ހަބަރު

ކުރިއެކެ އެއްގޮތަށް އަމަލު ކުރާތީ ގާޒީ ބަދަލުކުރަން މަހުލޫފު އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާ ދެކޮޅަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އަމަލު ކުރައްވަމުން ގެންދަވަނީ 2016 ވަނަ އަހަރު މަަހުލޫފަށް ޖަލު ހުކުމް އިއްވި އިރު ވެސް ގާޒީ އަމަލު ކުރެއްވި ގޮތަށް ކަމަށް ވިދާޅުވެ، ގާޒީ ބަދަލު ކޮށްދޭން މަހުލޫފު އެދިވަޑައިގެންފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފަށް މަހުލޫފު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ 2016 ވަނަ އަހަރު އޭނާއަށް ޖަލު ހުކުމެއް އިއްވެވި އިރުވެސް ގާޒީ އަލީ އާދަމް އެ ޝަރީއަތް ނިންމެވީ ދިފާއީ ވަކީލުން ހުށަހެޅުމުން އެހެކިން ބަލައި ނުގަތުމަށް ނިންމެވުމަށް ފަހު ވަކީލުގެ ޣައިރު ހާޒިރުގައި ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ މިފަހަރުގެ ޝަރީއަތުގައި ވެސް ޝަރީއަތަށް އޭނާ ހުށަހެޅުއްވި ހުށަހެޅުންތައް ބަލައި ނުގަނެ، އޭނާގެ ވަކީލު އަހުމަދު ނާޒިމު އަބުދުއް ސައްތާރު ސަސްޕެންޑްކޮށްފައި ކަމަށެވެ،

ގާޒީ ބަދަލުކޮށްދޭން އެދިވަޑައިގެންނެވި އަނެއް ސަބަބެއްގެ ގޮތުގައި މަހުލޫފު ފާހަގަ ކުރައްވާފައި ވަނީ 2016 ވަނަ އަހަރު ކުރި ހުކުމްވެސް ހެކިން ބަލައި ނުގަނެ، ވަކީލް ސަސްޕެންޑްކޮށްގެން ކުރުމުން އެފަހަރު ބަންދު ކުރި ކުރި ކުރުން އެއީ ގާނޫނާ ހިލާފު ބަންދެއް ކަަމަށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމާފައި ވުމެވެ.

މަހުލޫފާ ދެކޮޅަށް ކޮށްފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.