ވިޔަފާރި

ކޮކާކޯލާއިން މުޅިން އަލަށް ދިވެހި އިޝްތިހާރެއް ނެރެފި

ކޮކާކޯލާ ކުންފުނިން ފުރަތަމަ ފަހަރަށް ރާއްޖޭގައި 100 ޕަސެންޓް ދިވެހި އިޝްތިހާރެއް އުފައްދައި ލޯންޗް ކޮށްފި އެވެ.

ޗޮޕާޓް މޯލްޑިވްސް އާ ހަވާލުކޮށްގެން އުފެއްދި އެ އިޝްތިހާރުގައި އެކްޓްކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ޝީލާ ނަޖީބާއި އަހުމަދު ނިމާލެވެ.

ކޮކާލާގެ މާކެޓިން ޓީމުން ބުނީ ރާއްޖޭގެ އެކްޓަރުން އެކްޓްކޮށް ރާއްޖޭގައި އުފެއްދި އިޝްތިހާރުގެ ސަބަބުން ދިވެހިންނާ ކޮކާކޯލާއާ އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަަމަށް އުއްމީދުކުރާ ކަމަށެވެ.

ކުރު ޑްރާމާ ކޮޅެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ އިޝްތިހާރުން ފެންނަނީ ރާއްޖޭގެ އާއިލާއަކުން ރޯދަ ވީއްލާ މަންޒަރެވެ. އެގޮތުން އެދުވަހުގެ ރޯދަ ވީއްލުމަށް ކެއުން ތައްޔާރު ކުރަނީ އެއާއިލާގެ ފިރިހެން ދަރިފުޅެވެ. ރޯދަ ވީއްލުމަށް އާއިލާ އިށިނދެ، ކާތަކެތީގެ ރަހަ ބަލަން ފެށުމުން ފިރިހެން ދަރިފުޅު އޭނާގެ ދައްތަ ގާތުގައި އަހަނީ ކެއުން ކަމުދޭތޯ އެވެ. އެވަގުތު ދައްތަ ބުނަނީ ކޮންމެވެސް އެއްޗެއް މަދު ކަމަށެވެ. ބައްޕަ ވެސް ބުނަނީ އެހެންނެވެ. އެކަން ހައްލު ކުރަނީ މަންމައެވެ. މަންމަ ގޮސް ގެންނަނީ ކޮކާކޯލާ ބޮޑު ފުޅިއެކެވެ. ދެން ފެންނަނީ އެކަމާ އެންމެން އުފާވާ މިންވަރެވެ.

ކޮކާކޯލާއިން ރާއްޖޭގައި ހެދި އިޝްތިހާރު ލޯންޗް ކުރީ މާގިރި ހޮޓަލުގައި އެކަމަށް ޓަކައި މިރޭ ބޭއްވި ހަފުލާއެއްގަ އެވެ.

ކޮކާކޯލާ ކުންފުނިން ކުރިން ވަނީ އިޝްތިހާރަކަށް ރާއްޖޭގެ ފަންނާނެއްގެ ލަވައެއް ލާފައެވެ. މަޝްހޫރު ލަވަކިއުންތެރިޔާ ޝަލަބީ އިބުރާހީމްގެ އަޑުން ކިޔާފައިވާ ލަވަ ހިމެނޭ އެ އިޝްތިހާރަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.