ކުޅިވަރު

ފުޓްބޯޅައިގެ ތިން ލެޖެންޑުންގެ އަލްވަދާއު

ޔޫރަޕުގެ ފުޓްބޯޅަ ސީޒަން ގާތްގަނޑަކަށް ނިމުނީ އެވެ؛ މި ނިމުމާއެކު، ފުޓްބޯޅައިގެ ޒަމާނީ ދުވަސްވަރުގެ ގޮތުގައި ބަލާ ދުވަސްވަރުގައި އުފެއްދި ފުޓްބޯޅައިގެ ވަރުގަދަ ތިން ލެޖެންޑުން އެ ކުޅުންތެރިންގެ ކުލަބުތަކާ ވަކިވެގެން ވެސް ދިޔައީ އެވެ.

ޔުވެންޓަސްގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން 17 އަހަރަށްފަހު އެކުލަބު ދޫކޮށްލާނެ އެވެ. ބާސެލޯނާގެ ކެޕްޓަން އަންޑްރޭ އިނިއެސްޓާ ވެސް ދަނީ އެވެ. އޭނާ އެ ކުލަބު ދޫކޮށްލަނީ 22 އަހަރަށް ފަހު އެވެ. ފުޓްބޯޅައިގެ ދުނިޔެ، އެ ކުޅުންތެރިންޔެއްގެ ލަނޑުޖެހުމުގެ ހުނަރަށް ތައުރީފު އޮއްސާލި، އެތުލެޓިކޯ މެޑްރިޑްގެ ފެނަންޑޯ ޓޯރޭޒް އެ ކުލަބާ ވަކިވެގެން ދަނީ އެވެ.

އެކި ފަހަރު މަތިން ހަތަރު ކުލަބަކަށް ކުޅުނަސް، ޓޯރޭޒްގެ ފުޓްބޯޅަ ކެރިއާ ނަގައި ކޮޅަށް ޖެހީ، އެތުލެޓިކޯ މެޑްރިޑްގަ އެވެ. އެތުލެޓިކޯ މެޑްރިޑާ އޭނާ ގުޅުނީ އޭނާގެ އުމުރުން 11 އަހަރުގަ އެވެ.

އޭނާގެ ވަކިވެ ދިއުމާ ބެހޭގޮތުން، އެތުލޯޓިކޯ މެޑްރިޑްގައި އޭނާ އާއެކު ކުޅުނު އެ ޓީމުގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބުނީ، ޓޯރޭޒްގެ ކެރިއަރުގައި އޭނަ ދޫކޮށްދިޔަ އެންމެ ބޮޑު ލެގަސީއަކީ ބުރަކޮށް މަސައްކަތް ކޮށް ވާދަ ކުރުން ކަމަށެވެ. ސިމިއޯނޭ ބުނީ އުމުރުން 34 އަހަރުގައި ވެސް ޓޯރޭޒްގެ މަސައްކަތް އެހެންކުޅުންތެރިންނަށް ވުރެ މަތި ކަމަށެވެ.

"އަހަރެން އުންމީދު ކުރަން އެތުލެޓިކޯއިން އަދި ޓޯރޭޒްއާ ދިމާވާނެ ކަމަށް، އެއީ ފުޓްބޯޅައަކީ ވަރަށް ދިގު ހަޔާތެއް އެއީ ކުޅުން ހުއްޓަލުމަކުން ނިމޭނެ ކަމެއް ނޫން." ސިމިއޯނޭ ބުންޏެވެ.

ބުފޮން،40 އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރުންގެ ތެރެއިން އެއް ކީޕަރެވެ. އޭނާ އާއި ޓޯރޭޒްގެ އެންމެ ހާއްސަ ކަމަކީ ކުލަބު ލޯއްބެވެ. ޔުވެންޓަސް އާއި އެތުލެޓިކޯ މެޑްރިޑް ދެ ވަނަ ޑިވިޝަންގައި ވާދަ ކުރިއިރުވެސް އެ ދެ ކުޅުންތެރިން ކުލަބުގައި މަޑު ކުރި އެވެ. އެހެން ކުލަބުތަކުންވެސް ހުށަހެޅުންތައް ލިބުނުވެސް މެއެވެ.

ޔުވެންޓަސްއިން ޖެހިޖެހިގެން ހަތް ފަހަރު އިޓަލީ ލީގް ހޯދިއިރު، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކަށްވީ ބުފޮން އެވެ. އިޓަލީގެ ފުޓްބޯޅައިގައި 2006 ވަނަ އަހަރު މެޗު ފިކްސިންގެ މައްސަލަ ސާބިތުވުމުން، ޔުވެންޓަސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ކުރި އެވެ. ބުފޮން އެ ސީޒަނާ ކުރިމަތިލީ ބެލަންޑޯ އަށް ވާދަ ކުރި ގަދަ ތިން ކުޅުންތެރިންގެ ތެރޭގައެވެ. އެހެންވެ އޭނާ އަށް ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދައިދޭން ބޭނުންވެގެން ޔުވެންޓަސްއިންއޭނާ ލޯން އުސޫލުން ފުރަތަމަ ޑިވިޝަނަށް ދޫކޮށްލަން އުޅުމުންވެސް ކުލަބުގައި މަޑު ކުރުމަށް އޭނާ ނިންމި އެވެ. އެކަމާ ބެހޭގޮތުން ދާދި ފަހުން އޭނާ ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ފުޓްބޯޅައަކީ ހަމައެކަނި ފައިސާ ނޫން ކަމަށާއި ލޯބި ހިމެނޭ ކަމަށެވެ.

އިނިއެސްޓާ ވަކިވެ ދިއުމަކީ، ބާސެލޯނާ އާއި ސްޕެއިންގެ ފުޓްބޯޅައަށް ފޫނުބެދޭނެ ގެއްލުމެކެވެ. އޭނާ އަކީ އޭނާ އަށް ހާއްސަ ސްޓައިލެއްގެ މިޑްފީލްޑަރެކެވެ. އޭނާ ބާސެލޯނާ ދޫކޮށްލަން ނިންމުމަކީ ސްޕެއިނުން ފުޓްބޯޅައިގެ ހާއްސަ ސްޓައިލެއް ނެތިގެން ދިއުމެވެ. ކުރިއަށް އޮތް ވޯލްޑްކަޕަކީ، އޭނާ ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތެވެ. ބުފޮން އާއި ޓޯރޭޒްގެ ވަކިވެ ދިއުމަށް ވުރެ އިނިއެސްޓާގެ ވަކިވެދިއުން ގިނަ ބަޔަކަށް އަސަރު ކުރަުވީވެސް އެހެންވެ އެވެ. މޮޅު ކީޕަރަކާއި މޮޅު ސްޓައިކަރެއް އުފެއދިދާނެ އެވެ. ނަަމަވެސް އިނިއެސްޓާ ވަކި ވުމަކީ ލެގަސީ ނިމިގެން ދިއުމެވެ.