ހަބަރު

މައުމޫންގެ ޝަރީއަތެއް މާދަމާއަށް ތާވަލުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗައް ކުރާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާގެ ޝަރީއަތެއް މާދަމާގެ ހެނދުނަށް ތާވަލުކޮށްފި އެވެ.

ރައީސް މައުމޫންގެ ޝަރީއަތެއް މާދަމާއަށް ތާވަލުކޮށްފައިވާއިރު އެމަނިކުފާނުގެ ހާލުކޮޅު ދެރަވެ، މި މަހުގެ ތެރޭގައި ތިން ދުވަހެއްގައި ޝަރީއަތްތައް ކެންސަލް ކުރަން ޖެހުނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ މައްސަލައިގެ ޝަރީއަަތަށް ވެސް އެމަނިކުފާނަށް ހާޒިރުވެވޭ ގޮތެއް ނުވި އެވެ.

މި މައްސަލާގައި އެމަނިކުފާނުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ވެސް ދައުވާކުރެ އެވެ. ދެ ފަނޑިޔާރުންގެ ބައި މާދަމާ ނެތެވެ. އެ ފަނޑިޔާރުންގެ ބައިގެ އިބްތިދާއީ އަޑުއެހުންތައް ނިންމާލައި ޝަރީއަތަށް ވަނީ ފޮނުވާފަ އެވެ. މާދަމާ އޮންނާނީ ރައީސް މައުމޫންގެ ބައިގެ އިބްތިދާއީ އަޑުއެހުމެކެވެ.

މައުމޫންގެ އާއިލާއިން ޑޮކްޓަރުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މައުމޫން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގެންދަވަނީ، "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ނޫނީ ބޮލަށް އެނބުރުން އެރުމުގެ ބައްޔަށް ފަރުވާ ކުރައްވަމުން އެވެ. އަދި މިފަހުން ޖަލުގައި ހުންނަވަނިކޮށް މައުމޫންގެ ބޮލަށް ތިން ފަހަރެއްގެ މަތިން އެނބުރުން އަރައި އަމިއްލައަށް ކަންކަން ނުކުރެވޭ ދަރަޖައަށް އެމަނިކުފާނުގެ ހާލަތު ގޮސްފައިވާކަމަށް ވަކީލުން ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން އެމަނިކުފާނުގެ ޒަރޫރީ ބައެއް ކަންކަން ކުރުމަށް އަނބިކަބަލުން ނަސްރީނާ އިބްރާހިމް ވެސް ދެފަހަރެއްގެ މަތިން ޖަލަށް ވަޑައިގެން މައުމޫންއަށް ވަނީ އެހީތެރިވެ ވަޑައިގެންފަ އެވެ.

އާއިލާއިން ވަނީ މައުމޫންގެ ބަންދަށް ލުޔެއް ދިނުމަށް ސަރުކާރުގައި އާދޭސްކޮށްފަ އެވެ. އެހެން ނަމަވެސް އެ ކަންކަމަށް ސަރުކާރުން އެދެވޭ ޖަވާބެއް މިހާތަނަށް ދީފައެއް ނުވެ އެވެ.