ބަންގުލަދޭޝްގެ ކޮސް ބާޒާރުގައި ހިމާޔްތް ހޯދާފައިވާ މިޔަންމާގެ ރޮހިންޔާ މުސްލިމުންގެ ރެފިއުޖީ ކޭމްޕުތަކަށް މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ޒިޔާރަތްކޮށްފި އެވެ.
މި ކޭމްޕުތަކަށް ޕްރިޔަންކާ ޒިޔާރަތް ކުރީ ޔުނިސެފުގެ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ގުޑްވިލް އެމްބަސެޑަރުގެ ހައިސިއްޔަތުންނެވެ. ރޮހިންޔާގެ ކޭމްޕުތަކުގައި ނަގާފައިވާ އަސަރުގަދަ މަންޒަރުތަކެއް އޭނާ ވަނީ އިންސްޓަގުރާމުގައި ވެސް ހިއްސާކޮށްފަ އެވެ.
ޕްރިޔަންކާ 35، ޔުނިސެފާއެކު މަސައްކަތް ކުރަމުން އަންނަތާ 10 ވަރަކަށް އަހަރުވެއްޖެ އެވެ. ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ގުޑްވިލް އެމްބެސަޑަރެއްގެ ގޮތުގައި 2010 ވަނަ އަހަރާއި 2016 ވަނަ އަހަރުވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.
ޕްރިޔަންކާ ކުރި އިންސްޓަގުރާމް ޕޯސްޓުގައި އޭނާ ބުނެފައި ވަނީ އެ ސަރަހައްދުގައި ހަތް ލައްކައަށްވުރެ ގިނަ ރެޕިއުޖީން ތިބިއިރު އޭގެ ތެރެއިން 60 ޕަސެންޓަކީ ކުޑަކުދިން ކަމަށެވެ.
"އެތައް މަހެއްވަންދެން އެމީހުން އެ ދަނީ ވަރަށް ހާލުގައި ބައިބޯވެފައި އޮތް ކޭމްޕުތަކެއް ދިރިއުޅެމުން. އެމީހުންގެ އަމިއްލަ ގެދޮރެއް ނެތް. ކާނެ އެއްޗެއް ލިބޭނެ އިރެއް ނޭނގެ. އެ ކޭމްޕުތަކުގައި އެމީހުން ހަމަޖެހިލި ތަނާއި މޫސުން ގޯސްވެ އެމީހުން ދިރިއުޅުމަށް ކުރި މަސައްކަތް އަނެއްކާވެސް ނެތިދިޔައީ." ޕްރިޔާންކާ ބުނެފައިވެ އެވެ.
އެމީހުނަށް ލިބިފައިވާ ހިތްދަތިކަން މޫނު މައްޗަށް ބަލާލުމުން ވެސް އިހުސާސްކުރެވުނު ކަމަށް ވެސް ޕްރިޔަންކާ ބުނެފައިވެ އެވެ. މުޅި ދުނިޔޭގެ އެހީ އެމީހުން ބޭނުންވެފައިވާ ކަމަށާއި އަދި އެމީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ އެދުނެވެ.
ޔުނިސެފާއެކު ޕްރިޔަންކާ އަންނަނީ ތިމާވެއްޓާއި ސިއްހަތާއި އަދި ތައުލީމާއި ގުޅުންހުރި ތަފާތު މައްސަލަތަކުގައި ހައްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އަންހެނުން ހައްގުތަކަށް ވެސް އޭނާ މަސައްކަތްކުރެ އެވެ.
ރޮހިންޔާގެ މުސްލިމުން ކޮސް ބާޒާރަށް ގޮސްފައި ވަނީ މިޔަންމާގެ ބުދު ދީނުގެ މީހުންގެ އަނިޔާތަކަށް ކެތް ނުވެގެން ހިމަޔާތް ހޯދުމަށް މަޖުބޫރުވެގެންނެވެ. އެމީހުންގެ ލާއިންސާނީ އަނިޔާތަކުގައި ފާއިތުވި އަހަރު ތެރޭގައި ގިނަ އަދަދެއްގެ ރޮހިންޔާ މުސްލިމުން މަރުވެފައިވެ އެވެ.
މިދިޔަ އަހަރު ޖޯޑަންގައި ތިބި ސީރިއާގެ ރެފިއުޖީ ކޭމްޕުތަކަށް ޒިޔާރަކޮށް އެމީހުންގެ ހާލުވެސް ޕްރިޔަންކާ ބަލާފައިވެ އެވެ.