ހަބަރު

ގަދަ ހުމެއް ފެތުރެނީ، އެޗްޕީއޭގެ އިރުޝާދުތަކެއް!

May 21, 2018
9

މިދުވަސްވަރު ރާއްޖޭގައި ވަރަށް ގަދަ ހުމެއް ފެތުރެމުން ދާތީ، ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށާއި ހުން އިތުރަށް ފެތުރިގެން ނުދިޔުމަށް ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން އާންމު ކުރި އެލާޓްގައި ބުނީ މިދުވަސްވަރު މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުމާއި އަރިދަފުސް ރޯގާ އަދި ޑެންގީ ވެސް ވަރަށް ގަދަޔަށް ފެތުރެމުން އަންނަ ކަމަށާއި ހޮސްޕިޓަލްތަކަށް ދައްކާ ފަރާތްތައް ވެސް ގިނަވަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން، އެޗްޕީއޭއިން ބުނީ ހުން ފެތުރުން ހުއްޓުވުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ، ހުމާއި އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ އާންމު ތަންތަނަށް ނުކުމެ ނޫޅުމާއި އަމިއްލަ ސާފު ތާހިރު ކަމަށް އެ މީހަކު އަމިއްލައަށް ވިސްނުން ކަމަށެވެ. އެގޮތުން އަމިއްލަ ސާފު ތާހިރުކަމަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ހާއްސަ އިރުޝާދުތަކެއް ދީފަ އެވެ.

އެޗްޕީއޭގެ އިރުޝާދުތައް

  • ކެއްސާ ކިބިހި އަޅާއިރު ޓިޝޫ ފަދަ އެއްޗެއް ބޭނުންކޮށްގެން އަގަމަތި ނިވާކުރުން
  • ރޯގާ ނޫނީ ހުން ޖެހިއްޖެ ނަމަ މީހުން އާންމުކޮށް އެއްވާ ތަންތަނަށް ގޮސް ނޫޅުން
  • ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށް ފަހު ވީއެންމެ އަވަހަކަށް ޑަސްބިނަށް ލުން
  • މާބަނޑު މީހުން، އަދި ކުޑަކުދިން ހުން، ރޯގާ ޖެހިއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން
  • ޕެރެސެޓްމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރުން
  • ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ދިޔާތަކެތި ވީހާ ގިނައިން ބޭނުން ކުރުން
  • ކުޑަކުދިންނާ ގައިގޯޅިވެ ނޫޅުން
  • ގިނަ ގިނައިން އަތްދޮވުން، އަދި ސެނިޓައިޒާ ފަދަ ތަކެތި ހޯދުން

މީގެ އިތުރަށް އެޗްޕީއޭއިން ބުނީ ހޮސްޕިޓަލްގައި ތިބޭ ބަލި މީހުންނަށް ގޮވާލަން ދިޔުން މިދުވަސްވަރު އެއްގޮތަކަށް ވެސް ރަނގަޅު ނޫން ކަމަށެވެ. އަދި ބަލިމީހުންނަށް ގޮވާލަން ދާއިރު ކުޑަކުދިން ނުގެން ދިޔުމަށް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފަ އެވެ. މީގެ އިތުރަށް ކޮންމެހެން ޒަރޫރީ ކަމެއްގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް ވެސް ވަނީ އެދިފަ އެވެ. އަދި ބަލިމީހާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާއިރު އެހީތެރިޔަކު ފިޔަވާ އިތުރު މީހުން ހޮސްޕިޓަލަށް ނުދިޔުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ.

ހުން ޖެހިގެން ދައްކާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމާ ގުޅިގެން އޭޑީކޭއިން ވަނީ މި ހަފްތާގައި ފްލޫ ކްލިނިކެއް ވެސް ހުޅުވައިފަ އެވެ.