ހަބަރު

މައުމޫންގެ 12 ހުށަހެޅުން ބޭރުކޮށް ދެ ދުވަސް ތެރޭ ޝަރީއަތް ފަށަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގައި ޝަރީއަތް ހިންގަން ކުރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. އެގޮތަށް ކޯޓުން ނިންމީ، ރައީސް މައުމޫންގެ ފަރާތްޕުޅުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅި 12 ހުށަހެޅުމެއް ބޭރުކުރުމަށްފަހު އެވެ.

ރައީސް މައުމޫން އަލާކަސްފުޅާ އުޅުއްވާތީ އަޑުއެހުން ނުބޭއްވި ދުވަސްތަކަކަށްފަހު މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅި ހުށަހެޅުންތައް ހުށަހަޅަން ފުރުސަތު ދެއްވި އެވެ. މި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ވެސް ދައުވާކުރެ އެވެ. އެ ދެ ބޭފުޅުންގެ ބައި މިހާރު އޮތީ ރައީސް މައުމޫން ހާޒިރުވެވަޑައިނުގަންނަވާ އަޑުއެހުމެއްގައި ޝަރީއަތަށް ފޮނުވާފަ އެވެ.

ދައުލަތުގެ ފަރާތުން މިއަދު ވަނީ ދެ ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ. އެއީ، މައްސަލާގައި ހިމެނޭ ހެކި ބަސް ދޭ މީހުން ހިމާޔަތްކުރުމުގެ އަމުރެއް ނެރުމަށާއި ހެކިން ސިއްރުކުރުމަށް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ދާއިމީކޮށްދިނުމަށެވެ. އެ ދެ ހުށަހެޅުމަށް ރައްދު ދެއްވަމުން ރައީސް މައުމޫންގެ ވަކީލް މައުމޫން ހަމީދު ވަނީ ހެކިން ސިއްރުކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވިދާޅުވެ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.

ރައީސް މައުމޫންގެ ފަރާތްޕުޅުން ޖުމްލަ 12 ހުށަހެޅުމެއް ހުށަހެޅުއްވި އެވެ. އެމަނިކުފާނުގެ ވަކީލް މުހައްމަދު ފައިސަލް ވަނީ ހަތް ހުށަހެޅުން ވަރަށް ތަފްސީލްކޮށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެކަމަށް ވެސް އެއް ގަޑިއިރު ހޭދަވެގެން ދިޔުމުން ރައީސް މައުމޫނަށް އިށީދެވަޑައިގެން ގިނަ އިރު އިންނަވަން އުނދަގޫވާތީ ދެން ހުރި ހުށަހެޅުންތަކުގެ ތަފްސީލް ފައިސަލް ވިދާޅެއް ނުވެ އެވެ.

ފައިސަލް ހުށަހެޅުއްވި ހުށަހެޅުންތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަންޖެހޭ ގަވައިދުތަކާއި ފޯމް ނަހަދާ އޮތުމުން ރައީސް މައުމޫނަށް އޭގެން އިޔާދަނުކުރެވޭފަދަ ބޮޑު ގެއްލުމެއް ލިބިދާނެތީ ދައުވާ ކުރިއަށް ނުގެންގޮސް މަޑުޖައްސާލަން ހުށަހެޅި އެވެ. އަދި ރައީސް މައުމޫނަށް މައްސަލާގައި ތައްޔާރުވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބިފައިނުވާ ކަމަށާއި ލިޔުންތަކެއް ހޯދުމަށް އެމަނިކުފާނު އެދިވަޑައިގަތުމުން އެ ލިޔުންތައް ދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީ ދެކޮޅު ހަދާފައިވާތީ ދައުވާ ބާތިލުކޮށްދިނުމަށް ވެސް އެދުނެވެ. ގިނަ ލިޔުންތަކެއް ހޯދުމަށް ވެސް ހުށަހެޅި އެވެ. އެކަމަށް އަމުރެއް ނެރެދިނުމަށް އެދުނެވެ. ރައީސް މައުމޫންއާ ދެކޮޅަށް މައްސަލާގައި ތަހުގީގު ހިންގީ ގާނޫނާ ހިލާފަށްކަން ވެސް ފައިސަލް ފާހަގަކުރެއްވި އެވެ.

