ހަބަރު

މަޖީދުގެ ވަކިވުން ފޫނުބެދޭނެ، ހިދުމަތްތައް ތާރީހުން ފޮހެވިގެން ނުދާނެ: އަދާލަތު

May 23, 2018
1

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލް މަޖީދު އަބުދުލްބާރީ އަވާހަރަ ވުމަކީ ގައުމަށް ކުރިމަތިވި ނުހަނު ބޮޑު ހިތާމައެއް ކަމަށާއި އެމަނިކުފާނު ވަކިވެގެން ދިއުމަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާ ކުރުމަށާއި ސިޔާސީ އިސްލާހީ މަސައްކަތަށް ކުރިމަތިވި ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ޑރ. މަޖީދު އަވަހާރަވުމާއި ގުޅިގެން އަދާލަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމީ އިލްމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ މިންވަރަށް ތައުލީމް ހާސިލް ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ދީނީ ރޮނގުންނާއި އިގްތިމާއީ އަދި ސިޔާސީ އެކިއެކި ދާއިރާތަކުން ދިވެހީންނަށް ކޮށްދީފައިވާ އެކިއެކި ހިދުމަތްތަކަކީ ދިވެހި ތާރީހުން ދުވަަކުވެސް ފޮހެވިގެން ނުދާނެ ކަމެއް ކަމަށެވެ.

ބަޔާނުގައި ވަނީ، އެމަނިކުފާނުގެ ނަންފުޅާއިގެ ގުޅިގެން އިސްލާމީ ޝަހްސިއްޔަތާއި ގުޅުން ހުރި އެތައްް ކަމެއް ތަރައްގީވެގެން ގޮސްފައިވާ ކަމަށެވެ.

"ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ފުރަތަމަ އިސްލާމިކް އެފެއާޒްގެ މިނިސްޓަރުގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ފިގުހު އެކަޑަމީހެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުންނާއި އިސްލާމިކް ބޭންކިން ރާއްޖެއަށް ތައާރަފް ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅާއި އެފަދަ އެތައް ހިދުމަތްތަކެއްގެ ސަބަބުން ދިވެހި ގައުމަށް އަގު ނުކުރެވޭވަރުގެ މަންފާތަކެއް ކޮށްފި،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ކޮންމެ ހާލަތެއްގައި ހައްގުބަސް ބުނުމާއި މަޑުމައިތުރިކަމާއި މިޒާޖްގެ ސާދާ ކަމަކީ މަޖީދުގެ ހަޔާތްޕުޅުން ދެއްކެވި މަތިވެރި ނަމޫނާއެއް ކަމަށެވެ. އަދި އެ މަތިވެރި ނަމޫނާ ތަކަކީ އިސްލާމީ ދައުލަތު ފެތުރުމުގައި ދީނީ އިލްމުވެރިންނާއި ހަމައެހެންމު އާންމު ރައްޔިތުން ވެސް އިރުޝާދު ލިބިގަންނަންވީ ކަންކަން ކަމަށް ބަޔާނުގައި ވެއެވެ.

މަޖީދު އަވާހަރަވެފައިވަނީ އިއްޔެ މެންުދުރުފަހުގެ ވަގުތެއްގައި އެވެ. އެމަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަކީ 55 އަހަރެވެ. ސްޓްރޯކެއް ޖެހިވަޑައިގަތް ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެމަނިކުފާނުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން މާދަމާ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ދިވެހި ރާއްޖޭގެ ސަރުކާރުތަކަށާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވެވި މަޖީދަކީ ގުރުއާން ތަފުސީރުން ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ އެވެ. އޭނާއަކީ ވަރަށް ބޮޑު އިލްމުވެރިއެކެވެ. އޭނާ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް ކަމާއި ކުރީގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މަގާމްތައް ފުރުއްވާފައެވެ. އަދި އަދާލަތު ޕާޓީގެ އެއް ފައުންޑާއަކީ ވެސް މަޖީދެވެ. ދިނީ އިލްމުވެރިއެއް ނަމަވެސް އެމަނިކުފާނަކީ ސިޔާސީ ދާއިރާގައި ވެސް ހިނގި ނަމެކެވެ.