މީގެ ވިއްސަކަށް އަހަރު ކުރީގައި ދިވެހި ރާއްޖޭގެ އަޑުން ހަބަރު އަޑު އަހައި އުޅުނު ގިނަ މީހުންނަށް ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ތެރެއިން ބައެއް ބޭބޭފުޅުންގެ ނަންފުޅުތައް އެނގުނަސް، އެބޭބޭފުޅުންގެ އަނބި އަނބި ކަނބަލުންގެ ނަންފުޅުތަކެއް ނޭނގެ އެވެ. އޭރުގައި އެއިން ބޭފުޅެއްގެ ނަންފުޅު ހަބަރުގައި ކިޔާނީ އެހާވެސް މަދުންނެވެ. އަމުދުން ގިނަ ފަހަރު ނުވެސް ކިޔާނެ އެވެ.
މުޅިންވެސް އިވޭނީ އެވެނި ކޮންމެވެސް ގައުމެއްގެ ރައީސްގެ ދެކަނބަލުންނަށް ރައީސުލް ޖުމްހޫރިއްޔާ އަލް އުސްތާޒު މައުމޫނު އަބުދުލް ގައްޔޫމު ތަހުނިޔާ ފޮނުއްވި ވާހަކައަކާއި އެވެނި ގައުމެއްގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ހަމްދަރުދީގެ މެސެޖެއް އަދި ތައުޒިޔާގެ ފޮނުއްވެވި ވާހަކައެވެ. އެކަމަކު ހަބަރުގައި އާއްމުކޮށް ނަންފުޅު އަޑު އިވޭ ކަނބަލެއް އޭރުގައި ވެސް ހުންނެވިއެވެ. އެއީ ޑރ. ސިއްތި ހަސްމާ އެވެ. އޭގެ ސަބަބުން ރާއްޖޭގައި ވަރަށް މަޝްހޫރު ނަމަކަށް ޑރ. ސިއްތި ހަސްމާވި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދުގެ ދެކަނބަލުންނެކޭ ނުކިޔާނެ އެވެ. ކިޔާނީ " މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދާއި އެމަނިކުފާނުގެ އަނބިކަނބަލުން ޑރ. ސިއްތި ހަސްމާ" މިހެންނެވެ. އެހެންވީމާ އެނަންފުޅު އޭރުގައި ވެފައި ވީ ދިވެހިންނަަށް ވަރަށް ފަރިތަ، ރަށު ނަންފުޅަކަށެވެ.
ނުވަދިހައިގެ އަހަރުތައް ނިމި 2000 ގެ ކުރީކޮޅުގައި ޑރ. ސިއްތި ހަސްމާގެ ނަންފުޅު މަޑުމަޑުން ފަނޑުވާން ފެށިއެވެ. އެއީ ޑރ. މަހާތީރުގެ ވެރިކަން ޖުމްލަ 22 އަހަރަށް ފަހު 2003 ވަނަ އަހަރު ނިމުމުންނެވެ. އޭގެ ފަހަށް އައި 15 ވަަރަކަށް އަހަރު ހަބަރު އަޑު އަހައި އުޅު މީހުން ގާތުގައި ޑރ. ސިއްތި ހަސްމާ އެއީ ކާކުހޭ އަހައިލީމާ ބުނާނީ ނޭނގޭ ކަމަށެވެ. އޭގެ ކުރީގެ މީހުން ޖެހިލުމަކާ ނުލައި ސިއްތި ހަސްމާގެ ވާހަކަ ކިޔައިދޭނެ އެވެ.
މިހާރު އަނެއްކާ އެކަން މިވަނީ ބަދަލުވެފަ އެވެ. ފަނަނަރަ ވަރަކަށް އަހަރަށް ފަހު އަނެއްކާވެސް އެކަމަނާގެ ނަންފުޅު ހަބަރުން އިވެން ފަށައިފި އެވެ. އެއީ މިހިނގާ މޭމަހުގެ ނުވަ ވަނަ ދުވަހު މެލޭޝިއާގައި ބޭއްވި އެ ގައުމުގެ 14 ވަނަ އާއްމު އިންތިހާބު އެކަމަނާގެ ފިރިކަލުން ޑރ. މަހާތީރު ކާމިޔާބު ކުރެއްވުމުންނެވެ. މެލޭޝިއާގެ ހަތް ވަަނަ ބޮޑުވަޒީރުގެ ގޮތުގައި އުމުރުފުޅުން 92 އަހަރުގައި މަހާތީރު އަލުން ވެރިކަމަށް ވަޑައިގެންނެވީމަ އެވެ.
