ކުޅިވަރު

ސްޕެއިންގެ ސްކޮޑުން މޮރާޓާއަށް ފުރުސަތެއްނެތް

އަންނަ މަހު ރަޝިއާގައި ބާއްވާ ވޯލްޑްކަޕަށް އެކުލަވާލި ސްޕެއިންގެ ސްކޮޑު އިއުލާން ކުރުމުގެ ކުރިން ސްކޮޑްގެ ލިސްޓް ލީކު ވެއްޖެ އެވެ. ލިސްޓްގައިވާ ގޮތުން ޗެލްސީގެ ފޯވަޑް އަލްވާރޯ މޮރާޓާ އަށް ޓީމުން ޖާގަ ލިބިފަ އެއް ނުވެ އެވެ.

ސްޕެއިންގެ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު އެވެ. ނަމަވެސް ސްޕެއިންގެ ރޭޑިއޯ "ކޯޕް' ން ވަނީ ސްޕެއިންގެ ވޯލްޑްކަޕު ސްކޮޑް ކަމަށް ބުނެ، ކުޅުންތެރިންތަކެއްގެ ނަންތައް އާންމުކޮށްފަ އެވެ.

ރެއާލް މެޑްރިޑް ދޫކޮށް މި ސީޒަންގައި ޗެލްސީ އަށް ބަދަލުވި މޮރާޓާއަށް ސީޒަންގެ ފަހު ކޮޅުގައި އެންމެ ރަނގަޅަށް ޕާފޯމް ނުކުރެވުނެވެ. ސީޒަންގައި އޭނާ އަނިޔާވެސް ކުރިމަތިވެ މާޗް މަހު ސްޕެއިން ކުޅުނު އެކުވެރި ކަމުގެ މެޗުތަކަށް ނެގި ސްކޮޑުގައިވެސް މޮރާޓާ ހިމެނިފައެއް ނުވެ އެވެ.

ސްޕެއިންގެ ސްކޮޑުން ފުރުސަތު ގެއްލުނު މަޝްހޫރު އެހެން ކުޅުންތެރިންގެ ތެރޭގައި، ޗެލްސީގެ ސެސް ފެބްރިގާސް އާއި އާސެނަލްގެ ހެކްޓާ ބެޔަރިން އަދި ބަޔާން މިޔުނިކްގެ ހާވީ މާޓިނޭޒްވެސް ހިމެނެ އެވެ.

ވޯލްޑްކަޕުގައި ސްޕެއިން ހިމެނެނީ، ޔޫރަޕްގެ ޗެމްޕިއަން ޕޯޗްގަލް އާއި އިރާން އަދި މޮރޮކޯ އާއެކު ގުރޫޕް ބީ ގައެވެ. ސްޕެއިންގެ ފުރަތަމަ މެޗުގައި އަންނަ މަހު 15 ދުވަހު އެ ޓީމު ނިކުންނާނީ ޕޯޗްގަލްގަ އެވެ.