ހުށަހެޅުންތައް ދައުލަތުން ރައްދު ދިނެވެ. ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތަކަކާއި ފޯމްތަކަކީ އެ ގާނޫނުން ބަޔާންކުރާ ހައްގުތައް އިތުރަށް ތަފްސީލް ކުރުމަށް ހަދަންޖެހޭ ތަކެތި ކަމަށާއި އެ ތަކެތި ނެތުމަކުން ދައުވާ ރައްދުވާ ފަރާތަށް ލިބެންޖެހޭ އެއްވެސް ހައްގެއް ގެއްލިގެން ގޮސްފައިނުވާ ކަމަށެވެ. ވަކީލް ވިދާޅުވީ، މައްސަލާގައި ދޫކުރެވެން ހުރި ހުރިހާ ލިޔުމެއް ވާނީ ހަވާލުކޮށްފަ ކަމަށާއި ދެން އިތުރަށް އެދޭ ލިޔުންތަކަކީ ހާމަކުރެވޭނެ ލިޔުންތަކެއް ނޫން ކަމަށެވެ.

ދައުލަތުގެ ވަކީލް އިތުރަށް ވިދާޅުވި ގޮތުގައި، މައްސަލާގައި އަޑުއެހުންތައް ކުރިއަށް ގެންދަނީ އިޖުރާއަތުގެ ގާނޫނުގައި އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ މުއްދަތުތަކުގަ ކަމަށާއި ރައީސް މައުމޫނަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ވެސް ލިބެމުންދާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ވަކީލުންނާ ބައްދަލުކުރުމަށް ރައީސް މައުމޫނަށް ބަންދު ނޫން ކޮންމެ ދުވަހަކު ވެސް ފުރުސަތު ލިބޭކަން ފާހަގަކުރެއްވި އެވެ.

ގާޒީ ގޮތް ނިންމެވީ މައުމޫންގެ ހުށަހެޅުންތަކަށް އެކަނި

ދައުލަތުން ރައްދު ދިނުމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ވަނީ އިރުކޮޅެއްގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެ މަޖިލިސް މެދުކަނޑާލައްވާފަ އެވެ. މަޖިލިސް މެދުކަނޑާލެއްވުމަށްފަހު ގާތްގަނޑަކަށް ދެ މިނެޓް ފަހުން އަލުން މަޖިލީހަށް ވަޑައިގެން ޝަރީއަތް ފެށި އެވެ. އަދި ރައީސް މައުމޫންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތް ނިންމެވި އެވެ.

ހުރިހާ ހުށަހެޅުމެއްގައި ވެސް ގާޒީ ބުރަވެފައިވަނީ ދައުލަތުން ދެއްކެވި ވާހަކަތަކަކަށެވެ. އެގޮތުން 12 ހުށަހެޅުމަކީ ވެސް ބަލައިގަންނަންޖެހޭ ހުށަހެޅުމެއް ނޫން ކަމަށް ގާޒީ ނިންމެވި އެވެ. ހުށަހެޅުންތައް ގާޒީ ބޭރުކުރައްވައި އެ މައްސަލައަކީ މައުޟަވީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައެޅުއްވި އެވެ. އަދި އަންނަ ބުރާސްފަތި ދުވަހު މައްސަލާގައި ޝަރީއަތް ފެށުމަށް އަޑުއެހުމެއް އޮންނާނެކަން އިއުލާން ކުރެއްވި އެވެ. އެ އިއުލާން ގާޒީ ކުރެއްވީ ދައުލަތުން ހުށަަހެޅި ދެ ހުށަހެޅުމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުނުވެ އެވެ.

އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ވެސް ހަމަ އެއް ހުށަހެޅުމެއް ކުރިން ދައުލަތުން ހުށަހެޅި އެވެ. އެ ހުށަހެޅުންތަކާ ގުޅިގެން ދައުލަތުން އެދުނު ގޮތަށް އަމުރު ނެރެދިނުމަށް ވެސް ގާޒީ ނިންމަވާފައިވެ އެވެ. އެކަމާ ގުޅިގެން އަޑުއެހުމުގައި ތަންކޮޅެއް ކުރިން ވަކީލް މައުމޫން ހަމީދު ސުވާލު ކުރެއްވި އެވެ. އެއް މައްސަލައެއްގައި އެއް ދައުވާއެއް ކުރާއިރު ރައީސް މައުމޫން ދެއްވި ރައްދަށް ބެލުމެއް ނެތި އަދި ރައްދު ނުވެސް ދެއްވަނީހުން އެ ދެ ހުށަހެޅުމާ ގުޅޭ ގޮތުން ރައީސް މައުމޫން ވަޑައިނުގަންނަވާ އަޑުއެހުމުގައި ގޮތް ނިންމަވާފައިވުމަކީ އަދުލު އިންސާފަށް ހުރަހެއް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އަޑުއެހުމުގައި ކުރިން ވާހަކަ ދައްކަވަމުން ގާޒީ ނަޖީބު ވިދާޅުވެފައިވަނީ ކުރިން ދުވަހު މައްސަލާގައި ބޭއްވި އަޑުއެހުމުގައި ގޮތް ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ބައިގައި އެކަނި ކަމަށެވެ. ރައީސް މައުމޫންގެ ބައިގައި ގޮތެއް އެ އަޑުއެހުމުގައި ނުނިންމަވާ ކަމަށެވެ. ނަމަވެސް ދައުލަތުން މިއަދު ހުށަހެޅުއްވި ދެ ހުށަހެޅުމާ ގުޅޭ ގޮތުން ގާޒީ ގޮތެއް ނުނިންމެވުމުން މައުމޫން ހަމީދު ސުވާލުކުރެއްވި އެވެ. އަދި އެއަށްފަހު ދައުލަތުގެ ވަކީލް އައިޝަތު ރީޝާ ވެސް އެކަމާ ގުޅޭ ގޮތުން ގާޒީ ނިންމެވި ނިންމެވުން ސާފުކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

