ހަބަރު

ފާރިސްގެ އިރުޝާދުތައް ފަނޑިޔާރުންނަށް ދިނީ ރިޔާޒު: ޕީޖީ

ސަރުކާރު ވައްޓާލުމަށް އެކެއް ފެބުރުއަރީގެ އަމުރު ނެރުމުގައި ކަންތައްތައް ކުރައްވީ ގޮތުގެ އިރުޝާދު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ދެއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ކަމަށާއި ފާރިސްގެ އިރުޝާދުތައް ފަނޑިޔާރުންނާ ހަމައަށް ފޯރުކޮށްދެއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މިހެން ބުނީ، މިއަދު އޮތް ރިޔާޒުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރިޔާޒުގެ މައްޗަށް ކުރާ ދައުވާ އިއްވާފަ އެވެ. އެ ދައުވާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މަގާމު އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައި ހުންނަވާ އިތުރު ބަޔަކާ ގުޅިގެން ސަރުކާރު ވައްޓާލަން ރިޔާޒު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ރިޔާޒާއި އޭނާގެ ބައިވެރިންގެ އަމިއްލަ މަންފާއަށް އެކެއް ފެބުރުއަރީގެ އަމުރު ނެރެފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ. އޭގެއިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ރިޔާޒު އުޅެފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

ދައުވާ އިއްވުމުން ރިޔާޒު ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އަދި އެ ދައުވާގައި އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެއީ އޭނާގެ ސިޔާސީ މަސައްކަތްތައް ހުއްޓުވަން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ރިޔާޒުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެ އޭނާގެ ވަކީލުން ޖުމްލަ 34 ކަމެއް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމަކީ ކޮބައިތޯ ސާފުކުރަން ހުށަހެޅި އެވެ. އަދި އެކެއް ފެބުރުއަރީ އަމުރު ނެރުމުގައި ރިޔާޒުގެ އޮތް ބައިވެރިވުމަކީ ކޮބައިތޯ ސާފުކުރަން ވެސް ހުށަހެޅި އެވެ. ދެން ހުށަހަޅާފައިވަނީ ރިޔާޒާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް އޭނާއާ ގުޅޭ ގޮތް ބުނެދިނުމަށް ހުށަހެޅި ހުށަހެޅުންތަކެކެވެ. މައްސަލާގައި ގިނައިން ހުށަހަޅާފައިވަނީ ކަޅު ފޮށިން ފެނުނު ލިޔުންތަކާއި އެއާ ގުޅުންހުރި ރިޕޯޓްތަކެވެ.

އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒްނާ ވިދާޅުވީ، އެކެއް ފެބުރުއަރީ އަމުރު ނެރުމުގައި ރިޔާޒު ބައިވެރިވެފައިވާކަން ކަޅު ފޮށިން ލިބުނު ހެކިން ސާބިތުވާނެ ކަމަށެވެ. އެ ކަޅު ފޮށިން ފާރިސް މައުމޫން އަތު ލިޔުމުން ލިޔުއްވާފައިވާ ލިޔުންތަކެއް ފެނުނު ކަމަށާއި އެ ލިޔުންތަކުގައި އަބްދުﷲ ރިޔާޒުގެ ނަން ވެސް ހިމެނޭ ކަމަށެވެ. އަދި އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ރިޔާޒަށް ފާރިސް ދެއްވާފައިވާ ކަމަށެވެ. އެގޮތުން މަގުމަތީ ހަރަކާތްތައް އިތުރުކުރުމަށާއި ރައީސް އަޒްލުކުރުމުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ވައްދަން އަންގާފައި އޮތްކަން އެނގޭ ކަމަށެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި އަމުރު ނެރުމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ފާރިސް ދެއްވުމުން އެ އިރުޝާދުތައް ފަނޑިޔާރުންނާ ހަމައަށް ފޯރުކޮށްދެއްވާފައިވަނީ ރިޔާޒާއި އިތުރު ބަޔެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން ރިޔާޒު މަސައްކަތް ކުރެއްވީ ގާނޫނާ ހިލާފަށް ކަމަށާއި ފުރަތަމަ މަސައްކަތް ކުރެއްވީ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް ކަމަށް ފަޒްނާ ވިދާޅުވި އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ރައީސް އަޒްލުކުރުމަށް ވޯޓު ނެގުމަށް ރިޔާޒު މަަަސައްކަތް ކުރެއްވި ކަމަށެވެ. އެކަންކަން ކުރުމަށް މެންބަރުންގެ އަދަދު ހަމަކުރުމަށް މަސައްކަތް ކުރީ މެންބަރުން ގަނެގެން ކަމަށް ވެސް ވިދާޅުވި އެވެ.

ދައުވާއަށް ރިޔާޒު އިންކާރު ކުރައްވާފައިވާތީ ދައުލަތުން ވަނީ އޭނާއަށް ދެކޮޅު ހެކި ހުށަހަޅާފަ އެވެ. އެގޮތުން 33 ހެއްކެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ މައްސަލާގެ ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނާ ކަޅު ފޮށި ފެނިފައިވާ މީހުންނާއި އެ ފޮށީގައިވާ ބައެއް މައުލޫމާތުތައް އެނގޭ މީހުންނެވެ. އޭގެ އިތުރުން ހަތަރު ސިއްރު ލިޔުމެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އޭގެ ތެރޭގައި ކަޅު ފޮށި އެއް ތަނުން އަނެއް ތަނަކަށް ގެންދިޔަ މަންޒަރު ފެންނަ ސީސީޓީވީގެ ސެނެޕްސްތަކެއް ހިމެނެ އެވެ. ކަޅު ފޮށި ފެނުނު ތިން ފުލުހަކާއި އިތުރު ހަ ފުލުހެއް ވެސް ރިޔާޒާ ދެކޮޅު ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެ ހެކިތަކަށް ރިޔާއަތް ކުރުމަށްފަހު މައްސަލަައަކީ މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްގެ ގޮތުގައި ގާޒީ އަހުމަދު ހައިލަމް ކަނޑައެޅުއްވި އެވެ.

ރިޔާޒާ ދެކޮޅަށް ދައުލަތުން ހެކި ހުށަހެޅުމުން ދިފާއުގައި ހެކި ހުށަހަޅަން ފުރުސަތު ދިނެވެ. ނޫރުއްސަލާމް އެދިވަޑައިގަތީ ރިޔާޒާ މަޝްވަރާކުރުމަށްފަހު ހެކި ހުށަހަޅަން ފުރުސަތެއް ދެއްވުމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހަޅަން ދެ ފަރާތުން ވެސް ބޭނުންވާތީ އެކަމަށް ވެސް ދެ ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.