ވިޔަފާރި

މި ވަރަކުން ފަތެއް ނުކެވޭނެ؟

May 23, 2018
4

"ފަތަކީ ކިތަންމެހާ ވެސް ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް، އެކަމަކު މިވަރުން ކިހިނެއް ފަތް ކާނީ؟، މި ހުރީ ވީއްޔާ އަގު ހުރި ވަރު؟" ފަތް ގަންނަން ލޯކަލް މާރުކޭޓަށް ގޮސް ހުރި މީހާގެ ޝަކުވާއަކީ މިއީ އެވެ. އެއީ އިއްޔެ އެވެ.

މި ރޯދަ މަސް ވެގެންދާނީ ފަތުގެ އަގުތައް އެންމެ ބޮޑުއެއް މަހަށެވެ. މާރުކޭޓަށް ބަލައިލުމުން ފަތުގެ ބާވަތްތައް ކިތަންމެ ގިނަ ނަމަވެސް އަގުތައް ހުރީ ވަރަށް މަތީގަ އެވެ. ދިވެހިން އާއްމު ގޮތެއްގައި ކެއުމުގައި ބޭނުންކުރާ ފަތުގެ ހުރިހާ ބާވަތެއްގެ އަގުތައް ވެސް ހުރީ އިންތިހާއަށް މަތިވެފަ އެވެ.

ފަތުގެ އަގުތައް ހުރި ގޮތަށް ބަލާއިރު ލެޓިއުސް ކިލޯއެއް ހުރީ 150ރ. އާއި 180ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ދިވެހިން އެންމެ ގިނައިން ސަޓަރި ހެދުމަށް ބޭނުންކުރާ ކޮޕީފަތް (ތިން ފަތުގެ) ބޮނޑިއެއް ވިއްކަނީ 25ރ. އަށެވެ. އަދި ކުއްޅަފިލާ ފަތް ބޮނޑިއެއްގެ އަގު އުޅެނީ 25ރ. އަށެވެ. މީގެ އިތުރުން ކަންކުން ފަތް ބޮނޑިއެއް ފަސް ރުފިޔާ އަށެވެ.

ބާޒާރަށް އެންމެ ގިނައިން ފަތް ގެންނަނީ ކ. ކާށިދޫއިންނެވެ. އެ ރަށުގެ ދަނޑުވެރިން ބުނާ ގޮތުގައި މި އަހަރު ވެސް ގިނަ އަދަދަށް މި އުފެއްދުން ބާޒާރަށް ދަނީ ނެރެމުންނެވެ.

ކާށިދޫ ދަނޑުވެރިއަކު ބުނި ގޮތުގައި ފަތް ބާޒާރަށް ނެރުނުނަމަވެސް އަގުތައް މަތިވެގެން އުޅެނީ، އެކަށީގެންވާ ވަރަށް ނުހެއްދުނީމަ އެވެ.

"މި އަހަރު ވިއްސާރަ ވެގެން ގިނަ ގަސްތައް މަރުވީ. އެހެންވެ ކޮންމެވެސް ވަރަކަށް މަދުވާނެ،" ދަނޑުވެރިޔާ ބުންޏެވެ.

ކޮންމެގޮތެއްވީ ނަމަވެސް، ބާޒާރުގައި މިހާރު ފަތުގެ އަގުތައް ހުރީ އިންތިހާއަށް މަތީގަ އެވެ. މިއަގުގައި ހުރެގެން ފަތް ގަތުންވާނީ ދަތި ކަމަށެވެ.