ދެ ފަރާތުން ވެސް އެ ސުވާލު ކުރިމަތިކޮށްފައިވަނިކޮށް ގާޒީ ޝަރީއަތުގެ އަޑުއެހުން ނިންމަވާލެއްވީ އެވެ. އެ ހުށަހެޅުންތަކަށް ހެއްދެވި ގޮތެއް ވިދާޅުވެނުދެއްވަ އެވެ.

މިއަދު ވެސް މައުމޫނަށް އެޓޭކެއް އައި

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ރައީސް މައުމޫން ވަދެވަޑައިގަތުމަށްފަހު ވަކީލް މައުމޫން ހަމީދާ ވާހަކައެއް ހިއްސާކުރެއްވި އެވެ. އެއީ އެމަނިކުފާނު މިއަދު ހެނދުނު ވެއްޓިވަޑައިގެން ކަމެވެ. އެއީ ބަންދުކުރެއްވި ފަހުން އެމަނިކުފާނަށް އެޓޭކް އައި ފަސްވަނަ ފަހަރެވެ.

މައުމޫންގެ އާއިލާއިން ޑޮކްޓަރުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މައުމޫން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގެންދަވަނީ، "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ނޫނީ ބޮލަށް އެނބުރުން އެރުމުގެ ބައްޔަށް ފަރުވާ ކުރައްވަމުން އެވެ. އަދި މިފަހުން ޖަލުގައި ހުންނަވަނިކޮށް މައުމޫންގެ ބޮލަށް ތިން ފަހަރެއްގެ މަތިން އެނބުރުން އަރައި އަމިއްލައަށް ކަންކަން ނުކުރެވޭ ދަރަޖައަށް އެމަނިކުފާނުގެ ހާލަތު ގޮސްފައިވާކަމަށް ވަކީލުން ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން އެމަނިކުފާނުގެ ޒަރޫރީ ބައެއް ކަންކަން ކުރުމަށް އަނބިކަބަލުން ނަސްރީނާ އިބްރާހިމް ވެސް ދެފަހަރެއްގެ މަތިން ޖަލަށް ވަޑައިގެން މައުމޫންއަށް ވަނީ އެހީތެރިވެ ވަޑައިގެންފަ އެވެ.

ޝަރީއަތުގެ މަޖިލިސް ފެށުމާއެކު މައުމޫން ހަމީދު އެކަން ގާޒީގެ ސަމާލު ކަމަށް ގެންނެވި އެވެ. އެޓޭކް އައިސްފިނަމަ 48 ގަޑިއިރު ވަންދެން އެއްވެސް ހަރަކާތެއް ނުކުރެއްވުމަށް ޑޮކްޓަރުން އެމަނިކުފާނަށް އަންގާފައިވާ ކަމަށާއި ނަމަވެސް މިއަދު އެމަނިކުފާނު ޝަރީއަތަށް ވަޑައިގެންނެވީ ފުލުހުން މީގެކުރިން އަދަބުގެ ގޮތުގައި ބައެއް ފިޔަވަޅުތައް އެޅުއްވީމަ ކަމަށެވެ. އެމަނިކުފާނުގެ އަޑުއެހުން ފަސްކޮށްދެއްވުމަށް އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ ވިދާޅުވީ، މިއަދުގެ އަޑުއެހުން ކުރިއަށް ގެންދާނެ ކަމަށެވެ. ވަކީލް މައުމޫން ހަމީދާއި ފައިސަލް ތަކުރާރުކޮށް އެމަނިކުފާނަށް ގިނައިރު އިންވަން އުނދަގޫވެގެން އުޅުއްވާތީ އެކަން ފާހަގަކުރެއްވި އެވެ. ނަމަވެސް ގާޒީ ކޮންމެ ފަހަރަކު ވެސް ވިދާޅުވަނީ މައްސަލާގެ އަޑުއެހުން މިއަދު ކުރިއަށް ގެންދާނެ ކަމަށެވެ.