މިހާރު މެލޭޝިއާގެ ނޫސްތަކުން ޑރ. ސިއްތި ހަސްމާގެ ނަންފުޅު އަނެއްކާވެސް ގިނައިން ފެންނަން ފަށައިފި އެވެ. ދުނިޔޭގެ މީހުންނަށް އެކަމަނާގެ ނަންފުޅު އަލުން އިވެން ފެށީ މި ސަބަބަށް ޓަކައި ކަމަށް ވިޔަސް މެލޭޝިއާގައި އެކަން އޮތީ މުޅިން ތަފާތު ކޮށެވެ. މެލޭޝިއާގައި ފާއިތުވި 15 އަހަރުވެސް އެކަމަނާގެ ނަންފުޅު ފަނޑެއް ނުވެއެވެ. އެހެނީ އެގައުމުގެ މީހުން އެކަމަނާ ދަންނަނީ ހަމަ އެކަނި ޑރ. މަހާތީރުގެ އަނބިކަނބަލުންގެ ގޮތުގައެއް ނޫނެވެ. އޭގެ އިތުރުންވެސް އެތައް ގޮތަކުން އެއީ ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.
މެލޭޝިއާގެ ދެވަނަ އަންހެން ޑޮކްޓަރު
ޑޮކްޓަރަކަށް ވެވަޑައިގެންނެވުމަަށްޓަކައި ޑރ. ސިއްތި ހަސްމާ ކިޔަވާ ވިދާޅުވާން ފެއްޓެވި އިރު ޑޮކްޓަރުންނަކީ މަދު ބައެކެވެ. އަންހެން ޑޮކްޓަރުން އަދި މާމަދެވެ. އެގޮތުން އެކަމަނާ ސިންގަޕޫރުގެ ކިންގް އެޑްވަޑް 5 ކޮލެޖް އޮފް މެޑިސިންއަށް ވެދެވަޑައިގެންނެވި އިރު އެކޮލެޖްގައި ކިޔަވަމުން ދިޔަ މެލޭ ދަރިކޮޅުގެ ހަމަ އެކަނި އަންހެން ބޭފުޅަކީ އެކަމަނާ އެވެ. ޑރ. މަހާތީރާއެކު ކުރައްވާ ދިގު ދަތުރު ފެއްޓެވީ ވެސް އޭރުގަ އެވެ. ޑރ. މަހާތީރު ގްރެޖުއޭޓް ވެވަޑައިގެންނެވީ 1953 ވަނަ އަހަރުއެވެ. އޭގެ ދެ އަހަރު ފަހުން ޑރ. ހަސްމާ ގްރެޖުއޭޓް ވެވަޑައިގެންނެވީ މެލޭޝިއާގައި ޑޮކްޓަރުކަން ކިޔަވާ ވިދާޅުވި ދެވަނަ އަންހެން ބޭފުޅާގެ ގޮތުގަ އެވެ. އެ ގައުމުގެ ފުރަތަމަ އަންހެން ޑޮކްޓަރަކީ ޑރ. ސަލްމާ އިސްމާއީލެވެ.
އާއިލާގައި ތިއްބެވީ ވަރަށް ގާބިލު ބޭފުޅުން
ޑރ. ސިއްތި ހަސްމާ އަކީ، 10 ބެއިން ތިއްބެވި އާއިލާއެއްގެ ހަވަނަ ބޭފުޅާ އެވެ. އެކަމަނާގެ އަަޚުންނާއި އުޚުތުންގެ ތެރެއިން ބައެއް ބޭފުޅުންގެ ގާބިލުކަމާއި މަޝްހޫރު ކަމަށް ބަލާއިރު އެއީ އަދި މާ އަދާޔާ ހިލާފު ބޭފުޅެއް ނޫނެވެ.
އެއާއިލާއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ބޭފުޅަކީ ބޭބޭފުޅު ޓުން އިސްމާއީލް މުހައްމަދު އަލީއެވެ. އެއީ މެލޭޝިއާގެ ސެންޓްރަލް ބޭންކްގެ ގަވާނާކަން މިހައިތަނަށް އެންމެ ދިގު މުއްދަތަކަށް ކުރެއްވި ބޭފުޅާ އެވެ.
ކޮއްކޯ ފުޅު ހާޝިމް މުހައްމަދު އަލީ އަކީ މެލޭޝިއާގެ ޗީފް އޮފް ޑިފެންސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމު ފުރުއްވީ 1987 ވަނަ އަހަރުން ފެށިގެން 1992 ވަަނަ އަހަރާ ހަމައަށެވެ. އޭނާ ފަހުން އަދާ ކުރެއްވީ ވެސް އާދައިގެ މަގާމެއް ނޫނެވެ. އެއީ މެލޭޝިއާގެ ނެޝަނަލް އެރޯސްޕޭސް އެންޑް ޑިފެންސް އިންޑަސްްޓްރީސް އެސްޑީއެން ބީއެޗްޑީގެ ޗެއާމަންކަމެވެ.
ޑރ. ސިއްތި ހަސްމާގެ އަޚު އަހުމަދު ރަޒާލީ މުހައްމަދު އަލީ އަކީ ސެލަންގޯރުގެ 10 ވަނަ ޗީފް މިނިސްޓަރެވެ. އެކަމަނާގެ އުޚުތު ޑރ. ހާޖާ ސޯލިހާ އަކީ މެލޭޝިއާ މިނިވަންވީއްސުރެ މި މޭމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އެގައުމުގެ ވެރިކަން ކުރި ބަރީސާން ނެޝަނަލް އިއްތިހާދުގެ މައި ޕާޓީ އުމްނޯ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްފި ފައުންޑިން މެމްބަރެކެވެ.
