ތާރާ ސުތާރިޔާ ބޮލީވުޑަށް ނިކުންނަ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" ގެ މަންޒަރުތައް މިހާރު ޝޫޓް ކުރަމުން އަންނައިރު އޭނާ އަށް މިވަނީ އޭ ލިސްޓްގެ ބަތަލަކާ އެކު އިތުރު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ.
ތާރާގެ ފުރަތަމަ ފިލްމު ރިލީޒް ކުރުމުގެ ކުރިން އޭނާ އަށް ކުޅެން ލިބުނު ދެވަނަ ފިލްމަކީ ތެލުގު ބްލޮކްބާސްޓާ ފިލްމު "އަރްޖުން ރެޑީ" ހިންދީ ރިމޭކުގެ ބަތަލާގެ ރޯލެވެ. ޝާހިދު ކަޕޫރުގެ ބަތަލާގެ ރޯލު ކުޅެން ތާރާ އަށް ލިބިފައިވާއިރު މި ފިލްމުގައި ތާރާ ފެނިގެންދާނީ ޝާހިދުގެ ލޯބިވެރިޔާގެ ރޯލުންނެވެ.
ރުޅި ކޮންޓްރޯލު ކުރުމުގެ މައްސަލަތަކެއް ހުންނަ މެޑިސިން ކިޔަވާ ޒުވާނެއްގެ ވާހަކަ ފެނިގެންދާ މި ފިލްމުގެ ހިންދީ ރިމޭކް ވެސް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ތެލުގު ފިލްމު ޑައިރެކްޓްކުރި ސަންދީދް ރެޑީ ވަންގާ އެވެ.
ޝާހިދު މި ފިލްމުގެ ބަތަލުގެ ރޯލު ކުޅޭކަން އިއުލާންކުރީ މި މަހުގެ 11 ވަނަ ދުވަހު ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުންނާއެކު ނަގާފައިވާ ސެލްފީއެއް ޓްވީޓްކުރަމުންނެވެ.
ޖުލައި މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމުގެ ބަތަލާގެ ރޯލަށް ތާރާ އާއެކު އެންމެ ބޮޑަށް ވާދަކުރީ ބޮލީވުޑަށް ތައާރަފުވާ ތައްޔާރުވަމުން އަންނަ ސާރާ އަލީ ޚާން އެވެ. ނަމަވެސް އެންމެފަހު ވަގުތު ސާރާ އަށް މި ފިލްމު ވަނި ގެއްލިފަ އެެވެ.
ސާރާ މިހާރު އަންނަނީ އޭނާ ބޮލީވުޑަށް ނިކުންނަ ފިލްމު "ކެދާރްނާތް" ޝޫޓްކުރަމުންނެވެ. އަދި ވަރަށް އަވަހަށް ރަންވީރު ސިންގާ އެކު ކުޅޭ "ސިމްބާ" ގެ ޝޫޓިން ވެސް ފަށާނެ އެވެ.
ފުރަތަމަ ފިލްމު ރިލީޒްވުމުގެ ކުރިން ތާރާ އަށް ވަރުގަދަ އެހެން ބޮޑު ފިލްމަކުން ފުރުސަތު ލިބުމަކީ އޭނާގެ ކެރިއަރު ކޮޅަށް ޖަހާލަން ލިބޭނެ ބޮޑު ފުރުސަތެކެވެ.
ތާރާ އަކީ ހުނަރުވެރި އެކްޓަރެއްގެ އިތުރުން މޮޅު ލަވަކިޔުންތެރިއެއް ވެސް މެ އެވެ. އޭނާ ވަނީ "ތާރޭ ޒަމީން ޕަރް" އާއި "ގުޒާރިޝް" ފަދަ ފިލްމުތަކަށް ލަވަ ކިޔައިދީފަ އެވެ.