އެންޖޯއީކޮށްލާށޭ، ރެއާލް މެޑްރިޑްގައި ކުޅުމަކީ ފަހުރެކޭ."