ދުނިޔެ

ވައި ނުސާފުވެ ތާޖް މަހަލްގެ ކުލަ ރީނދުލާއި ފެއްސަށް

May 23, 2018
2

އިންޑިއާގެ، އާގްރާ (ރޮއިޓާޒް) -- ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ތާރީހީ ބިނާ އިންޑިއާގެ، އާގްރާގައި ހުންނަ ތާޖް މަހަލްގެ ހިލަތަކުގެ ކުލަ ރީނދުލާއި ފެއްސަށް ބަދަލުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. ތަޖުރިބާކާރުން ބުނަނީ ސަންގްމަރުމަރު ހިލައިން ހަދާފައިވާ ތާޖް މަހަލްގެ ހުދުކަން ފެއްސާއި ރީދުލަށް ބަދަލުވަމުން ދަނީ، އާގްރާގެ ވައި ނުސާފުވުމުގެ ސަބަބުން ކަމަށެވެ.

އިންޑިއާ ސަރުކާރުން ތާޖްމަހަލް އެކަށީގެންވާ ގޮތުގައި ނުބަލަހައްޓާ ކަމަށް ބުނެ އެ ގައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓަށް ލޯޔަރުން ހުށަހެޅި ރިޕޯޓެއްގައި ބުނެފައި ވަނީ، ތާޖް މަހަލްއާ އިންވެގެން އޮންނަ ޔަމޫނާ ކޯރު ތަޣައްޔަރުވެފައި ވާތީ، އެ ކޯރުގައި އުޅޭ ބައެއް ސޫފާ ސޫފި ތާޖް މަހަލްއަށް ޖައްސަން ފެށުމުން ކޯރުގެ ކިލަބުކަން ތާޖް މަހަލްގެ ހުދު ހިލަތަކުގައި ހިފައި ހިލަތަކުގެ ކުލަ ބަދަލުވަމުންދާ ކަމަށެވެ. އަދި ތާޖުމަހަލްއާ އިންވެގެން އޮންނަ ހުސް ބިންތަކުގައި ތަފާތު ކުނިބުނި އުކާލައި އެ ކުނި ބުނި އެންދުމާއި ވަށައިގެން ހުރި ސަރަހައްދުތަކުގައި ބޮޑެތި އިމާރާތްތައް ހެދުމުގެ މަސައްކަތް ކުރަމުން ދިޔުމަކީ ތާޖް މަހަލްގެ ހުދުކަން ގެއްލިގެންދާ ސަބަބެއް ކަމަށް ވެސް ތަޖުރިބާކާރުން ތައްޔާރުކުރި ރިޕޯޓްގައިވެ އެވެ.

ތާޖް މަހަލްގެ ކުރިމަތީ އޮންނަ ފެންއަރުވާ ވަޑާމުގެ ސަބަބުން، ތާޖްމަހަލްގައި ފިލައިން ހަދާފައިވާ ފައުންޑޭޝަނަށް ވެސް ގެއްލުންތައްވާ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. ރިޕޯޓްގައިވާ ގޮތުން ތާޖް މަހަލްގެ ހިލަތަކުގެ އަސްލު ކުލަ ރައްކާތެރި ކުރުމަށް ބޭނުން ކުރާ ބައެއް މާއްދާތައް އެކަމަށް އެންމެ އެކަށީގެން ނުވުމުގެ ސަބަބުން ދުވަހެއް ދުވަހަކަށް ހިލަތަކުގެ ހުދުކަން ނެތެމުންދާ ކަމަށެވެ. ތާޖް މަހަލްގެ އާބާތުރަ ފިލުވުމުގައި ބޭރުގެ އެހީ ހޯދުމަށް މި ރިޕޯޓް ތައްޔާރު ކުރި ފަރާތްތަކުން ވަނީ ލަފާދީފަ އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން ވެސް ވަނީ ތާޖް މަހަލް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް އެ ގައުމުގެ ސަރުކާރުގެ މައްޗަށް ވެސް މިފަހުން އަމުރުކޮށްފަ އެވެ. ތާޖް މަހަލްގެ ހިލަތަކުގެ ކުލަ ބަދަލުވާ މައްސަލައިގައި އެ ގައުމުގެ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.