ލައިފްސްޓައިލް

އިރުއޮއްސޭ ގަޑީގައި މަދީ މައުމޫނު

ކޮންމެ ރަމަޟާން މަހަކު ރޯދަވިއްލާ ވަގުތު ކައިރިވުމުން ޓީވީއެމް އިން ރާއީސް މައުމޫން އަބްދުލް ގައްޔޫމްއާއެކު ގެނެސްދޭ "ހިދާޔަތުގެ އަލި" އަކީ ގިނަ ބައެއް ހިތްތަކުން ޖާގަ ހޯދި ހާއްސަ ޕްރޮގުރާމެކެވެ. ކޮންމެ ޕްރޮގުރާމެއްގައި ދީނީ ތަފާތު މައުލޫއަކަށް ރާއީސް މައުމޫން ވާހަކަފުޅު ދައްކަވާނެ އެވެ.

އެންމެފަހުން މި ޕްރޮގުރާމް ގެނެސްދީފައި ވަނީ 2016 ވަނަ އަހަރު އެވެ. ރޯދަ ވިއްލާ ވަގުތު މިހާރު އެންމެ ގިނަ ބަޔަކު ހަނދާންވާނެ އެއް ޕްރޮގުރާމްއަކީ މި އެވެ. މި ޕްރޮގުރާމް މެދުވެރިކޮށް ރޯދަމަހާއި ދީނީ އެކި ކަންކަމާއި ގުޅޭ މައުލޫމާތު ވަރަށް ކުރުކޮށް އަދި ތަފްސީލާއެކު އެ މަނިކުފާނު ކިޔާދެއްވަ އެވެ.

ވަރަށް ގިނަ އަހަރުތަކެއްވަންދެން ޓީވީއެމް އިން ގެނެސްދިން މި ޕްރޮގުރާމް އެ އަހަރުވެސް ގެނެސްދީފައި ވަނީ ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު އެވެ.

ރައީސް މައުމޫން މިހާރު ހުންނެވީ އެކެއް ފެބްރުއަރީގައި ދިވެހި ސަރުކާރު ވައްޓާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރައްވާފަ އެވެ. އެ މަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ދިނުމައި ޓެޒަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

އެއާ އެކު އެމަނިކުފާނުގެ ފައުންޑޭޝަން، މައުމޫން ފައުންޑޭޝަނުން ބާއްވާ އިހުޔާ ޕްރޮގްރާމްތައް ވެސް ވަނީ ހުއްޓިފަ އެވެ. ހަފްތާއަކު އެއްފަހަރު ކޮންމެ ރޯދަ މަހަކު ބާއްވަމުން ދިޔަ އެ ޕްރޮގްރާމް ނުބާއްވާތީ އެ ފަޅުކަން ވެސް މިފަހަރު ބޮޑެވެ. ކޮންމެ އަހަރަކު މައުމޫންގެ އިހުޔާ ޕްރޮގްރާމްގެ ދަރުސްތަކަށް ދާ އެތައް ބަޔަކަށް މިއީ ލިބޭ އުނިކަމެކެވެ. އިހުޔާ ޕްރޮގްރާމްގައި ވެސް މައުމޫން ގިނަ މައުލޫތަކަށް ވާހަކަ ދައްކަވަ އެވެ. އޭގެ ތެރޭގައި އިލްމީ މައުލޫތައް ހިމެނެ އެވެ. މިއީ ވެސް ގިނަ ބައެއްގެ ޝައުގު ދަމައިގަންނަ ޕްރޮގްރާމެކެވެ. އެކަމަކު ދެން މައުމޫންގެ ދީނީ ނަސޭހަތްތަކުގެ އަޑު މިރޯދަ މަހު އިވިދާނެ ހެނެއް ހިއެއް ނުވެ އެވެ.