އަލްވާރޯ މޮރާޓާ

ލަލީގާގެ އެންމެ އަވަސް ގޯލް މޮރާޓާ ކާމިޔާބުކޮށްފި

ލަލީގާގައި ޖެހި އެންމެ އަވަސް ގޯލް އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް އަލްވާރޯ މޮރާޓާ ސެލްޓަ ވީގޯ ކޮޅަށް ކާމިޔާބު ކޮށްފި އެވެ.

ސެލްޓަ ވީގޯ އާ ދެކޮޅަށް 1-1 އިން އެއްވަރުވި މެޗުގައި މޮރާޓާ ވަނީ މެޗު ފެށިގެން 51 ވަނަ ސިކުންތުގައި އެތުލެޓިކޯގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ސެލްޓަ ވީގޯއިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގައި ފްރާން ބެލްޓްރަން ކާމިޔާބު ކުރި ލަނޑުންނެވެ. އެތުލެޓިކޯ ވަނީ ބަލި ނުވެ ދަމަހައްޓަމުން އަންނަ ޓްރެކް 15 މެޗަށް ދަމަހައްޓާފަ އެވެ. އެ ޓީމު އެންމެ ފަހުން ބަލިވީ ފެބުރުއަރީ މަހު ވާދަވެރި ރެއާލް މެޑްރިޑް އަތުން 1-0 އިންނެވެ. އެ ޓީމު ތިން ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ސެވިއްޔާ އަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

ލަލީގާގައި އެތުލެޓިކޯގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކީ މޮރާޓާ އެވެ. އޭނާ ވަނީ މި ސީޒަންގެ ލީގްގައި 11 ލަނޑު ޖަހާފަ އެވެ. ރޭ ހޯދި ޕޮއިންޓާއެކު، މި ސީޒަންގެ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާ އެތުލެޓިކޯ ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާ ގާތަށް ޖެހިލާފަ އެވެ.

މޮރާޓޯ ބުނީ، ޓީމުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ވުމަށް ވުރެ އޭނާ އިސްކަން ދެނީ މުޅި ޓީމަށް ކަމަށެވެ.

"އަހަރެން އިސްކަން ދެނީ މި ޓީމު ލީގްގައި ބޭނުންވާ ޓާގެޓަށް ދާން،" މޮރާޓާ ބުންޏެވެ.

"އަދި އެއަށް ފަހު އަހަރެމެން ވިސްނުން ޗެމްޕިއަންސް ލީގަށް ބަހައްޓަން."

ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލަށް އެތުލެޓިކޯ ދަތުރު ކުރީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްގެ މައްޗަށް ދެ ލެގްގައިވެސް ކުރި ހޯދައިގެންނެވެ.