ރޯދަ މަހާއެކު އަންނަނީ ހަމަ އެކަނި ރޯދަ ހިފުމެއް ވެސް ނޫނެވެ. ޒަމާނުންސުރެ ރޯދައާ ގުޅުވައި ދިވެހިން ކުރާ ގިނަ ކަންތައްތަކެއް ހުރެ އެވެ. ރޯދައަށް ހާއްސަ ކުޅިވަރުތައް ވެސް ގިނަ އެވެ. ރޯދަ ކުރުކުރުމަށް ވަރަށް ކަންކަން ރާވާފައި އޮވެ އެވެ. އޭގެ ތެރެއިން ވެސް ޒަމާންވީ އެއް ކަމަކަށް ފާޑު ފާޑަށް މަޑި އާއި ގުޑި ހެދުމާއި އެރުވުން ވާނެ އެވެ.
ރޯދަ މަހު އަސުރު ނަމާދު ނިމިގެން ދަރިން ގޮވައިގެން އަތިރި މައްޗަށް މަޑި އަރުވަން ނުކުތުމަކީ ގިނަ ބައްޕަމެންގެ އާދައެކެވެ. އަދި އެއީ މިއަދާ ހަމައަށް ވެސް ފަނޑު ނުވި ރޯދަ ކުރުކުރުމެކެވެ. މަޑި އެރުވުމުގައި ދަރިންނާއި ބަފައިން އުޅެނީ އެކަމާ ފިސާރި ވެގެނެވެ. ރޯދަ ވިއްލާ ގަޑި ޖެހޭ ގޮތް ވެސް ގިނަ ފަހަރަށް އޮންނަނީ ދެބަފައިންނަށް ނޭނގިފަ އެވެ. މިކަމަށް ބަދަލެއް ނައި ނަމަވެސް ކަމުގެ ވައްޓަފާޅިއަށާއި މިހާރު މަޑި/ގުޑި ތަކަށް ބަލާލުމުން އޮތީ ބޮޑު ބަދަލެއް އައިސްފައިކަން ވަރަށް ރީއަޗަށް ހަވީރުގައި ގަޑީގައި ފެންނާނެ އެވެ.
"ކައިޓް ޝޭޕް" އެއީ ވަކި ބައްޓަމެކެވެ. ނޫސް ކަރުދާހުން ކުރީގައި އަމިއްލަ އަތުން މަޑި ހަދައި އުޅުނުއިރު ވެސް އެ ބައްޓަން ނޫން ބައްޓަމަކަށް މަޑިއެއް ނުހުރެ އެވެ. އެއަށްފަހު ބޭރުން މަޑި އެތެރެކުރަން ފެށިއިރު ވެސް މަޑި ހުންނަނީ އެ ބައްޓަމަށެވެ. ނަމަވެސް މިއަދުގެ ދަރީންނާއި ބަފައި ރޯދަ ކުރާއިރު އަތުގައި އޮންނަނީ މަޑިއެއް ވެސް ގުޑިއެއް ވެސް ނޫނެވެ. ދޫންޏެއް ނޫނީ މަހެއް އެންޏާ ކޮންމެވެސް އުދުހޭ ސޫތްޕެކެވެ. ކުރިން ވައި އަޅުވައި އުދުއްސި މަޑިތައް ފިޔަ ފަޅައި ދޫނިތަކަކަށް ބަދަލުވީ އެވެ.
މިއީ މިކަމަށް އައިސްފައިވާ ބޮޑު ބަދަލެކެވެ. "ކައިޓް ޝޭޕް" މަޑިއެއް މިހާރު ހޯދުން ވަނީ ވަރަށް އުނދަގޫ ވެސް ކަމަކަށެވެ.
"ކުދިންވެސް ގަޔާ ވަނީ ކޮންމެވެސް ރީތި ބައްޓަމަކަށް އޮތް ބޮޑު ދޫންޏެއް ވައިގެ ތެރެއަށް އެއްލެންޏާ" މަޑި އަރުވަން ގޮސް އުޅުނު މީހަކު ބުންޏެވެ.
މާލޭގައި މަޑި އަރުވަން އުސް ފަސްގަނޑަށް ދާއިރާއިރު އެ ތަނުގައި ތަފާތު ދޫނިދޫނީގެ މަޑިތައް ވިއްކުމަށް މީހުން ތިބެ އެވެ. މަޑިއެއް ހޯދަން ތަންތަނަށް ދުވާކަށް ވެސް މިހާރު ނުޖެހެ އެވެ. މަޑިއެއް ހަދަން މަޑި ހަދާ މީހާގެ ގެއަށް ދާން ހަނދާން ހުރި މީހެއް ވެސް މިހާރު ހުންނާނެ ހެނެއް ހިއެއް ނުވެ އެވެ.
މަޑި އެރުވުމުގެ ސަގާފަތަށް ދިވެހިން ފޫއްސެއް ނުވި އެވެ. ނުވެސް ވާނެ ކަންނޭނގެ އެވެ. އެކަމަކު ދިވެހިން އުދުއްސާ މަޑިތަކަށް ޒަމާނާއެކު ދާނީ ބަދަލުތައް އަންނަމުންނެވެ. ނޫސްކަރުދާހު މަޑިން ފެށިގެން ދޫނި ބައްޓަމުގެ މަޑިއާ ހަމައަށް ދިވެހިން މިހާރު މިތިބީ ވާސިލުވެފަ އެވެ.