އިރާގަށް އެހީ ހިއްޕަވަައިގެން އަމިއްލަފުޅަށް ވަޑައިގެންނެވި
ހަނގުރާމައާއި އެހެން ކާރިސާތަކުގެ ސަބަބުން ހާލުގައި ޖެހޭ މީހުންނަށް އެހީ ދެއްވުމުގައި ވެސް ޑރ. ސިއްތި ހަސްމާއަކީ ފާހަގަ ކޮށްލެވޭ ފަދަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އިރާގާ ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައިގެ ކުރިން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް ދުވަސްވަރު އެހީގެ ތަކެތި ހިއްޕަވައިގެން އެގައުމަށް ވަޑައިގެންނެވި އެވެ. އެމެރިކާއިން އިރާގަށް ދީފައިވާ ބޮމުގެ ހަމަލާތައް އަރާފައިވާ ތަންތަން އަމިއްލަފުޅަށް ބެއްލެވި އެވެ.
އެކަމުގެ ސަަބަބުން އެމެރިކާގެ ފާޑުކިއުން އެކަމަނާއަށް އަމާޒުވިއެވެ. އެ ފާޑުކިއުމަށް ޖަވާބު ދެއްވީ ފިރިކަލުން ޑރ. މަހާތީރެވެ. ވިދާޅުވީ ހާލުގައި ޖެހޭ ކޮންމެ ބަޔަކަށް އެހީވުމުގެ މިނިވަންކަން މެލޭޝިއާއަށް އެބަ އޮތް ކަމަށެވެ.
މަހާތީރުގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވެވަޑައިގަންނަވާ
ޑރ. ސިއްތި ހަސްމާގެ ވާހަކަ މެލޭޝިއާގެ ނޫސްތަކަށް އެންމެ ފަހުން އެރީ ޑރ. މަހާތީރު ދެވަނަ ފަހަރަށް ވެރިކަމަށް ވަޑައިގެންނެވުމުން އޭނާ މަސައްކަތް ކުރައްވާ ގޮތާ ބެހޭ ގޮތުން ފޭސްބުކްގައި ލިއުއްވި ވާހަކަފުޅަކުންނެވެ. މި މޭމަހުގެ 17 ވަނަ ދުވަހު ލިއުއްވި ލިއުއްވުމުގައި ވިދާޅުވެފައި ވަނީ އަވަހާރަފުޅު ލައްޕަވަން އޮތް ވަގުތުކޮޅުގައި ވެސް ޑރ. މަހާތީރު މަސައްކަތް ކުރައްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
" ފުދޭ ވަރަށް އަވަހާރަފުޅު ނުލައްޕަވާތީ އޭނާ [މަހާތީރު] ގެ ސިއްހީ ހާލުކޮޅާ މެދު އަޅުގަނޑު ކަންބޮޑުވޭ. އަވާހަރަފުޅު ލައްޕަވަން އޮންނަ ވަގުތު އޭނާ ހޭދަކުރައްވަނީ ސަރުކާރުގެ ލިޔެކިއުންތައް މުތާލިއާ ކުރެއްވުމުގައި. އެއް ރެއެއްގައި ހަތަރެއް ފަހެއް ޖަހަންދެން 200 ލިޔެކިއުން ބެއްލެވި،" ޑރ. ސިއްތި ހަސްމާ ލިއުއްވާފައި ވެއެވެ.
މިހުރިހާ ކަމަކާއި އެކުގައި ވެސް ޑރ. ސިއްތި ހަސްމާ އުޅުއްވަނީ މެލޭޝިއާގެ ސިޔާސީ ދާއިރާއާ ވަރަށް ދުރުގަ އެވެ. އެކަމަނާ ބޮޑަށް އުޅުއްވަނީ މީހުން ހޭލުންތެރި ކުރުވުމާއި ތައުލީމީ ދާއިރާގަ އެވެ. އެކަން ފާހަކޮށް މެލޭޝިއާގެ ރަސްކަމުގެ ފަރާތުން އެކަމަނާއަށް ވަނީ މަތީ ޝަރަފެއް ވެސް އަރުވާފަ އެވެ. ދުނިޔޭގެ މަޝްހޫރު ބައެއް ޔުނިވާސިޓީ ތަކުން އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީތައް ވެސް އެކަމަނާއަށް އަރުވާފައި ވެއެވެ.
އުމުރުފުޅުން 91 އަހަރުގައި މިހާރުވެސް ގެންދަވަނީ ބޮޑު މަސްއޫލިއްޔަތެއް އުފުއްލަވަމުންނެވެ. އެއީ މަލްޓިމީޑިއާ ޔުނިވާސިޓީ އޮފް މެލޭޝިއާގެ ޗާންސެލަރު ކަމުގެ މަގާމެވެ. އެގޮތުން ޑރ. ސިއްތި ހަސްމާއަށް މެލޭޝިއާގެ ގިނަ ބައެއްގެ ލޯބި ލިބިވަޑައިގަންނަވަ އެވެ.