ދުނިޔެ

އެމެރިކާގެ ކުރީގެ ރައީސް ބުޝް އަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

ވޮޝިންޓަން (24 ޑިސެމްބަރު) – އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ހަވަޑް ބުޝް ހާލު ދެރަވެގެން ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާ ދެމުން އަންނަ ކަމަށް ރަސްމީ ފަރާތްތަކުން ބުނެފި އެވެ.

އުމުރުފުޅުން 90 އަހަރުގެ ބުޝް އަކީ އެމެރިކާގެ 41 ވަނަ ރައީސެވެ. އަދި އެގައުމުގެ 43 ވަނަ ރައީސް، ޖޯޖް ޑަބްލިއު ބުޝްގެ ބައްޕާފުޅެވެ.

ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ބުޝް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ ނޭވާކުރުވެ ނޭވާލުމަށް ދަތިވެގެންނެވެ.

 

"ސީނިއާ" ބުޝް އަކީ އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ވެރިކަމުގައި ނާއިބު ރައީސްކަން ވެސް ކުރައްވާފައިވާ ފަރާތެކެވެ. ސިޔާސީ މައިދާނަށް ވަދެވަޑައިގަތުމުގެ ކުރިން އެމެރިކާގެ ކަނޑުގެ ސިފައިންގެ ޕައިލެޓެކެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ މިޝަންތަކުގައި ވެސް ބައިވެރިވެ ވަޑައިގެންނެވި ޕައިލެޓެކެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބައިވެރިވެ ވަޑައިގެންނެވި މިޝަންއެއްގެ ތެރެއިން އެއްފަހަރަކު އޭނާގެ މަތިންދާބޯޓް ހަމަލާއެއްގައި ވައްޓާލާފައި ވެސްވެ އެވެ.

ފަހުގެ ބުޝްއާ ހިލާފަށް މި ބުޝް މަޝްހޫރުވެ ވަޑައިގަތީ "ހިތްހެޔޮ އޯގާތެރި އެމެރިކާއެއް" ދުނިޔެ އަށް ޕްރޮމޯޓްކުރެއްވި ރައީސެއްގެ ގޮތުގަ އެވެ.

ހޮސްޕިޓަލުގައި ބުޝް އެޓްމިޓްކުރެއްވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން އެމެރިކާގެ ރައީސް ބަރަކަ އޮބާމާ ވަނީ ވަގުތުން ހާލު ބައްލަވައި ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެންފަ އެވެ.